ފްލެޓް ކޮމިޓީއިން ހާލަތު ބަލަން ނުދާ ގެތައް އަންގައިދޭން އެދިއްޖެ

ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ 25 ބުރީގެ ފްލެޓެއް--- ފޮޓޯ: ޗައިނާ ސަފީރު/ ޒޭންގް ލިޒްހޮންގް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ގާއިމު ކުރަމުންދާ ފްލެޓުތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައެއް ފަރާތްތަކަށް ނުގުޅޭތީ ދިރިއުޅުމުގެ ހާލަތު ނުބެލިގެން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއިން އެކަން އިއުލާނު ކޮށްފި އެވެ.

ފްލެޓް ކޮމިޓީއިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހިޔާ މަޝްރޫއުގެ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލަން ފަށައިފައެވެ.

އެ ކޮމިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ފޯމުތަކުގައި ހުރި ބައެއް ނަމްބަރު ތަކަށް ގުޅާއިރު ފޯނަށް ނުގުޅޭ މައްސަލަ ދިމާވާ ކަމަށް ފްލެޓް ކޮމިޓީއިން ބުންޏެވެ.

ނުގުޅިގެން އިއުލާނުކުރީ ފަސް ކެޓަގަރީއަކަށް ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކެވެ. އޭގެ ތެރޭގައި އެޗް13، އެޗް12، އެޗް5، އެޗް4 އަދި އެޗް15 ކެޓަގަރީގެ ފްލެޓްތަކަށް ކުރިމަތިލީ 48 މީހަކު ހިމެނެއެވެ. ފްލެޓް ކޮމިޓީއިން ބުނީ އެ ފަރާތްތަކަށް ގުޅަން ތަކުރާރުކޮށް މަސައްކަތް ކުރި ކަމަށެވެ.

"ވީމާ، މި ލިސްޓުގައި ހިމެނޭ ފަރާތްތަކުން 2020 ފެބުރުއަރީ 11 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން 7761108 މި ނަމްބަރާ ގުޅުއްވުމަށް ދެންނެވީމެވެ. އަދި، އެ ނަންބަރުން ގުޅޭގޮތްނުވިނަމަ، އެސްއެމްއެސް އެއް ފޮނުއްވުމަށްވެސް ދެންނެވީމެވެ." ފްލެޓް ކޮމިޓީއިން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ހިޔާ މަޝްރޫއުގެ 7000 ފްލެޓު މިއަހަރު ތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 އަށް ވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަހައްދުގައި ތިބި ކަން ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް