ނޭމާއަށް އަނެއްކާ ވެސް އަނިޔާވެ ކުޅުމާ ދުރަށް

ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ --- ފޮޓޯ// ކްރިސް މޮއިސަން

ފްރާންސްގެ ޕީއެސްޖީ ތަރި ނޭމާ ޖޫނިއާއަށް އަނިޔާވެ ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.

މިރޭ ފްރެންޗު ލީގުގައި ނަންޓޭސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ނޭމާއަށް އަނިޔާވެފައިވާ ކަމަށް އެކުލަބުން ބުނެފައިވާ އިރު އަނިޔާގެ ސީރިއަސްކަން އަދި ކުލަބުން ހާމައެއް ނުކުރެ އެވެ. އެކަމަކު އަނިޔާވެފައިވާ ވަނީ މޭ ކަށިގަނޑަށް ކަމަށް ކުލަބުން ވަނީ ބުނެފަ އެވެ.

އުމުރުން 27 އަހަރުގެ ނޭމާއަށް މާދަމާ 28 އަހަރު ފުރޭ އިރު އޭނާ ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އޭނާގެ އުފަން ދުވަހުގެ ޕާޓީ ޕެރިހުގައި ހުންނަ ނައިޓް ކުލަބެއްގައި ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. މަޝްހޫރު ކުޅުންތެރިންނާއި ސެލެބްރިޓީންނާ އެކު ނޭމާގެ ޕާޓީ އެގޮތަށް ބޭއްވުމުން ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ޓުޗެލް ބުނީ ނޭމާގެ ޕާޓީގެ ސަބަބުން ޕީއެސްޖީ ކުޅުންތެރިންގެ ފޯކަސް ގެއްލިގެންދާނެ ކަމަށާއި އެއީ ކުރިއަށް އޮތް މެޗަށް ގެއްލުންތަކެއް ދިމާވެދާނެ ކަމެއް ކަމަށެވެ.

އެކަމަކު އިއްޔެގެ ޓްރެއިނިންގްއަށް ފަހު ޓުޗެލް ބުނީ ޓީމް ސެލެކްޝަނުގައި ނޭމާގެ ޕާޓީއަށް ދިޔަ ކުޅުންތެރިންނަށް ވަކިން ނުބަލާނެ ކަމަށެވެ. އެހެން ނަމަވެސް ނޭމާއަށް އަނިޔާވުމުން އޭނަގެ ހާލަތު ބަލަމުން އަންނަ ކަމަށާއި އަނިޔާގެ ސީރިއަސްކަން އެނގޭނީ އިތުރު ޓެސްޓްތަކެއް ހެދުމުން ކަމަށެވެ.

ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް ބޮޑެތި އަނިޔާތަކެއްވެ، ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނޭމާ އަންނަނީ މި ސީޒަނުގައި ޕީއެސްޖީއާ އެކު މޮޅު ކުޅުމެއް ދައްކާ ގިނަ ގޯލުތަކެއް ވެސް ޖަހަމުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގައި 13 ގޯލު އޭނާ ޖަހާފައިވާ އިރު ޕީއެސްޖީ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް މާސޭއަށް ވުރެން 12 ޕޮއިންޓް ކުރީގަ އެވެ.

ނޭމާގެ އިތުރުން ވެސް ޕީއެސްޖީގެ މުހިއްމު ކުޅުންތެރިންތަކެއް މިވަގުތު އަނިޔާގެ ސަބަބުން ތިބީ ކުޅުމާ ދުރުގަ އެވެ. އެގޮތުން ކެޕްޓަން މާކީނިއޯސްއާއި ތިއާގޯ ސިލްވާ އަދި އެންޑާ ހެރޭރާގެ އިތުރުން ޖުއަން ބާނެޓް ވެސް މިވަގުތު ތިބީ އަނިޔާގަ އެވެ.

comment ކޮމެންޓް