ޑިކޯވާ މީހުންނަށް އައްޑޫގައި ފަރުވާ ދެވޭނެގޮތް ހަދަނީ

މަހަށްގޮސް ފީނަން އުޅުނިކޮށް ޑިކޯވި މީހަކު މާލެ ގެންނަނީ--- ފޮޓޯ: އެމްއެންޑީއެފް

މަހަށްގޮސް އަދި އެން ހޯދުމަށް ފީނަން އުޅުމުގެ ތެރޭގައި ދިމާވަމުން އަންނަ ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވުމުގެ މައްސަލަތަކަށް އައްޑޫ ސިޓީގައި ފަރުވާ ދެވޭނެ އިންތިޒާމް ދެވޭނެ އިންތިޒާމް ހަމަޖައްސަން ސަރުކާރުން ނިންމައިފި އެެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށިގެންދާނެ ކަމަށެވެ.

"އަދި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް، އަންނަ މާރިޗު މަހުގެ ތެރޭގައި ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން." ރައީސް ސޯލިހް ވިދާޅުވި އެވެ.

ޑިކޯވާ މީހުންނަށް މިހާރު ފަރުވާ ދެނީ ބަނޑޮހުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރު ބޭނުންކޮށްގެންނެވެ.

ފީނުމުގައި ޑިކޯވުމުގެ މައްސަލައަކީ ރާއްޖޭގައި އާންމު ކަމެކެެވެ. އެ މައްސަލަ އިތުރުވާތީ ކާށިދޫ ދާއިރާގެ މެމްބަރުއަބްދުﷲ ޖާބިރު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިދިޔަ ނޮވެމްބަރު މަހު މަޖިލީހަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.

ޖާބިރު ވިދާޅުވީ ޑިކޯވާ ފަރާތްތަކަށް އަވަސްފަރުވާ ދެވޭނެ އެއްވެސް ވަސީލަތްތަކެއް މަސްވެރި އަތޮޅުތަކުގައި ގާއިމުވެފައި ނެތްކަމަށެވެ. އޭގެ ސަބަބުން ދިވެހި އެތައް މަސްވެރިންނެއްގެ ފުރާނަ ގެއްލި، އަދި އެތައް ބަޔަކު ނުކުޅެދޭ ހާލަތުގައި އުޅެންޖެހިފައިވާ ކަން ޖާބިރު މަޖިލީހަށް ހުށަހެޅި މައްސަަލައިގައި ފާހަގަކުރެއްވި އެވެ.

މިދިޔަ މަހު ވެސް ގދ. ކޮންޓާ ހިސާބުގައި މަސްވެރިކުރަން އުޅުނު މީހަކަށް ޑިކޯވެގެން ފަރުވާދިނެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ވެސް ދެ މީހަކު ގދ. އަތޮޅުގައި ޑިކޯވެގެން ބަނޑޮސްގައި އެކަމަށް ފަރުވާދޭ ތަނުގައާއި އަދި އައިޖީއެމްއެޗްގައި ފަރުވާދިނެވެ.

comment ކޮމެންޓް