ބާސެލޯނާ ފަރަގު ކުޑަކޮށްފި، ތަފާތަކަށްވީ 17 އަހަރުގެ ފާޓީ

ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ރަޔާން ބެންސަން

ސްޕެނިޝް ލީގުގައި ރޭ ލެވާންޓޭ ބަލިކޮށް ބާސެލޯނާއިން އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން އެ ޓީމު މޮޅުވީ 1-2ގެ ނަތީޖާއަކުންނެވެ. ޓީމުގެ އައު ކޯޗު ކީކޭ ސެޓިއެންގެ އިރުޝާދާ އެކު ޓީމުގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު ރޭގެ މެޗުން ލިބުނު މޮޅާ އެކު ބާސެލޯނާ ތާވަލުގެ ދެވަނައިގައި އޮތީ 46 ޕޮއިންޓާ އެކުގަ އެވެ. އެއްވަނާގައި ރެއާލް މެޑްރިޑް އޮތީ 22 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗަށް ބާސެލޯނާއިން ވަރުގަދަ ސްކޮޑަކާ އެކު ނުކުން ނަމަވެސް އެ ޓީމުގެ ސްޓަރައިކަރު ލުއިސް ސުއަރޭޒް އަދި ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އޭނަގެ ބަދަލުގައި ކުޅެން ނުކުން، އަންސޫ ފާޓީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރު މެޗުގައި ބާސެލޯނާއިން ޖެހި ދެ ގޯލު ވެސް ޖެހީ އޭނާ އެވެ. އެ ދެ ގޯލު ޖެހުމަށް ވެސް އެސިސްޓް ކޮށްދިން ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ރޭގެ މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި އިރު އޭނާއަށް އިދިކޮޅު ލެވެންޓޭގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

އެ މެޗުގައި އުމުރުން 17 އަހަރުގެ ފާޓީ ދެ ގޯލު ޖެހުމުން އޭނާ ވެފައި ވަނީ ސްޕެނިޝް ލީގުގެ ތާރީހުގައި އެއް މެޗެއްގައި ދެ ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މި ރެކޯޑް ކުރިން އޮތީ 2010 ވަނަ އަހަރު މަލާގާ އަށް ދެ ގޯލު ޖަހައިދިން ހުއާންމީ ހިމެނޭޒް އަތުގަ އެވެ. ފާޓީ ދެ ގޯލު ޖެހިއިރު އުމުރަކީ 17 އަހަރާއި 94 ދުވަހެވެ. ހުއާންމީ ރެކޯޑް ހެދި އުމުރަކީ 17 އަހަރާއި 115 ދުވަހެވެ.

"އަހަރެންނަށް އަދި ވެސް ގަބޫލު ނުކުރެވިފައި މިހުންނަނީ މިއީ ހަގީގަތެއްކަން،" މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފާޓީ ބުންޏެވެ. "އަހަރެން ކުޑަ އިރުން ފެށިގެން ވެސް އަބަދު ވެސް އެންމެ ގިނައިން ބަލަނީ މެސީ ކުޅޭތަން. އެކަމަކު މިހާރު އޭނާއާ އެކު އެއް ދަނޑެއްގައި އެ ޓީމެއްގައި ކުޅެން ލިބުމަކީ ބޮޑު ޝަރަފެއް،"

ފާޓީ ބުނީ ކުޅުމުގައި ރަނގަޅު ކުރަން ވަރަށް ބައިވަރު ކަންކަން އަދިވެސް ހުރިކަން އޭނާއަށް އިނގޭ ކަމަށެވެ. އެކަމަކު ޓީމުގެ ކުޅުންތެރިންގެ އެހީތެރިކަމާ އެކު ކުރިއަށް އޮތްތާ އިތުރަށް ކުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފާޓީ ބުންޏެވެ.

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ ކުޅުނު މެޗުން އަލާވެސްއާ 1-1 އިން އެއްވަރުވުމުން އޭގެ ފައިދާ ނަގައި ގެޓަފޭ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ގެޓަފޭ ރޭ މޮޅުވީ އެތުލެޓިކް ބިލްބާއޯ ދަނޑުގައި ކުޅުނު މެޗުން 2-0 އިންނެވެ.

comment ކޮމެންޓް