ހިޔާގެ 7000 ފްލެޓް މިއަހަރު ހައްގުވެރިންނާ ހަވާލުކުރާނަން: ރައީސް

ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ ފްލެޓްތައް: އެ ފްލެޓްތަކަށް މިއަހަރު ތެރޭގައި ވަދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރު ތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ދެ ވަނަ ފިޔަވަހީގައި އަޅަން ފެށި 7000 ފްލެޓްގެ އަމަލީ މަސައްކަތް ނުނިމެނީސް ވަނީ އެ ފްލެޓްތައް ލިބޭނެ މީހުންގެ ލިސްޓެއް ރައީސް ޔާމީން ސަރުކާރުގެ ފަހު ދުވަސްކޮޅުގައި އާންމު ކޮށްފަ އެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމުގެ ކުރިން އަވަސް އަރުވާލައިގެން ހިންގި "ޖަރީމާ"އެއް ކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް ހިންގާފައިވާ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިއަދު މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މައްސަލައަށް އަލިއަޅުވާލައި ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 އަށް ވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަހައްދުގައި ތިބި ކަން ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާތަނަށް މުޅި ޖުމްލަ 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާންކުރުމަށް ވަނީ ތައްޔާރުވެފައި. ހިޔާ މަޝްރޫއުގެ 7000 ފްލެޓް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ހަވާލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ 7000 ފްލެޓްގެ އިތުރުން މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ އިތުރުން ހދ. ނޮޅިވަރަންފަރުގައި އަޅުމުންދާ 60 ހައުސިންގ ޔުނިޓް މިއަހަރު ނިންމައި އެތަންތާންގައި ދިރިއުޅެވެން ފެށޭނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ފެލްޓް ތަކަކީ ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކުގެ ތެރެއިން، މިހާތަނަށްވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބެ ތިބި އާއިލާތަކަށް އަޅައިދޭ ތަންތަނެވެ.

comment ކޮމެންޓް