ތާރީހު އިޔާދަކޮށް، މަޖިލީހުގެ ޖަލްސާ ފެށީ ސަލަވާތް ފާތިހާއިން!

ހަކުރާ ގަނޑުވަރުގައި ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/މަޖިލިސް

ދެހާސް ވިހިވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ މިއަދު ބޭއްވިއިރު، ޖަލްސާ ފެށިގެން ދިޔައީ ތަފާތުކޮށެވެ. މީގެކުރިން ރިޔާސީ ބަޔާން އިއްވާ ޖަލްސާތައް ފެށިގެން ދަނީ ކީރިތި ގުރްއާން ކިޔެވުމުންނެވެ. ނަމަވެސް މިއަދުގެ ޖަލްސާ ފެށީ ސަލަވާތާއި ފާތިހާ ކިޔުމުންނެވެ.

މި ބަދަލާއެކު ވަންނަން މި ޖެހެނީ ތާރީހުގެ ތެރެއަށެވެ. މިއަދު ރައްޔިތުންގެ މަޖިލީހުން ފެނިގެން ދިޔައީ، 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އައްސުލްތާން މުހައްމަދު ޝަމްސުއްދީން (ތިންވަނަ)، އިސްކަންދަރު ސިރީކުލަ ސުންދުރަ ކައްތިރިބަވަނަ މަހާރަދުން ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ތަސްދީގުކޮށްދެއްވި ޖަލްސާއާ ދާދި އެއްކަހަލަ މަންޒަރެކެވެ. އެ ދުވަހުގެ ޖަލްސާވެސް ފެށީ ހެނދުނު ނުވައެއް ޖެހިއިރުއެވެ.

2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް -- ފޮޓޯ/ މަޖިލިސް

"އެކަން ހިނގައިދިޔައީ އިބްރާހީމިއްޔާ މައިދާނުގައި. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނުއަސާސީއެއް އިއުލާނު ކުރެވުނު ދުވަސް،" މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް އިއުލާނުކުރި ޖަލްސާ ފެށިގެން ދިޔައީ ފަނޑިޔާރު މަނިކުފާނު އިސްވެ ސޮލަވާތާއި ފާތިހާ ވިދާޅުވުމުންނެވެ. އެއަށްފަހު ދެން އިވިގެން ދިޔައީ ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ޚުތުބަތުލް އަރުޝި ނުވަތަ ރިޔާސީ ބަޔާނެވެ.

އެ ބައްދަލުވުމުގައި ހުތުބަތުލް އަރުޝިއަށް ޖަވާބު އެރުވީ ގާނޫނުއަސާސީ އެކުލަވާލެއްވި ކޮމިޓީގެ މެމްބަރުކަންވެސް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު ހެންވޭރުގޭ އަހްމަދު ކާމިލް ދީދީއެވެ. އެ ދުވަހު ތަސްދީގުކުރެވުނު ފުރަތަމަ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ކެބިނެޓުގެ ދެ ޕޯޓްފޯލިއޯއެއް އަހްމަދު ކާމިލް ދީދީއަށް ލިބިވަޑައިގަތެވެ. އެއީ ވަޒީރުއްދާޚިލިއްޔާ (ހޯމް މިނިސްޓަރު) އަދި ވަޒީރުލްމަޢާރިފް (އެޑިއުކޭޝަން މިނިސްޓަރު)ކަމެވެ.

މިއަދު ހެނދުނު ނުވައެއް ޖެހިއިރު، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާވެސް ކުރިއަށް ދިޔައީ ދާދި އެއްގޮތަކަށެވެ. ޖަލްސާގައި ފުރަތަމަ އޮތީ ސަލަވާތާއި ފާތިހާ ކިޔުމެވެ. ސަލަވާތް ކިޔަވާ ވިދާޅުވެދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ޞަލަވާތް ފާތިހާ ވިދާޅުވަނީ -- ފޮޓޯ/ މަޖިލިސް

އެއަށްފަހު 2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވަވައިދެއްވައިފައެވެ.

އެއަށްފަހު މަޖިލީހުގެ ރައީސް ނަޝީދު ދެއްކެވި ވާހަކައިގައި ވިދާޅުވީ ރިޔާސީ ބަޔާނަށް މަޖިލީހުގައި ޖަވާބު ދެއްވާންޖެހޭނީ އިދިކޮޅު ލީޑަރު ކަމަށާއި މިހާރުގެ މަޖިލީހުގެ އިދިކޮޅު ލީޑަރަކީ ކޮބާކަން އެނގުނުހާ އަވަހަކަށް ބަޔާނަށް ޖަވާބު ދޭނެކަމަށެވެ.

މިއަދުގެ ޖަލްސާގައި 87 މެމްބަރުންގެ ތެރެއިން 80 މެމްބަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް