ހަނގުރާމައިން އަންނަ މީހުން ރީހެބިލިޓޭޓް ކުރާ މަރުކަޒުގެ މަސައްކަތް ނިމިއްޖެ

ދިވެހިންގެ ބަޔަކު ސީރިއާގައި ---

ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ރިހިބިލިޓޭޓް ކުރަން ކ. ހިންމަފުށީގައި އިމާރަތްކުރާ ޑީ-ރެޑިކަލައިޒޭޝަން އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހި އަންހެނުންނާއި ކުޑަކުދިން ރާއްޖެ ގެނެސް އެ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރަން ނިންމެވީ ރައީސް ސޯލިހެވެ.

ރައީސް މީގެކުރިން ވިދާޅުވެފައި ވަނީ ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހި އަންހެނުންނާއި ކުޑަކުދިން އެހެން ގައުމަކަށް ގެންދިޔުމަށް ފަހު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހުން އަނބުރާ ރާއްޖެ ގެނެސް މުޖުތަމައަށް ނެރުމުގެ ކުރިން އެ މީހުން ރިހިބިލިޓޭޓް ކުރާނެ ކަމަށެވެ.

އެމީހުން ރިހެބިލިޓޭޓް ކުރާ މަރުކަޒުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އަށް، 49 މިލިއަން ރުފިޔާއަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ މިހާރު އެ މަރުކަޒުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

"ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިޔުމަށް ފަހު އެނބުރި އަންނަ މީހުން، އިސްލާހުކޮށް މުޖްތަމައަށް ގެނައުމަށްޓަކައި ގާއިމުކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ އިމާރާތް ވެސް މިހާރުވަނީ ހަދައި ނިމިފައި،" ރައީސް ވިދާޅުވިއެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ހާމަކޮށްފައިވާ ގޮތުގައި ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށް 173 ދިވެއްސަކު ވަނީ ގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 53 ޕަސެންޓު ފިރިހެނުންނާއި 26 ޕަސަންޓު އަންހެނުން އަދި 26 ޕަސަންޓު ކުޑަކުދިންނެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައި ވަނީ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް 250 މީހުންނަށް އެކަން ކާމިޔާބު ނިވި ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ހިލާފު ހިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ރާއްޖޭގައި އެކަން ފެތުރިފައިވާ މިންވަރު ސަރުކާރުން އާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަމަށް ވިޔަސް، މިއަދާ ހަމައަށް މިކަން ހައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެކަންކަން ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރެވޭނޭހެން، ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓާ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޓެރަރިޒަމާއި ހަރުކަށި ހިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުއާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް