މާލެ-ތިލަފުށި ބްރިޖް ސާވޭ ފަށައިފި، މިއަހަރު ބުރިޖް އަޅަން ފަށާނެ

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް --- ފައިލް ފޮޓޯ

މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ބްރިޖްގެ މަސައްކަތް ފެށުމަށް ހަދަން ޖެހޭ ސާވޭތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ، މިހާރު ފެށިފައިވާ މާލެ-ވިލިމާލެ ބުރިޖްގެ ސާވޭގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި އެ ބްރިޖްގެ އަމަލީ މަސައްކަތްތައް މިއަހަރު ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ބްރިޖްގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭ ފެށިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދުގެ މަޖިލީހުގައި ރިޔާސީ ބަޔާން ދެއްވަނީ --- ފޮޓޯ: މަޖިލިސް

މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ އެ ބުރިޖްގެ މަޝްރޫއަކީ، 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) މަޝްރޫއެކެވެ.

މިއަހަރުގެ ބަޖެޓްގައި ލަފާކޮށްފައިވާ ގޮތުގައި، އެ ބުރިޖަށް އަބޫދާބީ ފަންޑުން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ އެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު އެ އަދަދު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

އެ ބްރިޖްގެ އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ.

comment ކޮމެންޓް