ރަށް ގިރުމަކީ ދުނިޔޭގެ އެހީއަށް އެދެން ޖެހޭ ވަރު ކަމެއް ނޫން: މީމުޒަވިޔަނި

ހަނިމާދޫ ގޮނޑުދޮށް ގިރަނީ---

ފަހަކަށް އައިސް ރާއްޖޭގެ ބައެއް ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަކީ މޫސުމީ ކަމެއް ކަމަށާއި މިއީ ދުނިޔޭގެ ސަމާލުކަމަށް ގެންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ ރާއްޖޭގެ ރަށްތައް މިހާރު ގިރަމުން ދަނީ، ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ.

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

"މިއީ ހާއްސަ ހާލަތެއްތޯ؟ ބައިނަލްއަގްވާމީ އެހީއަށް އެދެންޖެހޭ ވަރުގެ. ނޫން އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ނުދަންނަވާނަން މިއީ ބޭރުގެ އެހީއަށް އެދެން ޖެހޭ ވަރުގެ ހާއްސަ ހާލަތެކޭ،" ޒާހިރު ވިދާޅުވި އެވެ.

ދުނިޔޭގެ އެހީއަށް އެދެން ނުޖެހޭ ސަބަބެއް ކަމަށް ޒާހިރު ފާހަގަ ކުރެއްވީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ކޮމެޓީއަށް ހާޒިރުވި ބޭފުޅުންނާއި މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ކޮމެޓީގައި ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު އެވެ.

ފައިނު އަތިރިމަތިން ވެއްޓުނު ގަސްތައް ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ވައްޑެ

ކޮމެޓީގައި މީޓިއޮރޮލޮޖިކަލް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފު ވިދާޅުވީ މި ހާލަތު ދިމާވީ އަރަބި ކަނޑުގައި އުފެދުނު ތޫފާންތަކެއްގެ ސަބަބުން އިންޑިއާ ކަނޑަށް މިދިޔަ އަހަރު އައި ވަރަށް ތަފާތު ބަދަލުތަކެއްގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ގާތްގަނޑަކަށް 117 އަހަރުގެ ޑޭޓާއަށް [ލިބެން ހުރި ގައުމުތަކުގެ] ބަލާއިރު މި ހާލަތު [މީގެ ކުރިން] ދިމާވީ 1902 ވަނަ އަހަރުގައި. އެރޭބިއަން ކަނޑުގައި އަޅުގަނޑުމެން ކިޔާ ސައިކްލޯން ސީޒަނުގައި އާންމުކޮށް އުފެދޭނީ އެންމެ ތޫފާނެއް. މިފަހަރު އުފެދުނު ފަސް ތޫފާން. އެއްފަހަރާ ދެ ތޫފާން ވެސް އުފެދިފައި އެބަހުރި،" ޝަރީފު ވިދާޅުވި އެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން އެންވަރަޔަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ދިމާވަނީ ފަސް އަހަރު ނުވަތަ 10 އަހަރުގެ ފްރީކުއެންސީއެއްގައި ކަން ފާހަގަވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިކަމާ ގުޅޭގޮތުން ސައިންސްގެ ގޮތުން ބެލިއިރުގައި މިކަން ވަރަށް ބޮޑަށް އެބަ ދިމާވޭ އިންޑިއާ ކަނޑުގައި އުފެދޭ ހާއްސަ ހާލަތަކާ ގުޅިގެން. އެއީ އިންޑިއާ ކަނޑުގައި އިރުމައްޗާ ދެކުނުގައި ޕްރެޝާ ޑިފަރެންސަސްތައް ހުންނަ ގޮތުން ވައިޖެހޭ ދިމާ ބަދަލުވެ، މޫސުން ހިނގާ ގޮތް ބަދަލުވެ، އެކަހަލަ ހާލަތްތައް އާދޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އެ ފާހަގަކުރައްވާ ހާލަތަކީ 'އިންޑިއަން އޯޝަން ޑައިޕޯލް' ނަމަކަށް ކިޔާ ހާލަތެކެވެ.

މިއީ ވަކި ހާއްސަ ހާލަތެއް ނޫން ކަން ފާހަގަކޮށް ޒާހިރު ވިދާޅުވީ ރަށްގިރުމުގެ މައްސަލަ މި ދުވަސްވަރު މާބޮޑަށް ފާހަގަކުރެވެނީ ހުރިހާ ކަމެއް އެއްފަހަރާ ދިމާވުމުން ކަމަށެވެ.

"މި ދަނޑިވަޅު ދިމާވި ގޮތް އަޅުގަނޑު ކުރިން ވެސް ވަރަށް ތަފްސީލުކޮށް ކިޔައިދިނިން. މި ދަނޑިވަޅާ މި ދިމާވީ ހަޅައިގެ އުތާއޭ. މި ހުރިހާ ކަމެއް އެއްފަހަރާ ޖެހުނީމަ ތަންކޮޅެއް ބޮޑަށް މިކަން ފާހަގަކުރެވުނީ." ޒާހިރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިފަހަކަށް އައިސް ރަށްގިރުމުގެ މައްސަލަ ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވީ ރަށް ގިރުމަކީ ހިނގާނެ އަދި ހިނގަން ޖެހޭނެ ކަމެއް ކަމަށެވެ.

"ރަށްގިރުމުގެ މައްސަލަ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކުރިއަށް ވުރެ ބޮޑު. އެހެން ނަމަވެސް ރަށްގިރުމުގެ މައްސަލައަކީ އަބަދުވެސް ރާއްޖޭގައި ހިނގާނެ، ހިނގަން ޖެހޭނެ ކަމެއް. އެއީ ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ އެ ރަށުގެ ވަށައިގެން އޮންނަ ވެލިގަނޑު [ރަށުގެ] ވަށައިގެން ދައުރު ކުރެވޭނެ ގޮތަކަށް. އެހެން ހުއްޓާ އަޅުގަނޑުމެން އެ ވެލިގަނޑަށް އެކިއެކި ބަދަލުތައް ގެނައުމުގެ ސަބަބުން ރަށްގިރުމުގެ ބޮޑެތި މައްސަލަތައް މި ނިކުންނަނީ." ޒާހިރު ވިދާޅުވި އެވެ.

comment ކޮމެންޓް