މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކުރި އިރު، ބާރުގެ ބޭނުންކުރި ގޮތް ބަލަނީ

ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ ފުލުހުން

މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކުރި އިރު، ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ބަލަން ފުލުހުންގެ އިދާރާ އިން ނިންމައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހުޅުމާލެ ފްލެޓެއްގައި ދިރިއުޅޭ މީހަކަަށް މަރުގެ އިންޒާރު ދޭކަމަށް ބުނާ މައްސަލަައެއް ފުލުހުން ހުށަހެޅި ކަމަށެވެ. އެކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ފުލުހުން އެ ފްލެޓަށް ދިޔަކަމަށް ފުލުހުން ބުންޏެވެ.

އެ ފްލެޓުގެ އެޕާޓަމަންޓްއެއްގައި ފުލުހުން ތިއްބާ އެ ގެއަށް ދެ މީހަކު ދަނޑިބުރިއެއް ހިފައިގެން މާރާމާރީ ހިންގުމަށް އައިކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ދެމީހުން އެ ގޭ ތެރެއަށް ނުވަދެވޭނެހެން ބޭރުގައި މަޑުކުރުވާފައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭތީ ފުލުހުން އެމީހުން ގާތު ދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް ނެތި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކިކަމަށެވެ. އަދި އެތަނުން އެތަނުން އެއް ފުލުހަކަށް މަރުގެ އިންޒާރުދީ އޭނާގެ ގަޔަށް ވަޅި ހަރާނެކަމަށް ބުނެ ފުލުސް މީހާގެ ގަޔަށް އަތްލާ އޭނާ އާއިމެދު މާރާމާރީ ހިންގަން އުޅުމުން އެރޭ 03:50 ހާއިރު އެ ދެމީހުން ހައްޔަރުކުރިކަމަށް ފުލުހުން ބުންޏެވެ.

ދެ މީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެ ދެ މީހުން ފުލުހުން ފޮޅުވާލައި، ގަދަ ދެއްކުމުގެ ސަބަބުން، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްފައި އަދި އެ ދެމީހުން ބިޑިއަޅުވަން މަސައްކަތް ކުރި ގަޑީގައި އެތަނުން އެކަކު ވެއްޓި ބިންމަތީގައި ބޯ ޖެހުމުގެ ސަބަބުން ބޯ ދުޅަވެފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުން ފަހުން ދެމީހުން ވަނީ ޕޮލިސް ސްޓޭޝަންއަށް ގެނެސް ‘އާފްޓަރ ކެއަރ' ދީ ބޮލަށް އަނިޔާވި މީހާ ވަނީ ޑޮކްޓަރަށް ދައްކައި ފަރުވާ ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގް ކުރަމުންދާ ކަމަށެވެ.

"ފުލުހުން ބާރުގެ ބޭނުން ކުރާ ކޮންމެ ފަހަރަކު ފުލުހުންގެ 'ޔޫސް އޮފް ފޯރސް ރިވިއު ކޮމިޓީ' އިން ބަލާ ފަދައިން، މި ހާދިސާވެސް އެ ކޮމިޓީއިން ދަނީ ބަލަމުންނެވެ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް