އާދަޔާ ހިލާފަށް ރަށް ގިރަނީ އިންޑިއަން އޯޝަން ޑައިޕޯލާ ހެދި: މިނިސްޓަރު

އެންވައިރުމެންޓް މިނިސްޓަރު ޑރ. ހުސައިން: އޭނާ ވަނީ ރަށް ގިރުން އިތުރުވި ސަބަބު ހާމަކޮށްފައި -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު އާދަޔާ ހިލާފަށް ރަށް ގިރަމުން ދަނީ "އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ)" ގެ ސަބަބުން ކަމަށް އެންވައިރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއަން އޯސަން ޑައިޕޯލް ނުވަތަ އިންޑިއަން ނިނޯ އަކީ މޫދު ލޮނުގަނޑުގެ ފިނި ހޫނުމިން، އިންޑިއާ ކަނޑުގެ ހުޅަނގު ބިތަށް ވުރެން ދަށްވެ ނުވަތަ މަތިވުމުން މޫސުމަށް އަންނަ ބަދަލުތަކެކެވެ.

ރަށްގިރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި އެންވައިރުމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ރަށް ގިރުން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑުމެނަށް ބޮޑަށް ގަބޫލު ކުރެވެނީ އިންޑިއަން އޯސަން ޑައިޕޯލް އޭ އެންމެ މުހިންމު އެއް ކަމަކީ މިކަން ކުރިމަތިވުމުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނުން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޒައްމަތު ހަލީލް ވަނީ އިންޑިއަން އޯސަން ޑައިޕޯލް ގެ ސަބަބުން ރަށް ގިރަން މެދުވެރިވާ ސަބަބު ތަފްސީލްކޮށްދެއްވާފަ އެވެ.

"އިންޑިއަން އޯސަން ޑައިޕޯލްގެ ސަބަބުން ދެކުނު ހުޅަނގުން ޖެހޭ ވައި ބަދަލުވާނޭ ދެކުނު އިރުން ޖެހޭ ވަޔަށް. އިރުމަތިފަރާތުން ޖެހޭ ވަޔަށް. އޭގެ މާނައަކީ ދިގުމުއްދަތަކަށް އާންމުގޮތެއްގައި ހަޅަ ޖަހާ ދުވަސްވަރު ހުޅަނގުން ޖެހުނު ވައި އިރަށް ބަދަލުވެފައޭ އިނީ. އެހެން ބަދަލުވީމަ އާންމު ގޮތެއްގައި ރަށްތައް މިހެދިފައި ހުންނަނީ އޮޔާއި ވަޔާއި ޖެހޭ ގޮތަކުން،" ޒައްމަތު ވިދާޅުވި އެވެ.

މީހުން އުޅޭ ރަށް ރަށޭ އެއްގޮތަށް މީހުން ނޫޅޭ ރަށް ރަށުގައި ވެސް ރަށް ގިރުމުންދާ ކަން ފާހަގަކުރައްވައި މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ، ބަނދަރު ހަދާފައި ހުރި ރަށްތަކުގައި ރަށް ގިރާވަރު އިތުރު ކަމަށެވެ.

ރަށްގިރުމުގެ ސަބަބުން ދާ ވެލިގަނޑު ރަށުގެ އެހެން ދިމާލަކަށް ޖަމާވާ ކަމަށް އެ ރަށް ރަށުގެ ދުވަސްވީ މީހުން ބުނެފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، މޫސުން ބަދަލުވުމުން ވެލިގަނޑު ކޮންމެވެސް ވަރަކަށް ކުރިން އޮންނަ ދިމާލަށް އަންނަ ކަމަށެވެ.

"އެހެންވީމަ އެބަ އިނގޭ މޫސުމަށް އަންނަ ބަދަލާއި ގުޅިގެން އަދި މޫސުން ވަކި ގޮތަކަށް ދިމާވީމަ ކުރާ އަސަރު ބޮޑުވާކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރަށް ގިރަމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެންވައިރުމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީއަށް އެންވައިރުމެންޓް މިނިސްޓަރުގެ އިތުރުން އެންވައިރުމެންޓަލް ޕްރޮޓެކްސަން އެޖެންސީ (އީޕީއޭ) އާއި މީޓްރޮލަޖީ އަދި ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ އިސް ވެރިން ވެސް ވަނީ ހާޒިރު ކޮށްފަ އެވެ.

comment ކޮމެންޓް