ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަމަހުގެ ޗުއްޓީދެވޭނެ ގޮތް ހަދަން އެދިއްޖެ

ނޮވެމްބަރ 7، 2019: ހައިކޯޓުގެ އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

ވިހެއުމާ ގުޅިގެން ސިވިލް ސާވިސްއާއި ސަރުކާރުގެ ކުންފުނިތަކާއި އެހެނިގެން މުވައްސަސާތަކުންވެސް މިހާރު ދަނީ ހަމަހުގެ ޗުއްޓީއެއް ދެމުންނެވެ. އެގޮތަށް ޗުއްޓީދޭން ފެށީ މިދިޔަ އަހަރު މާޗްމަހުއެެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވިހެއުމާ ގުޅިގެން އަންހެނުންނަށް ދޭ ހަ މަހުގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިިރިހެނުންނަށް އެއް މަހުގެ ޗުއްޓީ ހިމަނައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ދައުލަތުގެ ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގައި ދެންނެވުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ކޯޓުތަކުގައި މައްސަލަ ލައްވާ ލަސްވުމާ ގުޅޭގޮތުން ވެސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަސްކުރުމުގެ ގޮތުން އެއް އަހަރު ދުވަހަށް ވުރެ ގިނަ މުއްދަތަށް ޝަރީއަތުގެ އަޑުއެހުން ބޭއްވިފައިނުވާ މައްސަަލަތައް ދެނެެގަނެ އެ މައްސަލަތަކާއި އަދަދުތަކުގެ ތަފްސީލް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވުމަށް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.

comment ކޮމެންޓް