ޗައިނާގައި 43 ދިވެހީން، ރާއްޖެ އަންނަން ބޭނުމީ އެންމެ މީހެއް

ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާ ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެއްސަކު ޗައިނާއިން ގެނެސްފައިވާ އިރު މިވަގުތު އެގައުމުގައި ތިބީ 43 ދިވެހީން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ނަމަވެސް އޭގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވަނީ އެންމެ މީހެކެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމާ ގުޅިގެން ޗައިނާގައި ތިބި ދިވެހީންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި ރާއްޖެ އާދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވެ އެވެ.

އެގޮތުން ރާއްޖޭގެ ގައުމީ އެއަލައިން މޯލްޑިވިއަން ދަތުރުކުރާ ޗައިނާގެ ފަސް ސިޓީ ކަމުގައިވާ ޗޮންގްޗިންގް، ޗެންގްދޫ، ހަންޖޯ، ނަންޖިއަން އަދި ޝިއާން މެދުވެރިކޮށް ހިލޭ ރާއްޖެ އައުމުގެ ކަންކަން ހަމަޖައްސައިދޭން ރައީސް ނިންމެވި އެވެ. އަދި ރާއްޖެ އައުމަށް އެދޭ ދިވެހީން އެމްބަސީއާ ގުޅުމަށް މީގެ ކުރިން ސަރުކާރުން އެދިފައިވެ އެވެ.

ޗައިނާގެ ވޫހާންގައި ތިބި ނުވަ ދިވެހީންގެ ތެރެއިން ހަތް ދިވެއްސަކު އިންޑިއާގެ އެހީގައި މިއަދު ވަނީ ދިއްލީއަށް ގެންގޮސް، ކަރަންޓީން ފެސިލިޓީއެއްގައި ކަރަންޓީނުކޮށްފަ އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ހަތް ދިވެހިން ޗައިނާއިން ބޭރުކޮށްފައިވާ އިރު، މިވަގުތު ޗައިނާގައި ބާކީ ތިބީ 43 ދިވެހިން ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވަނީ އެންމެ މީހަކުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވޫހާންގައި ތިބި ދިވެހި ރައްޔިތުން ނޫން އެހެން މީހުންނަށް މޯލްޑިވިއަން ދަތުރުކުރާ ފަސް ސިޓީން އެނބުރި ރާއްޖެ އައުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ފަހިކޮށްދެއްވި. އެ ފުރުސަތުގެ ތެރޭގައި ރެޖިސްޓްރީ ވެފައިވަނީ ދެ މީހުން. އޭގެ ތެރެއިން އެކަކު ވަނީ ފުރުސަތު ބޭނުންކުރަން ބޭނުން ނޫންކަމަށް ބުނެފައި. އެހެންކަމުން އެކަކު ފުރުސަތުގެ ބޭނުން ހިފަން ނިންމާފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ރާއްޖެ ގެންނާނެ ތާރީހެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިވަގުތު ޗައިނާގައި ތިބި 43 ދިވެހި ރައްޔިތުންގެ ހާލު ދިވެހި ސަރުކާރުން ގާތުން ބަލަމުން ދާ ކަމަށެވެ. އަދި އެ މީހުންނަށް މިފަދަ ހާލަތެއްގައި ދެވެން އޮތް ހުރިހާ އެހީއެއް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިއްލީގެ ހުޅަނގު ދެކުނުގައި އޮންނަ އިންޑިއާ-ޓިބެޓް ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީގައި ކަރަންޓީން ކުރި ހަތް ދިވެހީންގެ ތެރޭގައި ހިމެނެނީ ވޫހާންގައި ދިރިއުޅެމުން ދިޔަ ފަސް އަންހެނަކާއި އެއް ފިރިހެނަކާއި ކުޑަކުއްޖެކެވެ.

އެމީހުން އިންޑިއާގެ އެހީގެ ދަށުން ވޫހާންއިން ބޭރުކުރެވުނީ، ވޫހާންގައި ތިބި އިންޑިއާގެ 323 ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ހަމަޖެއްސި އެއާ އިންޑިއާގެ ހާއްސަ ފްލައިޓެއްގަ އެވެ. ދިވެހީންގެ އިތުރުން އިންޑިއާގެ 323 މީހުންވެސް މިހާރު ތިބީ ކަރަންޓީން ފެސިލިޓީގަ އެވެ. އެމީހުން އެތަނުގައި 14 ދުވަސް ހޭދަކުރާނެ އެވެ.

އިއްޔެވެސް އިންޑިއަން އެއާލައިންސް ފްލައިޓެއްގައި 324 އިންޑިއާ ރައްޔިތުން ވޫހާންއިން ނެރެ، ދިއްލީއަށް ގެންދިޔަ އެވެ.

comment ކޮމެންޓް