އެމްޓީސީސީގެ ފެރީ ފައިސާ ބަހައްޓާ ތިޖޫރީ ފަޅާލައިފި

އެމްޓީސީސީ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ތިޖޫރީއެއް ފަޅާލައި 400،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފި އެވެ.

އެމްޓީސީސީގެ މީޑިޔާ އޮފިޝަލް އުސްމާން ހަފީޒު ވިދާޅުވި ގޮތުގައި މާލޭގައި ހުންނަ، ހުޅުމާލެ ފެރީ ޓާމިނަލްގެ ސްޓޮކް ރޫމަށް ވަގުން ވަދެފައި ވަނީ އެތަނުގެ މަތީގައިވާ ސްޓޮކް ރޫމްގެ ދޮރު ފަޅާލައިގެން ވަދެ، އޮފީހާ ދިމާ މަތީގައިވާ ޑެކެއް ހަލާކުކޮށް، ސީލިން ވެސް ހަލާކު ކޮށްލައިގެނެވެ.

އެމްޓީސީސީގެ ތިޖޫރީން ވަގަށް ގެންގޮސްފައި ވަނީ 428،000ރ. އެވެ. ހަފީޒު ވިދާޅުވީ އެ ފައިސާއަކީ މިދިއަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ފެރީ ދަތުރުތަކަށް ލިބިފައިވާ ފައިސާ ކަމަށެވެ.

" އަޅުގަނޑުމެން އެހާ ގިނަ ފައިސާ ތިޖޫރީގައި ބެހެއްޓީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ، ނަމަވެސް އެއީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ފެރީ ދަތުރުތަކަށް ލިބުނު ފައިސާ. ހުކުރު ދުވަހަކީ ބަންދު ދުވަހަކަށް ވާތީ ނުގެންދެވި ހުރީ، އަޅުގަނޑުމެންގެ ތިޖޫރީގައި އަބަދު އެހާ ގިނަ ފައިސާ އަބަދު ބަހައްޓަނީއެއް ނޫން އެއްގޮތަކަށް ވެސް، " ހަފީޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ އުތުރު ޕްރޮވިންސާއި ވިލިނގިލި ފެރީއާއި ހުޅުމާލެ ފެރީ އާއި ތިލަފުށި ފެރީން އަދި އެމްޓީސީސީ އެކްސްޕްރެސް ހިދުމަތުން ލިބައިވާ ފައިސާ ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެމްޓީސީސީގެ ތިޖޫރީއެއް ފަޅާލައި ފައިސާތަކެއް ވަގަށް ގެންދިޔަ މައްސަލައެއް މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު