ވޫހާންއިން ނެރުނު ހަތް ދިވެހީން ދިއްލީ ކައިރީގައި ކަރަންޓީނުކޮށްފި

ވޫހާންގައި ތިބި ހަތް ދިވެހީން މިއަދު ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ/ ސިދްހާންތް ސިބާލް (ޓްވިޓާ)

ނޮވެލް ކޮރޯނާވައިރަސް ފެތުރެންފެށި ޗައިނާގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހީން އެ ސިޓީން ނެރެ، އިންޑިއާގެ ދިއްލީއަށް ގެނެސް ކަރަންޓީންކޮށްފި އެވެ. އެއީ ފަސް އަންހެނަކާއި އެއް ފިރިހެނަކާއި ކުޑަކުއްޖެކެވެ.

އިންޑިއާ ސަރުކާރުން ވޫހާންގައި ތިބި އެ ގައުމުގެ 323 ރައްޔިތުން އެނބުރި ގައުމަށް ގެނައުމަށްޓަކައި ހަމަޖެއްސި އެއާ އިންޑިއާ ފްލައިޓުގައި ވޫހާންގައި ތިބި ހަތް ދިވެހީންވެސް ވަނީ ނިއުދިއްލީއަށް ގެންގޮސްދީފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ވޫހާންއިން އިންޑިއާއަށް ގެންދިޔަ ހުރިހާ އެންމެން މިހާރު ތިބީ ކަރަންޓީނު ފެސިލިޓީގަ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާގެ އެހީގައި ހަތް ދިވެހީން ވޫހާންއިން ނެރެވިފައިވާ ކަމަށާއި، އެ ހަތް ދިވެހީން ކަރަންޓީންކުރާނީ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި ކަމަށެވެ.

އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕް ހުންނަނީ ނިއުދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ދެކުނުގަ އެވެ. އެތަނުގައި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ކަރަންޓީނު ފެސިލިޓީއެއް ގާއިމުވެސް ކޮށްފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ދިވެހީން ކަރަންޓީން ފެސިލިޓީއަށް ފޯރުމުން އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އެމީހުންނާ ރާއްޖޭގައި ތިބި އެމީހުންގެ އާއިލާއަށް ގުޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މޯބައިލް ސިމް ފަދަ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދިވެހި ސަރުކާރުން އެމީހުންގެ ހާލު ގާތުން ބަލާނެކަމަށް ވިދާޅުވި އެވެ.

"މިވަގުތު ޗައިނާގައި ތިބީ ބާކީ 43 ދިވެހީން. އެ އެންމެންގެ ހާލުވެސް މި ދަނީ ގާތުން ބަލަމުން. ދިވެހި ސަރުކާރުން މަސައްކަތްކުރަމުން ގެންދާނީ ދިވެހީންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް، މިފަދަ ހާލަތެއްގައި ދެވެން އޮތް ހުރިހާ އެހީއެއް ދެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ދިއްލީ ކައިރީގައި އޮންނަ ކަރަންޓީން ފެސިލިޓީގައި ހަތް ދިވެހީން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެެއްގައި ހޭދަކުރާނެ ކަމަށެވެ.

"14 ދުވަހުގެ ކަރަންޓީނު ނިމުނީމާ ކަންކަން ކުރިއަށް ދާ ގޮތަކަށް ބަލަން ޖެހޭނީ. މީގައި ތާރީހުތަކެއް ކަނޑައެޅުމަށްވުރެ އިސްކަން ދޭންވީ ރައްޔިތު މީހާގެ ސަލާމަތާއި ރައްކާތެރިކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވޫހާންއިން ދިވެހީން ނެރެގެން ރައްކާތެރި ހިސާބަކަށް ގެންދެވުނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީއެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި މި ކަންތައް، ދިވެހި ރައްޔިތުން ދިއްލީއަށް ގެންދިއުމާއި ކަރަންޓީނުގައި ބޭތިއްބުމަކީ، އިންޑިއާގެ ދީލަތި އެހީއެއްގެ ގޮތުގައި ކުރާ ކަމެއް. އެ ހަތް ދިވެހީން ތިބޭނީ އިންދިޢާގެ މެހެމާނުންގެ ގޮތުގައި،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

comment ކޮމެންޓް