ދިރާގުގެ އާމްދަނީއާއި ސާފު ފައިދާއަށް ކުރިއެރުން ލިބިއްޖެ

ދިރާގުގެ މުވައްޒަފުންތަކެއް -- ފޮޓޯ: ދިރާގު

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގުން ކުރި ހަރަދުތައް އިތުރުވި ނަމަވެސް، އެކުންފުންޏަށް ލިބުނު އާމްދަނީއާއި ސާފު ފައިދާ އިތުރުވެއްޖެ އެވެ.

ދިރާގުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 289 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާއަށް ވުރެ 86 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ސާފު ފައިދާގެ އިތުރުން މިދިޔަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ ވެސް ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 685.3 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ 754 މިލިއަން ރުފިޔާއަށް އަރަ އެވެ.

މިދިޔަ ކުއާޓަރުގައި ދިރާގުގެ އާމްދަނީއާއި ސާފު ފައިދާގެ އިތުރުން އެކުންފުނީގެ ހިންގާ ހަރަދު ވެސް އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ވަނީ ބޮޑުވެފަ އެވެ.

އެގޮތުން ތިންވަނަ ކުއާޓަރުގައި ދިރާގުގެ ހިންގާ ހަރަދަށް 335.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ހަތަރުވަނަ ކުއާޓަރުގައި އެކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ 353 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ހަތަރުވަނަ ކުއާޓަރުގައި ދިރާގުން ހިންގި ބައެއް ހަރަކާތްތަކުގެ ތެރޭގައި ސްޓްރީމިންގް ބަންޑްލްތަކެއް ތައާރަފު ކުރުމާއި ދިރާގު ޓީވީ ނެޓްވޯކް ފުޅާކުރުމުގެ އިތުރުން ރާއްޖޭގެ 155 ކޯޓު އެއް ނެޓްވޯކަކުން ގުޅުވައިލުން ހިމެނެ އެވެ.

comment ކޮމެންޓް