ނޭމާގެ އުފަންދުވަހުގެ ޕާޓީގެ މައްސަލައިގައި ޓުޗެލް ހިތްހަމަނުޖެހިފައި

ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ ---

ފްރާންސްގެ ޕީއެސްޖީ ތަރި ނޭމާ ޖޫނިއާގެ އުފަންދުވަހުގެ ޕާޓީގެ މައްސަލައިގައި ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ހިތްހަމަނުޖެހުން ފާޅު ކޮށްފިއެވެ.

އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ޙަބަރުތަކުގެ ބޮޑު ސުރުހީން ޖާގަ ހޯދަމުން އަންނަ ނޭމާއަށް މި މަހުގެ ފަސްވަނަ ދުވަހު 28 އަހަރު ފުރޭ އިރު އޭނާގެ އުފަންދުވަހުގެ އުފަލުގައި ބާއްވާ ޕާޓީ އޮތީ މިރޭ އެވެ. އެ ޕާޓީ ބޭއްވުމަށް އޭނާ ވަނީ ފްރާންސްގެ ޕެރިހުގައި ހުރި ނަން މަޝްހޫރު ނައިޓް ކުލަބެއް މުޅި ރެޔަށް އެއްކޮށް ހިފައިފަ އެވެ.

އެކަމަކު ފުޓުބޯޅަ ކުޅުންތެރިންނަށާއި އެކި އެކި މަޝްހޫރު ސެލަބްރިޓީންނަށް ވެސް ދައުވަތު ދީގެން ނޭމާ ބާއްވާ ޕާޓީގެ ސަބަބުން ޓީމުގެ ފޯކަސް ގެއްލިދާނެ ކަމަށް އެ ޕީއެސްޖީގެ ކޯޗު ވަނީ ބުނެފަ އެވެ. ރޭގެ މެޗުގައި 0-5 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި ނަމަވެސް ޓީމުގެ ފަރާތުން އަހުލާގީ މައްސަލަތަކެއް ފެނުނު ކަން ޓީމުގެ ކޯޗު ފާހަގަކޮށްފައިވާ އިރު އެ ކަންތައް ގަނޑާއެކު ނޭމާ ޕާޓީގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށް ޓުޗެލް ވަނީ ބުނެފައެވެ.

"ނޭމާގެ ޕާޓީއަށް އަހަރެން ދާނެކަމެއް އަދި ނުދާނެ ކަމެއް ނުބުނާނަން. އެކަމަކު އެއީ ކުޅުންތެރިންގެ ވިސްނުން އެހެން ދިމާއަކަށް މުޅިން ބަދަލުވެގެންދާނެ ކަމެއް. އެކަމަކުގެ ސަބަބުން ދެން އަންނަ މެޗަށް ކުޅުންތެރިން ފޯކަސް ކުރުމަކީ ވެސް އުނދަގޫވާނެ ކަމެއް،" ޓުޗެލް ބުންޏެވެ.

ނޭމާ ރޭގެ މެޗަށް ނުކުތީ އޭނާގެ ބޮލުގައި ފިޔާތޮށި ކުލަ ޖައްސައިގެންނެވެ. އަދި އޭނާއަށް މެޗުގެ 38 ވަނަ މިނަޓުގައި ރީންދޫ ކާޑެއް ދެއްކުމުން ނޭމާ ވަނީ ހާފް ޓައިމްގައި ރެފްރީންނާއި ދިމާއަށް ހުތުރު ބަސްތަކަކުން މުހާތަބު ކޮށްފަ އެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އެ މައްސަލަ ހިނގީ ނޭމާއަށް ކާޑު ދެއްކި ސަބަބު ރެފްރީ ގާތުން އެހުމުން ރެފްރީ އޭނަ ގާތުން ފްރެންޗް ބަހުން ވާހަކަ ދެއްކުމަށް ބުނުމުންނެވެ.

މީގެ އިތުރުން ރޭގެ މެޗުގައި ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާއްޕޭ މެޗުގެ ތެރޭގައި ބަދަލު ކުރުމުން އޭނާ ވަނީ ރުޅިގަދަވެގެން ކޯޗު ޓުޗެލްއާ ޒުވާބު ކޮށްފަ އެވެ. ޓުޗެލް އެ މައްސަލައިގައި ބުނީ އެމްބާއްޕޭ ރުޅި އައި ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ކުލަބުން ނުނިންމާ ކަމަށެވެ. އެކަމަކު ކުޅުންތެރިޔާއާ ވަކިން ބައްދަލުކޮށް އެވާހަކަ ދައްކާނެ ކަމަށް ޓުޗެލް ބުންޏެވެ.

"އެމްބާއްޕޭގެ ފަރާތުން ފެނުނު ކަންތައްތަކާއި ނޭމާގެ ޕާޓީގެ ވާހަކަތަކުގެ ސަބަބުން ކުލަބުގެ ނަން ހަޑި ވެގެން ދިއުމަކީ ހިތާމަހުރި ކަމެއް. އެކަމުގެ ސަބަބުން ޓީމުގެ ސީރިއަސް ކަމާ މެދު ޝައްކުތަކެއް އުފެދޭ." ޓުޗެލް ބުންޏެވެ.

comment ކޮމެންޓް