ވޫހާންގައި ތިބި ދިވެހިން ދިއްލީއަށް ގެންގޮސްފި

ޗައިނާގެ ވޫހާންގައި ތިބި އިންޑިއާ ރައްޔިތުންނާއި ހަތް ދިވެހީން ނިއުދިއްލީއަށް ގެންގޮސްދިން އެއާ އިންޑިއާ ފްލައިޓުގެ އެތެރެ --

ނޮވެލް ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރި، މިހާރު ބަންދުކޮށްފައި އޮތް ޗައިނާގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އިންޑިއާގެ ނިއުދިއްލީއަށް ރައްކާތެރިކަމާއެކު ގެންގޮސްފިއެވެ.

ވޫހާންގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި އިންޑިއާއަށް ގެންދާ އެއާ އިންޑިއާގެ ދެވަނަ ފްލައިޓުގައި، ވޫހާންގައި ތިބި ދިވެހީންވެސް ނިއުދިއްލީއަށް ގެންގޮސްދޭކަން މިއަދު ހެނދުނު އިއުލާނުކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނި ގޮތުގައި، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އަދި ހިއުމެނިޓޭރިއަން ގެސްޗާއެއްގެ ގޮތުން ވޫހާންގައި ތިބި ހަތް ދިވެހީން އެއާ އިންޑިއާ ފްލައިޓުގައި، އިންޑިއާ މީހުންނާއެކު ނިއުދިއްލީއަށް ގެންގޮސްދިނުމަށް އިންޑިއާއިން އެއްބަސްވީއެވެ.

އަދި މިހާރު އެއާ އިންޑިއާގެ އެ ފްލައިޓު ވަނީ ނިއުދިއްލީގައި ޖައްސާފައެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދިވެހީންވެސް ހިމެނޭ ގޮތަށް އެ ފްލައިޓުގައި ނިއުދިއްލީއަށް ގެނައި ހުރިހާ އެންމެން ދިއްލީ ކައިރީގައި އޮންނަ މަނޭސާރުގައި އެގައުމުގެ އަސްކަރިއްޔާއިން ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ވަކި މުއްދަތެއް ވަންދެން ބައިތިއްބާނެއެވެ. އަދި ހަތް ދިވެހީންގެ ހާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ނޮވެލް ކޮރޯނާވައިރަސް ޗައިނާގެ ހުރިހާ ޕްރޮވިންސަކުންވެސް މިހާރު ފެނިފައިވާ އިރު، އެހެން ސިޓީތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފޮރިން މިނިސްޓްރީން ޗައިނާ ސަރުކާރާ މަޝްވަރާކުރަމުންދާ ކަމަށާއި، އެ ހުރިހާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކޮށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދެއްވާކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި ޗައިނާގެ އެތައް ހާސް ޓޫރިސްޓުންނެއް އެނބުރި ގައުމަށް ދިއުމާއި ހަތް ދިވެހީން ވޫހާންއިން ނުކުތުމުގެ ކަންކަން އިންތިޒާމުކުރުން ފަދަ ކަންކަން ކުރަމުން ދަނީ ޗައިނާއާ ރާއްޖެއާ ގުޅިގެން ކަމަށެވެ.

ވޫހާންގައި ނުވަ ދިވެހީން ތިބި އިރު އޭގެ ތެރެއިން އިންޑިއާއަށް އިވެކުއޭޓުކުރެވުނީ ހަތް މީހުންނެވެ. ދެ މީހަކު ވޫހާންގައި މަޑުކުރުމަށް ނިންމީއެވެ. ޗައިނާ ސަފީރު ވިދާޅުވީ އެ ދެ މީހުންނަށް ޗައިނާ ސަރުކާރުން ރަނގަޅަށް އަޅާލައި، އެމީހުންގެ ހާލު ގާތުން ބަލާނެ ކަމަށެވެ.

ނިއުދިއްލީއަށް ދިވެހީން ގެންދިޔަ އެއާ އިންޑިއާ ފްލައިޓަކީ ވޫހާންގައި ތިބި އިންޑިއާ މީހުން އެނބުރި ގައުމަށް ގެންދިއުމަށް ފޮނުވި ދެވަނަ ފްލައިޓެވެ. އެ ފްލައިޓުގައި ހަތް ދިވެހީންގެ އިތުރުން 323 އިންޑިއާ ރައްޔިތުން ދިއްލީޢަށް ގެންދިޔައެވެ. އިއްޔެވެސް އިންޑިއަން އެއާލައިންސް ފްލައިޓެއްގައި 324 އިންޑިއާ ރައްޔިތުން ވޫހާންއިން ނެރެ، ދިއްލީއަށް ގެންދިޔައެވެ.

ދިވެހިން ގެންނަ އެއާ އިންޑިއާގެ ފްލައިޓަކީ ވޫހާންގައި ތިބި އިންޑިއާ ރައްޔިތުން އިންޑިއާއަށް ގެންދިޔުމަށް އެ ގައުމުން ފޮނުވި ދެވަނަ ފްލައިޓެވެ. އިއްޔެ ވެސް އިންޑިއަން އެއާލައިންސްގެ ހާއްސަ ފްލައިޓެއްގައި 300 އެއްހާ އިންޑިއާ ރައްޔިތުން، އެ ގައުމަށް އަނބުރާ ގެނެސްފައިވެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވޫހާންގައި ތިބި ދިވެހީން އެ ސިޓީން އިވެކުއޭޓުކުރުމުމަށް ވެދެއްވި އެހީޢަށްޓަކައި އިންޑިއާގެ ބޮޑުވަޒީޜު ނަރެންދްރާ މޯދީއާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަން ޖައިޝަންކަރާއި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރާއި ޗައިނާ ސަފީރު ޖަންގް ލިޖޮންގާއި، އިންޑިއާ އަދި ޗައިނާގައި ތިއްބަވާ ދިވެހި ސަފީރުން އާއިޝަތު މުހައްމަދު ދީދީއާއި އާއިޝަތު އަޒީމާގެ އިތުރުން ޗައިނާގައި ހުންނަވާ އިންދިއާ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް