ރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރުކަން ދީފި

ރައީސް ސޯލިހު މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ފޯނުން ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކޮމަންވެލްތުގެ ހުރިހާ މެންބަރު ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައަޅައިފި އެވެ.

އެކަން އިއުލާން ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތުގެ 54 ވަނަ މެންބަރުގެ ގޮތުގައި ރާއްޖެ އަލުން އެ ޖަމާއަތުގެ މެންބަރުކަށް ވެފައިވާކަން، އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް އެމަނިކުފާނަށް ގުޅުއްވާ އަންގަވާފައިވާ ކަމަށެވެ. އަދި ކޮމަންވެލްތުގެ އުސޫލުތަކާ އެއްގޮތަށް އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލަށް ދެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެ ކަމުގެ އުފާވެރި ހަބަރު ސެެކެޓްރީ ޖެނެރަލް ދެންމެ އަޅުގަނޑަށް ދެއްވައިފި. މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަގުވާމީ މަސްރަހުގައި ލިބުނު ބޮޑު ކާމިޔާބީއެއް،" ރައީސް ސޯލިހު ޓްވީޓްކުރެއްވި އެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އޮކްޓޯބަރު، 13، 2013 ގަ އެވެ. އޭރު ސަރުކާރުން އެގޮތަށް ނިންމީ، ރާއްޖެއިން ކުރަމުން ދިޔަ ބައެއް ކަންކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑް ކުރަން އެ ޖަމާއަތުން މަސައްކަތް ކުރުމުންނެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ބައިވެރިވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު ކެބިނެޓުން ނިންމައި، މަޖިލީހުގެ ރުހުން ލިބިގެން ރާއްޖެ އަލުން ކޮމަންވެލްތުގައި ބައުވެރިވާން ހުށަހެޅީ ޑިސެމްބަރު 7، 2018ގަ އެވެ.

ރާއްޖެއަށް އަލުން ރަސްމީކޮށް ކޮމަންވެލްތާ މެންބަރުކަން ދިންކަން ހާމަކުރަމުން އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނީ އެގޮތަށް ނިންމީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓެލެންޓް ހުރިހާ މެންބަރު ގައުމުތަކާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ހުރިހާ ގައުމުތަކަކުން ވެސް އެކަމަށް ރުހުން ދިނުމުން ކަމަށެވެ.

ރާއްޖެއަށް މަރުހަބާ ވިދާޅުވަމުން ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ އެ ނޫސް ބަޔާން މެދުވެރި ކުރައްވާ ވިދާޅުވީ، ރާއްޖޭގެ އިސްލާހީ ބަދަލުތަކުގައި ކޮމަންވެލްތުން މުުހިންމު ދައުރެއް އަދާކޮށްފައިވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ މަސައްކަތުގައި ކޮމަންވެލްތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

"ރާއްްޖޭގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި މި ޖަމްއިއްޔާ ރާއްޖެއާ އެކު ދެމި އޮންނާނެ،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވެ އެވެ.

ރާއްޖެއަށް ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރުކަން، މިއަދު ލިބުމާ އެކު އަންނަ ޖޫން މަހުގެ 22- 28 އަށް ރުވާންޑާގެ ކިގާލީގައި އޮންނަ، ކޮމަންވެލްތުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ ޔޫކޭގެ އެމްބެސެޑަރު، ހައިކޮމިޝަނަރަަަކަށް ބަދަލުވާނެ އެވެ. އަދި ރާއްޖޭގެ ދެން ހުންނާނީ ޔޫކޭގެ ހައިކޮމިޝަނެކެވެ.

ރާއްޖެ ކޮމަންވެލްތާ ގުޅުނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނުގެ އިސްނެގުމަކަށް 1982ގަ އެވެ.

comment ކޮމެންޓް