ދަތުރު ކުރުން ރައްކާތެރި ނޫންނަމަ ޓީމު މުބާރާތަށް ނުދާނެ: އަލީ ވަހީދު

ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

އަންނަ މަހުގެ 13 ވަނަ ދުވަހު ދުބާއީގައި ފަށައި "ވިޒިޓް މޯލްޑިވެސް ދުބާއީ އިންޓަނޭޝަނަލް ކަޕް" ގައި ވާދަކުރުމަށް ދާން ހަމަޖެހިފައިވާ ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމު، ދަތުރު ކުރުން ރައްކާތެރި ނޫންނަމަ އެ ރިސްކް ނުނަގާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ވޭތުވެ ދިޔަ އަހަރު ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުޑަކުދިންގެ ފުޓުބޯޅަ ފިއެސްޓާއަށް ރާއްޖެ އައި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޗެލް ސަލްގާޑޯގެ އެހީތެރިކަމާ އެކު އަންނަ މަހު ފަށައި 13 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ ޒުވާން ޓީމު ވަނީ މިހާރު ތައްޔާރުވެފަ އެވެ. ދުބާއީގައި ކުރިއަށްދާ މި މުބާރާތް ހަ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު ރާއްޖެ ލައްވާލާފައި ވަނީ ވަރުގަދަ ގްރޫޕަކަށެވެ.

އެކަމަކު ދުނިޔޭގެ އެކި ހިސާބުތަކުގައި މިވަގުތު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން އެ ބަލި މިހާތަނަށް ފެނިފައިވާ އެއްވެސް ގައުމަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ރާއްޖެއިން ވެސް މިހާތަނަށް އެ ވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ އެކަކު ފެނިފައިވާ އިރު ރައްކާތެރިކަން ކަށަވަރު ނުވާނަމަ ދުބާއީއަށް ރާއްޖޭގެ ޓީމު ނުފޮނުވާނެ ކަމަށް މުބާރާތް ރާއްޖެއަށް ހޯދައިދިނުމުގައި އެންމެ އިސްދައުރެއް އަދާ ކުރި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ބުނެފަ އެވެ.

"އެންމެ ފަހުގެ އަޕްޑޭޓަކީ މިބަލި ފެނިފައިވާ ގައުމުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް. ހިތާމައަކީ ދުބާއީ ވެސް، އަބޫ ދާބީ އަދި ޔޫއޭއީ ވެސް އޭގެ ތެރޭގައި އެބަ ހިމެނޭ" އަލީ ވަހީދު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރުމާ އެކު ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ސިއްހީ ކުއްލި ހާލަތު ދުނިޔޭގެ ހުރިހާ ހިސާބަކަށް ނެރެފެ އެވެ. އެހެން ކަމުން މުބާރާތަށް ރާއްޖެ ދާނެތޯ ނިންމާނީ ރައްކާތެރިކަން ކަށަވަރު ވެއްޖެ ނަމަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"މިއޮތް 10 ދުވަސް އެއީ ކްރޫޝަލް 10 ދުވަސް. މި ބަލީގެ ކަންތައްތައް ދުނިޔޭގައި ފެތުރިގެންދާނެ ގޮތް އައިޑެންޓިފައި ކުރުމުގައި. އެހެން ވީމަ އަޅުގަނޑު މިހުންނަނީ ނޭވާ ހިފަހައްޓާލައިގެން. މި އޮޕޮޗުނިޓީ އަޅުގަނޑުމެން ވަރަށް ބޭނުން. އެކަމަކު ސަރުކާރަށް އެ ދަތުރު ރައްކާތެރިކަމަށް ނުފެންނަ ނަމަ އެ ޑިސިޝަން ނަގާނެ،"

އަލީ ވަހީދު ވިދާޅުވީ ކޮންމެ ގޮތެއް ވީ ނަމަވެސް ފުރުސަތު ރާއްޖެއަށް އެއްކޮށް ގެއްލިގެން ނުދާނެ ކަމަށެވެ. އަލީ ވަހީދު އެހެން ވިދާޅުވީ ޓީމަށް މުބާރާތުގައި ވާދަކުރަން ނުދެވުނު ނަމަވެސް މުބާރާތަކީ ރާއްޖެ ރަމްޒުކޮށްދޭ މުބާރާތަކަށް ވާތީ ކަމަށެވެ. އެއީ އެ މުބާރާތުގެ މެއިން ސްޕޮންސަރުންނަކީ ރާއްޖެ ކަމަށް ވާތީ އެވެ.

ދުބާއީގެ ސްޕޯޓްސް ސިޓީގައި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވާނެ ކަމަށް މިހާތަނަށް ޔަގީންވެފައިވާ ޓީމުތަކަކީ އާސެނަލް، ބާސެލޯނާ، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، އިންޓަ މިލާން، ޕޯޓޯ، ޒަމަލެކް (މިސްރު)، އަލް ފަތޭހް(ސައުދީ) އަލް ވަސްލް (ޔޫއޭއީ) އަލް ނަސްރް (ޔޫއޭއީ)، ޝަބާބް އަލް އަހްލީ (ޔޫއޭއީ)، ސްޕެނިޝް ސޮކާ ސްކޫލް (ޔޫއޭއީ) އެވެ.

ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމާ ހަވާލުވެގެން ހުރީ ތަޖުރިބާކާރު ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ) އަށެވެ. އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން ހީނާއާ އެ މަގާމު ހަވާލު ކުރީ މިދިޔަ އަހަރު ކުރީ ކޮޅު އެވެ. ހީނާގެ އެންމެ ބޮޑު މަސައްކަތަކީ 14 އަހަރުން ދަށުގެ ޒުވާން ޓީމު 16 އަހަރުވާ އިރު ސަރަހައްދީ މުބާރާތްތަކުގައި ނަތީޖާ ނެރެވޭނެ ޓީމެއް ބިނާ ކުރުމެވެ.

comment ކޮމެންޓް