ބޯތަލަ، ވިޓިލީގޯ ބާބީ ކަލެކްޝަނެއް!

ވިޓިލިގޯ ބާބީ (ކ) އަދި ތަލަ ބާބީއެއް (ވ) ފޮޓޯ--ސީއެންއެން

ބާބީ ޑޯލް އުފައްދާ މެޓެލް ކުންފުނިން، ބޮޑެތި ތަފާތުތަކަކާ އެކު މުޅީން އާ ބާބީ ޑޯލް ލައިނެއް ތައާރަފްކޮށްފި އެވެ. ބިއުޓީ އާއި ފެޝަަންގެ ދުނިޔޭގައި ވީހާވެސް ގިނަބަޔަކު ތަމްސީލުކޮށް ރަމްޒުކޮށްދޭނެ ފަދަ ޑައިވާސް އަދި މަލްޓި ޑައިމެންޝަނަލް ރޭންޖެއް މި ލައިންގައި ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި އާ ލައިންގައި ހިމެނޭ ބައެއް ބާބީ ޑޯލްތައް މި ނިމުނު ހަފްތާގެ ތެރޭގައި މެޓެލް ކުންފުނިން ދައްކާލާފައިވާއިރު، އޭގެ ތެރޭގައި ހަމުގެ މައްސަލައެއް ކަމުގައިވާ ވިޓިލީގޯ ހުންނަ ބާބީ އެއް ހިމެނެ އެވެ. މިއީ ބާބީ އިންސްޓަގްރާމް ޕޭޖަށް މިދިޔަ އަހަރު ޕޯސްޓްކުރި އެންމެ ގިނަބައެއްގެ "ލައިކްސް ލިބުނު" ޕޯސްޓްގައި ފެންނަ ބާބީ އެވެ.

މީގެއިތުރުން ބޯ ތަލަ ބާބީއެއްވެސް މިފަހަރުގެ ލައިންގައި ހިމެނޭއިރު، މެޓެލް ކުންފުނިން ބުނީ އެއްވެސް ކުއްޖެއްގެ ބޮލުން އިސްތަށިފައިބާ ނަމަވެސް އެ ކުއްޖަކު ބާކީނުކޮށް، އެކުއްޖެއްވެސް މި ލައިންއިން ތަމްސީލުކުރެވުމަކީ އެ ކުންފުނީގެ މަގްސަދެވެ.

މެޓެލްއިން މިފަހުން ތައާރަފްކޮށްފައިވާ ބާބީތަކެއް-- ފޮޓޯ ސީއެންއެން

މިދިޔަ އަހަރު މި ކުންފުނިން ނެރުނު، ފެޝަނިސްޓާސް ލައިންގައިވެސް މިފަަދަ ތަފާތު ސިފަތަކުގެ ބުދުތަކެއް ވަނީ ނެރެފަ އެވެ. މިގޮތުން އާންމުކޮށް ބާބީ ޑޯލްތައް ހުންނަ ހަމުގެ ކުލަ އަލި ޑޯލްތަކާއި، ހަށިގަނޑުގެ ބައްޓަން ރީތި ނުވަތަ ހިކިކޮށް ހުންނަ ޑޯލްތަކުގެ އިތުރަށް ކަޅު އަދި، ފަލަކޮށް ހުންނަ ޑޯލްއެއްވެސް މިދިޔަ އަހަރުވަނީ ތައާރަފްކޮށްފަ އެވެ. އަދި 2017 ވަނަ އަހަރު ވަނީ އެ ކުންފުނިން ފުރަތަމަ ފަހަރަށް ބުރުގާ އަޅައިގެން ހުންނަ ބާބީއެއްވެސް ނެރެފަ އެވެ.

މިފަހުން ތައާރަފް ކޮށްފައިވާ ބާބީ ޑޯލްތަކުގެ އަގު އެމޭޒަންގައި ހުރީ 15 ޑޮލަރާއި، 24 ޑޮލަރާ ދެމެދުގަ އެވެ.

comment ކޮމެންޓް