މާސްކުގެ ސްޓޮކް އެބަހުރި، ވިއްކަނީ ދެ ރުފިޔާއަށް: އެސްޓީއޯ

ޖެނުއަރީ 29، 2020: ޗައިނާގައި ފެތުރި ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބިރާއެކު، މާލޭ ސަރަހައްދުގައި އުޅޭ ފަރާތްތަކުން އަންނަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް ބޭނުން ކުރަމުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޭސް މާސްކުގެ ސްޓޮކް އެބަހުރި ކަމަށާއި މާސްކު ވިއްކާ އަގުތަކަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް އަބްދުﷲ މުހައްމަދު "ސަން"އަށް ވިދާޅުވީ ފޭސް މާސްކުގެ ސްޓޮކް ހުސްނުވާ ކަމަށާއި މާސްކު ވިއްކަމުންދަނީ ދެ ރުފިޔާގެ ރޭޓުން މީހަކަށް ތިން މާސްކު ކަމަށެވެ.

"މާސްކެއް މި ވިއްކަނީ ދެ ރުފިޔާއަށް. ލިމިޓެއް ކަނޑައެޅީ ސްޓޮކް ނެތިގެންނެއް ނޫން. ނަމަވެސް މި ދުވަސްވަރު ލިމިޓެއް ކަނޑަނާޅައިފިނަމަ، ގަންނަ މީހުން ފަހުން އަގުބޮޑުކޮށް ވިއްކަފާނެ ކަމަށް ބަލާފައި މީހަކަށް ތިން މާސްކު ވިއްކަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މާސްކުގެ ސްޓޮކް ހުރި ކަމަށް އެސްޓީއޯއިން ބުނެފައިވާއިރު، އިތުރަށް ބޭނުންވެއްޖެ ހާލަތެއްގައި މާސްކު ގެނައުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހެއް ފެނުމާއި ގުޅިގެން ރާއްޖޭގައި މާސްކަށް އޮތް ޑިމާންޑު އިތުރުވެ، ބައެއް ފާމަސީތަކުން މާސްކު ވިއްކާ އަގު ވަނީ ބޮޑުކޮށްފަ އެވެ.

comment ކޮމެންޓް