އެލައިޑުގެ 50 މުވައްޒަފުން ވެމްކޯއާ ގުޅިގެން މާލެތެރެ ސާފުކޮށްފި

އެލައިޑުން މާލޭގެ މަގުތައް ސާފުކުރަން ބޭއްވި ހަރަކާތުގެ ތެރެއިން-- ފޮޓޯ/އެލައިޑް

އެލައިޑް އިންޝުއަރެންސްގެ ގިނަ އަދަދެއްގެ މުވައްޒަފުން، ޕާލޭއާއި ވެމްކޯއާއި ގުޅިގެން ރޭ މާލެތެރެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

އެލައިޑުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި މި ހަރަކާތުގައި އެކުންފުނީގެ 50 މުވައްޒަފުން ވަނީ މާލެތެރެ ސާފުކުރަން ނިކުމެފަ އެވެ.

ރޭ 10:00 ގައި މި ހަރަކާތް ފެށީ ވެމްކޯ ހެޑްކުއާޓާސްއިންނެވެ. އެތަނުން ވެމްކޯގެ މަގުމަތީ ސާފުކުރަން ހަރަކާތްތެރިވާ މުވައްޒަފުންނާ ބައްދަލުކުރުމަށްފަހު އެލައިޑުން ވަނީ އެމީހުންނަށް 'ރިފްރެޝްމަންޓް' ބަހާފަ އެވެ.

އެލައިޑުން މާލޭގެ މަގުތައް ސާފުކުރަން ބޭއްވި ހަރަކާތުގެ ތެރެއިން-- ފޮޓޯ/އެލައިޑް

މި ހަރަކާތުގެ ދަށުން އެލައިޑުގެ މުވައްޒަފުން ވަނީ މަގުމަތިން ޕްލާސްޓިކް ކުނި ނެގުމަށްފަހު ޕާލޭއާ ހަވާލުކޮށްފަ އެވެ.

އެލައިޑަށް 35 އަހަރު ފުރުމާ ގުޅިގެން މާލޭ މަގުތައް ސާފު ކުރުމުގެ ހަރަކާތެއް ބޭއްވިއިރު، ކުރިއަށް އޮތް އެއް މަސް ދުވަހަށް ބަހާލައިގެން ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

އޭގެ ތެރޭގައި ޓްރެފިކް ގަވާއިދުތަކަށް ބޯލަނބާ ފަރާތްތަކަށް ހަދިޔާ ދިނުމަށް ފުލުހުންނާ ގުޅިގެން ފެށި 'ގުޑް ސިޓިޒަން ކެމްޕޭން' އާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީހުން ހޭލުންތެރި ކުރުމަށް ފުލުހުންނާއެކު ފެށި 'ރައްކާ' ކެމްޕޭން ހިމެނެ އެވެ.

comment ކޮމެންޓް