ކޮރޯނާ ވައިރަހަށް ޝައްކުވާ މީހާ ކަރަންޓީނު ކުރުމުގައި ހަރަކާތްތެރިވީ ސިފައިން

ވައިރަހަށް ޝައްކުވި މީހާ ކަރަންޓީނު ކުރުމުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ/ އެމްއެންޑީއެފް

ކޮރޯނާ ވައިރަސް ޖެހިފައި ހުރި ކަމަށް ޝައްކު ކުރެވިގެން މިވަގުތު ކަރަންޓީނު ކޮށްފައި ހުރި، ދިވެހި ޒުވާނާ ކަރަންޓީނު ކުރުމުގައި އެހީތެރިވީ ސިފައިން ކަމަށް، ސިފައިންގެ ޗީފް މޭޖާ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހާމަކުރައްވައިފި އެވެ.

ކޮރޯނާ ވައިރަސް ހުރިކަމަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން ފުނަދޫގައި ހަދާފައިވާ ހާއްސަ ކަރަންޓީނު ފެސިލިޓީގައި މިވަގުތު ބަހައްޓާފައި ހުރީ، ޗައިނާގައި ކިޔަވަން ހުރުމަށް ފަހު ބުދަ ދުވަހުގެ ރޭ ރާއްޖެ އައި، 20 އަހަރުގެ ދިވެހި ޒުވާނެކެވެ.

އޭނާ ކަރަންޓީނު ކުރުމަށް ސިފައިން ހިންގި އޮޕަރޭޝަންގެ ފޮޓޯތަކާ އެކު ޗީފް ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝައްކު ކުރެވުނު މީހާ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔުމުގައި ސިފައިންގެ އޮފިސަރުން އިސް ދައުރެއް އަދާކުރެއްވި ކަމަށެވެ. އޭނާ އަދި ވިދާޅުވީ، ގައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި ސިފައިން އެންމެ ކުރީ ސަފުގައި ތިބޭނެ ކަމަށެވެ. އަދި ސިފައިންގެ މަސައްކަތަށް ޝަމާލްވަނީ، ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

"ސިފައިންގެ އެންމެ ފުރަތަމަ ވާޖިބަކަށް އަބަދުވެސް ވާނީ، ދިވެހި ރައްޔިތުންނާއި މި ގައުމު ހިމާޔަތް ކުރުން،" ޝަމާލް ޓްވީޓް ކުރެއްވި އެވެ.

ޝަމާލް ކުރެއްވި ޓްވީޓްގައި ހިމަނާފައިވާ ފޮޓޯތަކުގައި ފެންނަނީ ސިފައިން މަޑު ނޫކުލައިގެ ސޫޓަކާއި އަންގި ލައިގެން ތިބޭ ތަނެވެ. ބައެއް ފަރާތްތަކުން ވަނީ، އެއީ އެފަދަ ހާލަތްތަކުގައި ބޭނުން ކުރަން އެންމެ ސޫޓް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އެ އޮޕަރޭޝަންގެ ފޮޓޯތަކާ އެކު ޓްވީޓެއް ކުރައްވައި ސިފައިންއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ސިފައިންގެ ހިތްވަރާއި ކެރުންތެރިކަމާ މެދު އެކަމަނާ ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެ، ދިވެހި ސިފައިންނަށް ވަނީ ހިތްވަރު ދެއްވައިފަ އެވެ.

މިނިސްޓަރު މާރިޔާ، ކުރެއްވި ޓްވީޓުގައި ހިމެނޭ އެއް ފޮޓޯގައި ވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހާގެ ފެންނާނީ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން މިނިސްޓަރު ވަނީ އެ ޓްވީޓް ފޮހެލައްވާފަ އެވެ. އަދި އެކަމަށް މާފަށް ވެސް އެދިވަޑައިގަތެވެ.

މިނިސްޓަރު ވަނީ މި ހާލަތުގައި ކަންކަން ސިޔާސީ ކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވާތީ އެކަމާ ހިތާމަ ކުރައްވާކަން ވެސް ހާމަކުރައްވައިފަ އެވެ. ކޮރޯނާ ވައިރަސް އަޔަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ދޯދިޔާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮރޯނާއަށް ޝައްކު ކުރެވޭ މީހާގެ ލޭގެ ސާމްޕަލް ޓެސްޓް ހެދުމަށް ވަނީ އިންޑިއާގެ، ޕޫނާގައި ހުންނަ ލެބަކަށް މިހާރު ފޮނުވައިފަ އެވެ. އޭނާގެ ސިއްހީ ހާލަތު ރަނގަޅު އިރު، އޭނާއަށް ކޮރޯނާ ޖެހިފައިވާކަން ނުވަތަ ނޫންކަން ޔަގީންވާނީ އެ ޓެސްޓްގެ ނަތީޖާ ލިބުމުންނެވެ.

comment ކޮމެންޓް