ރާއްޖެއާ އެއް ގުރޫޕަކަށް އާސެނަލް، ސައުދީ އަދި ދުބާއީ

ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

އަންނަ މަހުގެ 13 ވަނަ ދުވަހު ދުބާއީގައި ފަށައި "ވިޒިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް" ގައި ރާއްޖެއާ އެއް ގުރޫޕަކަށް ދުނިޔޭގެ ރޭންކިންގްގެ އެންމެ މަތީ ހަރުފަތުގައި ވާދަކުރާ އާސެނަލްއާއި ދުބާއީ އަދި ސައުދީ އަރަބިއްޔާގެ ޓީމުތައް ހިމެނިއްޖެ އެވެ.

ވޭތުވެ ދިޔަ އަހަރު ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުޑަކުދިންގެ ފުޓުބޯޅަ ފިއެސްޓާއަށް ރާއްޖެ އައި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޗެލް ސަލްގާޑޯގެ އެހީތެރިކަމާ އެކު އަންނަ މަހު ފަށައި 13 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ ޒުވާން ޓީމު ވަނީ މިހާރު ތައްޔާރުވެފަ އެވެ. ދުބާއީގައި ކުރިއަށްދާ މި މުބާރާތް ހަ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު ރާއްޖެ ލައްވާލާފައި ވަނީ ވަރުގަދަ ގްރޫޕަކަށެވެ.

ދުބާއީގެ ސްޕޯޓްސް ސިޓީގައި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އިރު މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖެ އެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވާނެ ކަމަށް މިހާތަނަށް ޔަގީންވެފައިވާ ޓީމުތަކަކީ އާސެނަލް، ބާސެލޯނާ، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، އިންޓަ މިލާން، ޕޯޓޯ، ޒަމަލެކް (މިސްރު)، އަލް ފަތޭހް(ސައުދީ) އަލް ވަސްލް (ޔޫއޭއީ) އަލް ނަސްރް (ޔޫއޭއީ)، ޝަބާބް އަލް އަހްލީ (ޔޫއޭއީ)، ސްޕެނިޝް ސޮކާ ސްކޫލް (ޔޫއޭއީ) އެވެ.

އެ ޓީމުތަކުގެ ތެރެއިން ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަ ކުރާނީ އާސެނަލާއި ސައުދީގެ އަލް ފަތޭހްގެ އިތުރުން ސަލްގާޑޯ ދުބާއީގައި ހިންގާ ސްޕެނިޝް ސޮކާ ސްކޫލް އެވެ. ގްރޫޕުގެ ތިންވަނަ ހޯދައިގެން ވެސް ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު އޮތް އިރު މިފަހަރުގެ މުބާރާތް ސްޕޮންސާ ކުރުމަށް ސަރުކާރުން ވަނީ ބޮޑު ހަރަދެއް ކޮށްފަ އެވެ. އަދި މުބާރާތަށް ގައުމީ ޓީމު ގެންދިއުމުގައްޔާއި ކުޅުންތެރިންގެ ބެލެނިވެރިން ގެންދިއުމުގެ ހުރިހާ ހަރަދެއް ވެސް ކުޅިވަރާ ބެހޭ މިނިސްޓްރީން ކުރުމަށް ވަނީ ނިންމާފަ އެވެ.

"އަލީ ވަހީދު މި ފެސްޓިވަލް ރާވާފައި ބުނީ އަޅުގަނޑު ދާންވާނެ އޭ. އޭރު އަޅުގަނޑު ހީކުރީ ވަރަށް އަގުހެޔޮ ކަމެއް ކަމަށް އެއީ. އެކަމަށް ވަރަށް ބޮޑު، މިލިއަނަކަށް ވުރެން ބޮޑު ހަރަދެއް ކޮށްފައި މިވަރުގެ ކަމެއް މިކުރަނީ ވަރަށް ބޮޑު އުންމީދެއްގައި،" ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވި އެވެ.

މުބާރާތުގެ ސްޕޮންސާކަން ހޯދައި ރާއްޖެ މުބާރާތުގައި ބައިވެރިކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި ޓުއަރިޒަމް މިނިސްޓްރު އަލީ ވަހީދު ވިދާޅުވީ، މުބާރާތް ހިންގުމާ ހަވާލުވެ ހުންނާނީ ސަލްގާޑޯ ކަމަށެވެ. އަދި މުބާރާތުގެ ސްޕޮންސަރުގެ ހައިސިއްޔަތުން ބޭނުން ގުރޫޕެއްގައި ވާދަ ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުނު ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިތަށް އެރީ ރެއާލް މެޑްރިޑާ އެއް ގުރޫޕެއްގައޭ މިކުދިން އެންމެ ކުޅޭ ހިތްވާނީ، އެހެން ނަމަވެސް މިޗެލް ސަލްގާޑޯ އަކީ އެ ޓީމުގެ މީހެއް. އެހެންވީމަ ވަރަށް ސާފުކޮށް ވިދާޅުވީ ކުޑަކޮށްވެސް ދޫކޮށް ނުލާނޭ ރިއާލް މެޑްރިޑާ ކުޅޭ އިރު. އެހެންވީމަ އަޅުގަނޑުމެން ޓީމު އެއޮތީ އޭ ކްލާސް ޓީމުތަކުގެ ތެރެއިން އާސެނަލާ އެކު ސީޑު ވެފައި." އަލީ ވަހީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އެ މުބާރާތުގެ ފައިނަލުގައި 0-1 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދާދި ފަހުން ރާއްޖެއިން ސްޕޮންސާޝިޕް ޑީލެއްގައި ސޮއި ކުރި ސްޕެއިނުގެ ސެލްޓާ ވީގޯ އެވެ.

ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމާ ހަވާލުވެގެން ހުރީ ތަޖުރިބާކާރު ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ) އަށެވެ. އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން ހީނާއާ އެ މަގާމު ހަވާލު ކުރީ މިދިޔަ އަހަރު ކުރީ ކޮޅު އެވެ. ހީނާގެ އެންމެ ބޮޑު މަސައްކަތަކީ 14 އަހަރުން ދަށުގެ ޒުވާން ޓީމު 16 އަހަރުވާ އިރު ސަރަހައްދީ މުބާރާތްތަކުގައި ނަތީޖާ ނެރެވޭނެ ޓީމެއް ބިނާ ކުރުމެވެ.

comment ކޮމެންޓް