ކޮރޯނާ ވައިރަސް ފެތުރޭތީ މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާން ކޮށްފި

ކޮރޯނާ ވައިރަސްއަށް ޗައިުނާގައި ފަރުވާދެނީ --- ފައިލް ފޮޓޯ

ކޮރޯނާ ވައިރަސް ޗައިނާއިން ބޭރު ގިނަ ގައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާތީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބައިނަލްއަގުވާމީ ސިއްހަތުގެ އިމަޖެންސީ އިއުލާނުކޮށްފި އެވެ.

ދާދި ދެންމެއަކު ޑަބްލިއުއެޗްއޯއިން ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އެދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ފާއިތުވި ހަފްތާތަކުގައި އާންމުވެފައިވާ ގޮތް ނޭނގޭ ވައިރަސް ވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެން ފަށައި އައުޓްބްރޭކް އަކަށް ވެފައި ކަމަށެވެ.

"ކުރިންވެސް ބުނި ފަދައިން މި ހާލަތުގައި ޗައިނާއަށް މަރުހަބާ ކިޔަނީ ވައިރަސް ފެތުރުމާއެކު ޗައިނާއިން އަވަސް މުއްދަތެއްގައި ފިޔަވަޅުތައް އަޅަން ފަށާފައިވުމުން،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެހާ ބޮޑެތި ފިޔަވަޅުތައް އަޅާފައި ނުވާ ނަމަ މިހާތަނަށް އެ ވައިރަސް ޖެހިފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ އަދަދު މިހާރު ފެންނަ ވަރަށްވުރެ މާ ބޮޑަށް އިތުރުވާނެ ކަމަށް ގެބްރިޔޭސުސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗައިނާގެ އައުޓްބްރޭކް ރިސްޕޮންސް އާ ގުޅިގެން އެގައުމުން މަސައްކަތް ކުރާގޮތް ދެފުށް ފެންނަ ކަމަށާއި އެކަމަށް ތައުރީފު ހައްގުވާ ކަމަށެވެ.

ޗައިނާގެ މަސައްކަތުގެ ސަބަބުން ވައިރަސް ފެތުރުން މަޑު ވެފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޗައިނާއިން ބޭރުން 18 ގައުމަކުން 98 ކޭސް މިހާތަނަށް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއިން ހަތަރު ކޭސް އަކީ އެކަކުގެ ގައިން އަނެކަކު ގަޔަށް އެ ވައިރަސް ވާރުތަވެފައިވާ ކޭސްތަކެވެ. އެ ކޭސްތައް ފެނިފައިވަނީ ޖަރުމަނުންނާއި ވިއެޓްނާާމް އާއި ޖަޕާން އަދި އެމެރިކާއިންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކުން ވައިރަސްގެ އަސަރު ފެނިފައިވަނީ ވޫހާން އަށް ދަތުރުކޮށްފައިވާ މީހެއް ނުވަތަ އެއިން މީހަކާ ބައްދަލުކޮށްފައިވާ މީހެއްގެ ކިބައިން ކަމަށް ޑރ. ޓެޑްރޯސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ ޗައިނާގައި އެކަނި އެ ވައިރަސް ފެތުރޭތީ ނޫން ކަމަށާއި އެހެން ސަރަހައްދުތަކުގައިވެސް އެ ވައިރަސް ފެތުރެމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ ކަންބޮޑުވަަނީ ހެލްތު ސިސްޓަމް ބަލި ސަރަހައްދަކަށް އެ ވައިރަސް ފެތުރިދާނެތީ،" އޭނާ ވިދާޅުވިއެވެ.

އިމާޖެންސީ ހާލަތު އިއުލާނު ކުރީ ޗައިނާގެ ނޯ ކޮންފިޑެންސްގެ ވޯޓެއް ނަގައިން ނޫން ކަމަށާއި އެ ނިންމުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮތް ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް