ސީދާ ޗައިނާއިން ރާއްޖެއަށް ފްލައިޓްތައް އައުން މަނާކޮށްފި

މާލޭ އެއާޕޯޓްގައި ޓޫރިސްޓަކު މާސްކް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީދާ ޗައިނާއިން ރާއްޖެއަށް ފްލައިޓްތައް އައުން މިވަގުތަށް ސަސްޕެންޑްކުރަން ދިވެހި ސަރުކާރުން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

ކޮރޯނާ ވައިރަސް ޕްރިވެންޝަން ކޯޑިނޭޝަން ކޮމިޓީއިން މިހާރު ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެ އައުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް މިވަގުތަށް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ދިވެހިން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ އެހެން ދަތުރުތައް ޗައިނާ އާއި ބަލި ފެނިފައިވާ ގައުމުތަކަށް ނުކުރުމަށް ސަރުކާރުން ދިވެހިންނަށް ޓްރެވަލް އެޑްވައިޒަރީއެއް މިއަދު ނެރޭނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ފިޔަވަޅުތައް އަޅަން ސަރުކާރުން ނިންމީ، ކޮރޯނާ ވައިރަސް ރާއްޖެ އައުން ހުއްޓުވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ދަށުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ނޫސް ކޮންފަރެންސްގައި ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް އަންނަ ސީދާ ފްލައިޓްތައް މިވަގުތަށް މަނާކުރަން ނިންމީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ ވެސް އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެބޭފުޅުންގެ ވެސް ރުހުން އޮވެގެން ކަމަށެވެ.

އެގޮތުން ސީދާ ޗައިނާއިން ރާއްޖެއަށް އަންނަ ފްލައިޓްތަކަކީ، މޯލްޑިވިއަން އާއި ޗައިނާ ސަދާން އެވެ.

މިނިސްޓަރު އަލީ ވިދާޅުވީ، މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާއަށް ހުއްޓާލުމާ ގުޅިގެން، މޯލްޑިވިއަންގެ ފްލައިޓްތައް މެދުވެރިކޮށް ރާއްޖެ އަންނަން، ޗައިނާ ފަތުރުވެރިން ހަދާފައިވާ 954 ބުކިންސް ކެންސަލްވާނެ ކަމަށެވެ.

ޖެނުއަރީ 30، 2020: ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ސަރުކާރުން ނިންމަން ޖެހޭ ކަންތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -*- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއީ ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކުގެ ރައްކަލަކަށް ސަރުކާރުން ނިންމި ނިންމުމެއް. މި ނިންމުން ރައީސް ނިންމެވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ މަސްލަހަތުވެރިންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު މި ނިންމުމުގައި އެބަ އޮތް،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވިދާޅުވީ ޗައިނާއިން މިހާތަނަށް ރާއްޖެއައި، ޓޫރިސްޓުންގެ ތެރޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ނެތްކަން ވަރަށް ބޮޑަށް ޔަގީންކުރެވިފައިވާ ކަމަށެވެ. އަދި ކިރިޔާ ޝައްކެއްވާ މީހެއް ނަމަވެސް ސްކްރީންކޮށް އެކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޗައިނާއިން މިހާރު އައިސް އެތިބަ ފަތުރުވެރިން އެތިބީ، ސްކްރީން ކުރެވިގެން ބެލިގެން އެ ބަލި ނެތްކަން ޔަގީން ވެގެން ރާއްޖެއަށް ވަދެފައި. އެކަމުގައި ޝައްކެއް ނެތް،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން މިހާރު ނިންމާފައި ވަނީ، މިރޭގެ މަގުރިބު ނަމާދުން ފެށިގެން ގުނޫތު ނާޒިލާ ކިޔަން ފެށުމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ އިތުރަށް ވިދާޅުވީ ކޮރޯނާއަށް ޝައްކުވާ މީހަކު ފެނިއްޖެ ހާލަތުގައި އަމަލު ކުރާނެ އުސޫލުތައް މިހާރު ރިސޯޓްތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ އުސޫލުތަކާ އެއްގޮތަށް ރިސޯޓްތަކުން ފުރިހަމައަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެޅުމަށް ރިސޯޓްތަކުން ހުރަސް ނާޅޭނެ ކަމަށެވެ.

ޖެނުއަރީ 30، 2020: ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ސަރުކާރުން ނިންމަން ޖެހޭ ކަންތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -*- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ބަލިމީހަކު ފެނިއްޖެ ނަމަ ދެން ޑީލް ކުރުމުގެ ކެޕޭސިޓީ ރިސޯޓްތަކުގައި އެބަހުރި. އަޅުގަނޑުމެންނަށް މި ހީވާ ގޮތަކަށް ނޫން މަންޒަރު އޮތީކީ. މިފަހުން ރައީސްގެ އިރުޝާދުގެ ދަށުން ހެދި އޮޑިޓްތަކުން އެކަން އެނގިގެން ދިޔަ. އެހެން ވީމާ އެ ހާލަތަށް ރިސޯޓްތައް ވެސް ތައްޔާރަށް ތިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިތުރަށް ވިދާޅުވީ، ކޮރޯނާ ވައިރަސް ހުރި ބަލިމީހަކު ފެނިއްޖެ ނަމަ، އަތޮޅުތަކުގައި ވެސް އަމަލު ކުރާނެ ގޮތުގެ އިރުޝާުދުތައް ދީ ތަމްރީންތައް ހިންގާފައިވާ ކަމަށެވެ. އެހެންކަމުން، ކޮރޯނާ ރާއްޖެއިން ފެނި ދާނެ ހާލަތަކަށް ތައްޔާރުވެފައިވާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކުވާ މީހުން އެކަހެރި ކުރަން، އެއާޕޯޓްގައި ހާއްސަ ފެސިލިޓީއެއް ގާއިމްކޮށްފައިވާ އިރު، ބަލީގެ މީހުން ކަރަންޓީނު ކުރަން ހުޅުމާލޭގައި ފެސިލިޓީއެއް ވަނީ ހަދައިފަ އެވެ. އަދި އެ ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާދޭން ދަރުމަވަންތަ ހޮސްޕިޓަލްގައި ހާއްސަ އައިސީޔޫއެއް ވެސް ވަނީ މިހާރު ގާއިމްކޮށްފަ އެވެ.

comment ކޮމެންޓް