ސިޓީތަކަށް އަމާޒުކޮށްގެން "ރައްކާ" ކެމްޕޭން ފަށައިފި

އެލައިޑް އިންޝުއަރެންޝާއި ފުލުހުން ގުޅިގެން ބާއްވާ "ރައްކާ" ހަރަކާތުގެ އެއްބަސްވުމުގައި ސޮއި ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް އެލައިޑް އިންޝުއަރެންސްއާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށްގެންދާ "ރައްކާ" ކެމްޕޭނުގެ ފަސްވަނަ ޕްރޮގްރާމު ކުރިއަށްގެންދާ އެއްބަސްވެއްޖެ އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަފާޒު އެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މިއީ އެލައިޑާއި ފުލުހުން ގުޅިގެން މި ކެމްޕޭން ކުރިއަށްގެންދާ ފަސްވަނަ އަހަރެވެ. މިއަހަރުގެ ކެމްޕޭން ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ރާއްޖޭގެ ހަތަރު ސިޓީއަށް އަމާޒުކޮށްގެންނެވެ.

މި ކެމްޕޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެލައިޑުގެ އެމްޑީ ޝަފާޒު ވިދާޅުވީ މިއަހަރުގެ ކެމްޕޭނުގައި ސްކޫލްތަކުގެ ކުދިން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރި ކުރަން އިސްކަމެއް ދީފައިވާނެ ކަމަށެވެ.

"އެހިސާބުން ފެށިގެން މިކަމާ ގުޅޭ އެވެއާނެސް އިތުރު ކުރުމުން ލޯންގް ރަންގައި މުޖުތަމައަށް އޭގެ ފައިދާ ކުރާނެ." ޝަފާޒު ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރެންޝާއި ފުލުހުން ގުޅިގެން ބާއްވާ "ރައްކާ" ހަރަކާތުގެ އެއްބަސްވުމުގައި ސޮއި ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީޕީ ހަމީދު ވިދާޅުވީ ކުރީގެ ކެމްޕޭނުތަކާ ހިލާފަށް މިއަހަރުގެ ކެމްޕޭނަކީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ކެމްޕޭނަކަށް ވެގެންދާނެ ކަމަށެވެ.

"މީގެ ކުރިން ކުރު މުއްދަތަކަށް މި ކެމްޕޭންގެ ހަރަކާތްތައް ހިންގާފައިވަނީ. އެހެން ނަމަވެސް މިއަހަރު މި ހަރަކާތް މުޅި އަހަރު ތެރޭގައި ކުރިއަށް ގެންދެވޭނެ... އެލައިޑްގެ ކްރިއޭޓިވިޓީއާއެކު އަޅުގަންޑުމެން އާންމުންނަށް ދޭން ބޭނުންވާ މެސެޖާއި ސެންސިޓައިޒޭޝަން އަދި އެވެއާނަސް ޕްރޮގްރާމްތައް މި ކެމްޕޭނުގެ ތެރެއިން ކުރިއަށް ގެންދެވޭނެ." ސީޕީ ހަމީދު ވިދާޅުވި އެވެ.

comment ކޮމެންޓް