ކަނދެއްގައި ތުލުސްދޫއިން ހިންމަފުއްޓަށް ދިޔަ ފަތުރުވެރިޔަކު ހުއްޓުވައިފި

ސްޓޭންޑް އަޕް ޕެޑަލްކުރުމުގައި ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ/ ކޮކޯ ކަލެކްޝަން

ކަނދެއްގައި ކ. ތުލުސްދޫއިން އެއަތޮޅު ހިންމަފުއްޓަށް ދިޔަ ފަތުރުވެރިއަކު ހުއްޓުވައި، ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ހިންމަފުއްޓަށް ދިޔުމަށްޓަކައި ކަނދެއްގައި އެ ފަތުރުވެރިޔާ ތުލުސްދޫ އިން ފުރީ މިއަދު ހަވީރު 5:45 ގައެވެ.

ފުލުހުން މިރޭ ބުނީ، ކަނދެއްގައި ހިންމަފުއްޓަށް ދިޔުމަށްފުރި ފިރިހެން ފަތުރުވެރިޔަކު އިރުއޮއްސި އަނދިރިވުމުގެ ކުރިން އޭނާ ހިންމަފުއްޓަށް ހަމައަށް ނުފޯރާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން ހިންމަފުށި ކައިރީ ކަނޑުމަތިން އެމީހާ ހޯދައި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

"މީހާ ފެނުނު އިރު މީހާގެ ހާލު ރަނގަޅު،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ގެސްޓް ހައުސްތަކާއި ވޯޓާ ސްޕޯޓްސް ސެންޓަރު ތަކާއި ގުޅިގެން ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްސަކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ތުލުސްދޫއިން ފުރައިގެން ހިންމަފުއްޓަށް ޕެޑަލް ބޯޑުގައި ދިޔަ ޓުއަރިސްޓަކު ފުލުހުން ހުއްޓުވައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ ދެރަށް ދެމެދުގައި ހަ މޭލަށްވުރެ ދިގު ރާސްތާއެއް އޮވެއެވެ. ތުލުސްދޫއާ ހިންމަފުށި ދޭތެރޭ ހުރާ އަދި ކަނިހުރާ ރިސޯޓުވެސް އޮވެއެވެ.

comment ކޮމެންޓް