އެލައިޑަށް 35 - އިންޝުއަރެންސްގެ އެންމެ ގާތް އެކުވެރިޔާ!

އެލައިޑްގެ ކަސްޓަމާ ސާވިސް އޮފީހުގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް ---- ސަން ފޮޓޯ/ އަލީ ނަސީރު

ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އާއި އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެސުއަރެންސް ކުންފުނި ގުޅިގެން 1984 ވަނަ އަހަރު އުފެއްދި، އެލައިޑް އިންޝުއަރެންސްއަށް މިއަދަށް 35 އަހަރު ފުރުނީ އެވެ. އެސްޓީއޯގެ އަމިއްލަ ބޭނުންތަކަށް އެކަނި ހިދުމަތް ދިނުމަށް އުފެއްދި އިންޝުއަރެންސް ކުންފުނީގައި މިއަދު މިވަނީ ވަރަ ފަޅާ، ދިވެހީންގެ އިންޝްއަރެންސްގެ އެންމެ ގާތް ބައިވެރިޔާއަށް ބަދަލުވެފަ އެވެ.

އެލައިޑް އިންޝްއަރެންސްގެ މި ދިގު ދަތުރުގައި، އެ ކުންފުނިވެފައި ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުންޏަށެވެ. ކުޑަ ކަމެއް ބޮޑު ކަމެއް ނެތެވެ. ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ކިތަންމެ ބޮޑު ހާދިސާއަކުން ކަސްޓަމަރުންނަށް ލިބޭ ގެއްލުންތަކުގެ ބަދަލު ދިނުމުގައި އެލައިޑް އެންމެ ތަންކޮޅެއް ވެސް ފަސް ނުޖެހެ އެވެ. އިންޝްއަރެންސްގެ މިހާ ބޮޑު ޖަޔަންޓަކަށް އެލައިޑް ވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

އާދައިގެ މުވައްޒަފެއްގެ ގޮތުގައި އެލައިޑްގައި މަސައްކަތް ފެއްޓެވި، ނަމަވެސް މިއަދު އެކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އަހްމަދު ސާބިގު "ސަން" އަށް ވިދާޅުވި ގޮތުގައި އެލައިޑްގެ ތަފާތަކީ އެންމެ ބޭނުން ޖެހޭ ވަގުތު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ޓޯޓަލް ސޮލިއުޝަންއެއް ފޯރުކޮށްދޭ ފަރާތަކަށް އެ ކުންފުނި ވުމެވެ. އެ ކުންފުނީގެ ހިދުމަތުގެ ފަލްސަފާ ރާވާފައި ވަނީ، ހަމަ އެކަނި ކަސްޓަމަރަށް ގެއްލުމުގެ ބަދަލުދީ ނިންމާލާ ގޮތަކަށް ނޫނެވެ. ގެއްލުމުން އަރައިގަތުމަށް ކަސްޓަމަރުގެ އެންމެ ގާތް ބައިވެރިއެއްގެ ގޮތުގައި އެލައިޑް އިންޝްއަރެންސް އަބަދުވެސް އޮންނަ ކަމަށް ސާބިގު ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރެންސްގެ މުވައްޒަފުން މަސައްކަތުގައި: އެ ކުންފުނީގެ 35 އަހަރުގެ ތާރީހުގައި ބޮޑު ކާމިޔާބެއް ވަނީ ހޯދާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ މިސާލު ނެންގެވީ؛ 2004 ވަނަ އަހަރު ކުރިމަތިވި ގެއްލުން ބޮޑު ސުނާމީ ކާރިސާގެ ވަގުތު އެލައިޑް، ކަސްޓަމަރުންނަށް ލިބުނު ފޫނުބެދޭ ގެއްލުމުން އަރައިގަތުމަށް އެލައިޑުން ނެގި އިސްނެގުމެވެ.

މިހާރު ކިތަންމެ މުވައްޒަފުން ގިނަ އަދި ބިޔަ، ބޮޑު ކުންފުންޏެއްގެ ގޮތުގައި އެލައިޑު އޮތް ނަމަވެސް، އެ ކާރިސާއާ އެލައިޑުން ކުރިމަތިލީ މަދު މުވައްޒަފުންތަކަކާ އެކުގަ އެވެ. އޭރު ކުންފުނީގެ އޮފީހުގައި ހުންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ސާބިގެވެ. އަދި އެއީ އެލައިޑްގެ މި ދަތުރުގައި އެ ކުންފުނި ވެސް ނެގި އެންމެ ބޮޑު ޗެލެންޖެވެ.

"ސުނާމީ ކާރިސާއަކީ މިހާތަނަށް ދިމާވި ބޮޑެތި ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކަންތައް. ރާއްޖޭގެ ބޮޑު ބަޔަކަށް އޭގެ އަސަރު ކުރި. އޭގެ ތެރޭގައި ހަމަ ކަސްޓަމަރުން ވެސް ހިމެނޭ. އޭރު ވެސް ހަމަ ވަގުތުން ތަންތަނަށް ގޮސް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނިން. އެވަގުތު ދޭނީ ފައިސާގެ އެހީއެއް ނޫން. ނަފްސާނީ ގޮތުންނާއި، ދެން ކިހިނެއްތޯ ހަދަންވީއާއި ގެއްލުން ކުޑަކުރުމަށް ކޮން ކަހަލަ ކަންތައްތަކެއް ތޯ ކުރެވޭނީ އެ ހުރިހާ އެހީތެރިކަމެއް ވެސް ދިނިން. އިންޝުއަރެންސްގައި އަޅުގަނޑުމެން ގަބޫލުކުރާ ފަލްސަފާއަކީ ވެސް އެއީ." ސާބިގު ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރެންސް ޖެނެރަލް މެނޭޖަރު ސާބިގް "ސަން"އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭރު އޮތް އެލައިޑުގެ ކުޑަ ޓީމާއެކު ސުނާމީ ކާރިސާއާ ކުރިމަތިލައި، އެހީތެރިކަން ފޯރުކޮށްދިނީ ހަމައެކަނި މާލެއަކަށް ވެސް ނޫނެވެ. ކާރިސާއިން ގެއްލުން ލިބިދާނެ މިންވަރު ދެނެގަނެވުމާއެކު މުޅި އެލައިޑް އެލާޓަށް އައެވެ. އަދި އެކި އެކި ރަށްރަށާއި ހިދުމަތް ހޯދަމުންދިޔަ ރިސޯޓުތަކަށް ވެސް އެލައިޑުގެ ޓީމުން ދަތުރު ކުރި އެވެ.

"ހަގީގަތުގައި ފުރަތަމަ ނޭނގޭނެ ލިބިފައި ހުރީ ކިހާ ވަރެއްގެ ގެއްލުމެއް ކަމާއި ގެއްލުންތަކުގެ ތެރެއިން އިންޝުއަރެންސްއިން ކަވާ ވަނީ ކޮން ގެއްލުންތަކެއް ކަމެއް. އެކަންކަން ދެނެގަންނަން ރަށްރަށަށް ދިޔައީ. ދިޔައިރުގައި ނުސީދާކޮށް ހުންނާނެ އެހެން ފަރާތްތަކަށް ވެސް އެހީވެދީފައި." ސާބިގު ވިދާޅުވި އެވެ.

ކާރިސާ ހިނގި ދުވަހު ވަކި ހިސާބަކުން މުވާސަލަތީ ހިދުމަތަށް ބުރޫ އެރުމުގެ ސަބަބުން ލިބުނު ހުރިހާ ގެއްލުންތަކެއް ދެނެގަންނަން އުނދަގޫތަކާ ކުރިމަތިވި އެވެ. ނަމަވެސް އެލައިޑުން އެހީތެރިކަމުގެ އަތް ދިއްކޮށްލީ ގެއްލުން ލިބުނު ތަންތަނަށް ގޮސްގެންނެވެ. އެ ދުވަހު އެލައިޑުގެ ޓީމުގައި އާދައިގެ މުވައްޒަފެއް، އިސް މުވައްޒަފެއް ނެތެވެ. އެ މަސައްކަތުގައި ހުރިހާ މުވައްޒަފުންގެ ބައިވެރިވީ ގައުމީ، އިންސާނީ ހިދުމަތެއްގެ ގޮތުގަ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެލައިޑް އިންސިއުރަންސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެލައިޑްގެ ކާމިޔާބުގެ އުސްއަލިތައް:

  • އިންޝްއަރެންސް ކެޕޭސިޓީ: 140 މިލިއަން ޑޮލަރަށް ވުރެ މަތީގައި.
  • އިންޝްއަރެންސް ކްލައިމް (ބަދަލުގެ) ގޮތުގައި: އަހަރަކު 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ.
  • މާކެޓް ޝެއާ: 60 ޕަސެންޓަށް ވުރެ ބޮޑު.
  • ކުންފުނީގެ ގްރޯތް: 112 ޕަސެންޓްގައި.

ސުނާމީ ކާރިސާއިން މާޔޫސްވުމުގެ ބަދަލުގައި އެލައިޑުން ހާސިލުކުރީ އިބުރަތެކެވެ. އެލައިޑުގެ އިތުރުން މުޅި ގައުމަށް ވެސް ސުނާމީ ކާރިސާއިން ދަސްވި ފިލާވަޅަކީ، އެފަދަ ހާލަތެއްގައި އިންޝުއަރެންސްގެ މުހިންމު ކަމެވެ. އެލައިޑްގެ އާ ޒަމާނެއްގެ ބިންގާ އެޅީ އެ ފިލާވަޅުންނެވެ.

"އިންޝުއަރެންސްއަކީ ހަގީގަތުގައި މީހުންނަށް އެހާ ގާތް އެއްޗެއް ގޮތަކަށް ނުދެކޭ. އެކަމަކު ހަގީގަތަށް ބަލާއިރު ކަމެއް ދިމާވާއިރު، އެންމެ ގާތް އެހީތެރިޔަކީ އިންޝުއަރެންސް... ހަގީގަތުގައި ސުނާމީގެ ކުރިން މީހުންނަށް އެހާ ބޮޑަކަށް ނޭނގޭ އިންޝުއަރެންސްގެ މުހިންމު ކަމެއް. އެހެންވެ ގިނަ މީހުން ތިބީ އަސްލު އިންޝުއާ ނުކޮށް [ސުނާމީ ކާރިސާ ހިނގިއިރު]." ސާބިގު ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރެންސްގެ މުވައްޒަފުން މަސައްކަތުގައި: އެ ކުންފުނިން ހިދުމަތް ދިނުމުގައި ހޯދި ކާމިޔާބީ ބޮޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުނާމީ ކާރިސާއަށް ފަހު މިހާރު 15 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެންދިޔައިރު، އެލައިޑުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ކާރިސާގައި އެލައިޑުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ހެޔޮ ނަތީޖާއަކީ އާންމުންގެ މެދުގައި އެލައިޑަށް އޮތް އިތުބާރު ބޮޑުވެ، ގިނަ އަދަދެއްގެ މީހުން އިންޝުއަރެންސްގެ ހިދުމަތް ހޯދުމެވެ. އެއީ މުހިންމު ކަމެއް ކަމުގައި ދެކުމެވެ. އެ ކާމިޔާބީ ހާލިސްވުމަކީ އެލައިޑާއި ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

އެލައިޑުގެ އުމުރުން 35 އަހަރު ފުރޭ އަހަރީ ދުވަހު އެ ކުންފުނިން ދޭ މެސެޖަކީ، މުދާ ވިޔަސް، ގެދޮރު ވިޔަސް، އެ އެއްޗެއްގެ ހަމަ އަގުގައި އިންޝުއާ ކޮށްފައި ބެހެއްޓުމެވެ. ކަމެއް ދިމާވާ ހާލަތެއްގައި އެލައިޑަށް އެހީގެ އަތެއް ދިއްކޮށްލެވޭނީ އޭރުންނެވެ. ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް، އަދި އެ ހިދުމަތް ފޯރުކޮށްދޭ އެންމެ ގާތް ބައިވެރިޔަކީ ޔަގީނުންވެސް އެލައިޑެވެ. އެ ކުންފުނީގެ މި ދިގު ދަތުރުން ބުނެދެނީ އެ ވާހަކަ އެވެ. އެލައިޑަކީ މިއަދު ރާއްޖޭގައި އެކަންޏެއް ނޫނެވެ. މި ސަރަހައްދުގެ ވެސް ބިޔަ އިންޝްއަރެންސް ކުންފުންޏެކެވެ.

comment ކޮމެންޓް