އެމެރިކާ ކިތަންމެ ބާރުގަދަ ނަމަވެސް ޓްރަމްޕްގެ މަޝްރޫއު ތަންފީޒެއް ނުކުރެވޭނެ: ހަމާސް

ޙަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ

ރަމަﷲ (29 ޖަނަވަރީ 2020) : އެމެރިކާ ކިތަންމެ ބާރުގަދަވެފައި ފަލަސްތީނު ކިތަންމެ ނިކަމެތިވި ނަމަވެސް ފަލަސްތީނުގެ ހައްގުތައް ނިގުޅައި ގަތުމަށްޓަކައި އެމެރިކާގެ ރައީސް އިއްލާންކުރެއްވި ސުލްހައިގެ މަޝްރޫއު، ޑީލް އޮފް ދަ ސެންޗަރީ ފަލަސްތީނުގައި ތަންފީޒު ނުކުރެވޭނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ހަމާސް ޖަމާއަތުން ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސުލްހައިގެ މަޝްރޫއަށް ފަލަސްތީނުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމާއި އެމަޝްރޫއު ތަންފީޒުކުރުމުގައި ޓްރަމްޕަށް ކާމިޔާބު ނުލިބޭނެ ކަމުގައެވެ. ހަމާސްގެ ބަޔާނުގައި ޓްރަމްޕް ސިފަކޮށްފައި ވަނީ އިސްރާއީލުގެ އަޅެއްގެ ގޮތުގަ އެވެ. ޓްރަމްޕްގެ މަޝްރޫއާ ކުރިމަތިލުމުގައި ފަލަސްތީނުގެ ރައްޔިތުންނާއި ޖަމާއަތްތަކާ އަދި ވެރިކަމުގެ އިދާރާ އޮތީ އަކަތިގަނޑެއްގެ ގޮތުގައި ކަމަށް ވެސް ހަމާސް އިން ނެރުނު ބަޔާނެއް ބުނެ އެވެ.

ހަމާސުން ބަޔާން ނެރުނު އިރު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ ޓްރަމްޕްގެ ސުލްހައިގެ މަޝްރޫއަކީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި 1917 ވަނަ އަހަރު އިނގިރޭސިވިލާތުން ނެރުނު ބެލްފޯ ޑެކްލަރޭޝަން ތަންފީޒުކުރުމާގުޅިފައިވާ މަޝްރޫއެއްކަމަށް ސިފަކުރައްވައި އެމަޝްރޫއާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ތެދުވެފައިވާކަން ހާމަކުރައްވާފަ އެވެ. ޓްރަމްޕްގެ މަޝްރޫއު ނާކާމިޔާބު ކޮށްލުމުގައި ފަލަސްތީނަށް އެހީތެރިވުމަށް އަރަބި ގައުމުތަކަށާއި އިސްލާމީ ގައުމުތަކަށް އައްބާސް އިލްތިމާސް ކުރެއްވި އެވެ. އަދި އެމެރިކާއާއި އިސްރާއީލުގެ މި ރޭވުންތަކާ ކުރިމަތިލުމަށް ޓަކައި ފަލަސްތީނުގެ އެތެރޭގެ ބައިބައިވުންތައް ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

މިކަމަށް ޓަކައި ޣައްޒާއަށް ވަރަށް އަވަހަށް ވަޑައިގެން ޙަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އާ އަދި އިސްރާއީލާ ދެކޮޅަށް ޖިޙާދުކުރާ ފަލަސްތީނުގެ އެހެން ޖަމާއަތްތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާނެކަމަށް އައްބާސް ވިދާޅުވިއެވެ. ޓްރަމްޕްގެ ސުލްހައިގެ މަޝްރޫއުކަމަށްވާ ޑީލް އޮފް ދަ ސެންޗަރީ އިއްލާން ކުރީ ރޭގެ ވަގުތެއްގަ އެވެ. އެ މަޝްރޫއު އިއްލާން ކުރުމާއެކު އިސްރާއީލުވަނީ އެކަމަށް މަރްހަބާކިޔައި އެމަޝްރޫއު ގަބޫލުކޮށްފައެވެ.

ޓްރަމްޕްގެ ސުލްހައިގެ މަޝްރޫއު ބިނާކޮށްފައި ވަނީ އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުން ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމުގައި ލިބިފައިވާ ހައްގުތައް ނިގުޅައިގަތުމުގެ މައްޗަށާ އަދި އިސްރާއީލު ގަދަބާރުން ވެރިވެގެންފައިޥާ ފަލަސްތީނުގެ ބިންތަކުން ނުފޭބުމުގެ މައްޗަށެވެ. އަދި ފަލަސްތީނަށް ބިމާއި ހައްގުތައް ނުލިބި ހުރިހާ އެއްޗެއް އިސްރާއީލަށް ލިބޭގޮތަށެވެ.

ޔޫރަޕްގެ ގައުމުތަކުން ވެސް ޓްރަމްޕްގެ މަޝްރޫއަށް މަރުހަބާ ކިޔާފައެއް ނުވެއެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން އެއީ ފަލަސްތީނުގެ ހައްގުތައް ނިގުޅައި ގަތުމުގެ މަޝްރޫޢެއްކަމަށް ވެސް ސިފަކޮށްފައިވެ އެވެ. އަދި އެމެރިކާގެ ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެންބަރުން ވެސް ވަނީ އެމަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ނަމަވެސް ޔަމަންގެ ހަނގުރާމައާއި ލީބިޔާގެ ހަނގުރާމައިގެ ފަހަތުގައިވާ އަރަބި ގައުމެއްކަމަށްވާ ޔޫއޭއީން ވަނީ ޓްރަމްޕްގެ މަޝްރޫއަށް މަރްހަބާ ކިޔާފައެވެ. އެމަޝްރޫއު އިއްލާންކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަރަބި ގައުމުތަކަށް އެމެރިކާ ކުރިމަތިކުރި ފިއްތުންތަކާއެކުވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ އަރަބި އެންމެ ތިން ގައުމުންނެވެ. އެއީ ޔޫއޭއީ، ބަހްރައިން އަދި އުމާން އެވެ.

ބަހްރައިންއަކީ ގުދްސަށް އެމެރިކާގެ އެންބަސީ ބަދަލުކުރުމުން ވެސް އެކަމަށް ތާއީދުކުރި އަރަބި ގައުމެކެވެ. އަރަބިންގެ ތެރެއިން އެމެރިކާގެ ނުފޫޒު ގެ ދަށުގައިވާ އަދި އެމެރިކާއަށް އެންމެ ބޮޑަށް ބަރޯސާވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ މިސްރު، ސައޫދީ އަދި އުރުދުން އަށްވެސް ޓްރަމްޕްގެ މަޝްރޫއު އިއްލާންކުރުމަށް ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވާން ކެރިފައެއް ނުވެއެވެ. އެހެންކަމުން ޓްރަމްޕްގެ ސުލްހައިގެ މަޝްރޫއު އިއްލާން ކުރުމާއެކު ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރިވެގެން ގޮސްފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދެބޭފުޅުންގެ ތެރެއިން ޓްރަމްޕަކީ ޚިޔާނާތުގެ ތުހުމަތުތަކެއް ކުރެވިފައވާ ބޭފުޅެކެވެ. މި ތުހުމަތުތަކާ ގުޅިގެން ސެނެޓުން ގެންދަނީ މަގާމުން ދުކުރުމާ ގުޅޭ ކަންތައްތައް ކުރަމުންނެވެ. ނަތަންޔާހޫ އަކީ ކޮރަޕްޝަންގެ ކުށް ތަހްގީގަށް ސާބިތުވެގެން އޭނާގެ މައްޗަށް ޝަރީއަތް ހިންގާ ބޭފުޅެކެވެ.

ޓްރަމްޕްގެ މަޝްރޫއާ ދެކޮޅަށް ފަލަސްތީނުގައާއި ޔޫރަަޕްގެ ބައެއް ގައުމުތަކުގައި ވަނީ މުޒާހަރާތައް ކުރަންފަށާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް