ގުދުރަތީ ހަމައަށް ބަދަލު އެބަ އާދޭ، އެކަމަކު ތަރައްގީ ހުއްޓާނުލެވޭނެ: ނަޝީދު

އާދައާ ހިލާފަށް ރަށް ގިރާތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތިމާވެށި ކޮމިޓިއިން ބޭއްވު ބައްދަލުވުން -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ގުދުރަތީ ހަމައަށް އިންސާނުން ނުކުރާ ކަންކަމުގެ ސަބަބުންވެސް ބަދަލު އެބަ އަންނަ ކަމަށާއި ނަމަވެސް، ތަރައްގީ އާއި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ހުއްޓައި ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރަށްތައް އާދައާ ހިލާފަށް ގިރާތީ ރައްޔިތުންގެ މަޖިލީހުގެ ތިމާވެށި ކޮމިޓީއިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖައްސާލައި، ފުރަތަމަ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ގޮވާލާފަ އެވެ.

"އަޅުގަނޑުމެން ފަހަށް ޖައްްސާލަންވީ ރައްޔިތުންގެ އަސާސީ ހިދުމަތްތަކެއް ނޫން. ފެނާއި ނަރުދަމާއެއް ނޫން އަޅުގަނޑުމެން ފަހަށް ޖައްސާލަންވީ. އަޅުގަނޑުމެން ފަހަށް ޖައްސާލަންވީ އަޅުގަނޑުމެން އަލަށް ހިއްކަން އުޅޭ ރަށްތައް. އަޅުގަނޑުމެން ދިރިއުޅޭ ރަށްތައް ހިމާޔަތް ނުކޮށް ދެން އިތުރަށް ރަށްތައް ހިއްކަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެން ފަހަށް ޖައްސާލަންވީ އަޅުގަނޑުމެން 23 މީޓަރުގެ ފުން ކަނޑެއް ހިއްކައިގެން ހަދަން އުޅޭ މެގާ ޕްރޮޖެކްޓުތައް. ބޮޑެތި ބަނދަރުތައް ބޮޑެތި ބްރިޖުތައް އަޅުގަނޑަށް ހީވަނީ އިހަށް އަޅުގަނޑުމެން ކުޑަކޮށް މަޑުޖައްސާލަންވީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިސްކަން ދޭން ޖެހޭ ތަރުތީބު އަނބުރާލަން ޖެހޭ ކަމަށެވެ. އަދި ބޮޑެތި ޕްރޮޖެކްޓުތައް ހިންގަން ޖެހޭނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައި ނޫންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އެ ކޮމިޓީގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ހަމައަށް ބަދަލު އެބަ އަންނަ ކަމަށެވެ. އެހެންކަމުން އެ ހަމައަށް ހޭނެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ވަރަށް ބޮޑަށް އެއްބަސް އަޅުގަނޑުމެން ކުރާ ކަންތައްތަކެއް އެބަ ހުރޭ. އަޅުގަނޑު މިތަނަށް ޝައުގުވެރިކަމާ އެކީ އައިސް، އަޅުގަނޑަށް ފެންނަ އެކައްޗަކީ، އަޅުގަނޑުމެން ނުކުރާ ކަންކަމުންވެސް އަޅުގަނޑުމެންނަށް ބޮޑު ބަދަލެއް އެބަ އާދެއޭ. އަޅުގަނޑުމެން ކުރާ ކަންތައްތައް ހުއްޓާލިޔަސް އެ ބަދަލުތައް އަޅުގަނޑުމެންނަށް ފެންނަމުން ގޮސްދާނެއޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ތުރާކުނުގައި ހުންނަ މީހާވެސް މާލެއިން ލިބޭ ހިދުމަތްތައް ބޭނުން ނުވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އަސާސީ ކަންކަންވެސް ތަރައްގީވެސް ހުއްޓާލެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިރިއުޅުން ހުއްޓާލެވޭކަށްވެސް ނެތް. ތަރައްގީ ހުއްޓާލެވޭކަށްވެސް ނެތް. ބޯހިޔާވަހިކަން ހުއްޓާލެވޭކަށްވެސް ނެތް. އޮޑިދޯނިފަހަރު ފުރާ ލެފުންވެސް ހުއްޓާލެވޭކަށް ނެތް. އިންޖީނު ގެތަކާއި ކަރަންޓު ދިނުންވެސް ހުއްޓާލެވޭކަށް ނެތް. ބޯފެން ދިނުންވެސް ހުއްޓާލެވޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އާދަޔާ ހިލާފަށް ރަށްތައް ގިރުމުގެ އަސަރު، ގއ.، ގދ.، ރ.، ބ.، އަދި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރަމުން އެބަ ދެއެވެ. ކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި ރާއްޖޭގެ ރަށްތައް ގިރަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އިންސާނުން ކުރާ ކަންތައްތަކުގެ ސަބަބުން، ފަރުތައް ހަލާކުވުން ހިމެނެ އެވެ. އަދި ފަޅުތައް ހިއްކަން ވެލި ނެގުމާއި، ބަނދަރު ހެދުން ފަދަ ކަންކަންވެސް ހިމެނެ އެވެ.

comment ކޮމެންޓް