ޓޮޓެންހަމް ދޫކޮށް އެރިކްސަން އިންޓައަށް

ޑެންމާކުގެ މިޑްފީލްޑަރު އެރިކްސަން އިންޓަ މިލާނަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ.// އިންޓަ މިލާން

ޔޫރަޕުގެ ބޮޑެތި ކުލަބުތަކަކުން ގިނަ ދުވަސްތަކެއް ވަންދެން ފާރަލަމުން އައި ޓޮޓެންހަމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެ ކުލަބު ދޫކޮށް އިޓަލީގެ އިންޓަ މިލާނަށް ސޮއިކޮށްފިއެވެ.

އުމުރުން 27 އަހަރުގެ އެރިކްސަން އިންޓައަށް ބަދަލުވީ 20 މިލިއަން ޕައުންޑްގެ އަގަކަށެވެ. ޑެންމާކުގެ ކެޕްޓަންކަން ކުރަމުން އަންނަ އެރިކްސެން އިންޓައާއެކު ހެދި އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އިންޓާއިން އެރިކްސަން ބޭނުންވެގެން މަސައްކަތްކުރާތާ މިހާރު ވަނީ ދުވަސްގަނޑެއް ވެފައެވެ.

އިންޓައާ އެކު މެޑިކަލް ނިންމުމަށްފަހު އެ ކުލަބުން އިއްޔެ ވަނީ އެރިކްސަން އެކުލަބާ ގުޅިފައިވާ ކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ. އެކަމަކު ސީޒަނުގެ މެދުތެރެއިން އެރިކްސަން ކުލަބު ބަދަލުކުރަން ނިންމުމާ ގުޅިގެން ޓޮޓެންހަމުގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ނެދަލެންޑްސްގެ އަޔަކްސްއިން 2013 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވެ އެރިކްސެން ވަނީ ޓޮޓެންހަމަށް 305 މެޗު ކުޅެދީ 69 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޓޮޓެންހަމް ގެންދިއުމުގައްޔާއި، ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ވޭތުވެ ދިޔަ އަހަރުތަކުގައި ޓޮޓެންހަމް ލީގު ނިންމާލުމުގައިވެސް އެރިކްސަންގެ ދައުރު ބޮޑެވެ.

އެރިކްސަން މި ސީޒަނުގެ ކޮންމެސް ހިސާބަކުން އެ ކުލަބު ދޫކޮށްލާނެކަން އޮތީ ކުރިންވެސް ގިނަބަޔަކަށް އިނގިފައެވެ. މި ސީޒަނުގެ ނިޔަލަށް އޭނާގެ އެއްބަސްވުން އައުކޮށްފައި ނުވާ އިރު ސީޒަން ނިމުމާއެކު ހިލޭ ޓްރާންސްފާއެއްގައި އޭނާއަށް ކުލަބު ދޫކޮށްލުމުގެ ފުރުސަތު އޮންނާނެއެވެ.

އިންޓައިން އެރިކްސަންގެ ސޮއި ހޯދަން ބޭނުންވާކަން ރަސްމީކޮށް މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ބާސެލޯނާ އަދި ރެއާލް މެޑްރިޑްވެސް ވަނީ އޭނާ ގެންދިއުމަށް މަސައްކަތްކޮށްފައެވެ.

އެރިކްސަންގެ އިތުރުން މިހާރު ހުޅުވިފައިވާ ޓްރާންސްފާ މާކެޓުގައި އިންޓައިން ސޮއި ހޯދި ކުޅުންތެރިންނަކީ މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން ކުޅުނު 34 އަހަރުގެ އޭޝްލީ ޔަންގާއި ޗެލްސީގެ ވިކްޓަ މޫސަސްއެވެ.

comment ކޮމެންޓް