ބެއިޖިން (ޖެނުއަރީ 29): ޗައިނާގެ ހޫބެއި ޕްރޮވިންސުގައި ތިބި އޮސްޓްރޭލިއާގެ ބައެއް މީހުން އަނބުރާ ގެންދިޔުމަށް ފަހު، ދެ ހަފްތާ ވަންދެން އެމީހުން އެހެން ރަށެއްގައި ކަރަންޓީނު ކުރަން އޮސްޓްރޭލިއާއިން ރާވާފައިވާކަން އިއުލާންކޮށްފި އެވެ.
އޮސްޓްރޭލިއާއިން ބުނި ގޮތުގައި ޗައިނާގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގެންދިޔުމުގައި އިސްކަން ދޭނީ ހޫބެއިގައި ތިބި އޮސްޓްރޭލިއާގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުރު މުއްދަތަކަށް އެގައުމަށް ދިޔަ މީހުންނަށެވެ. އަދި އެ އޮޕަރޭޝަން ކުރިއަށްގެންދާނީ ނިއު ޒީލޭންޑާ ގުޅިގެންނެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނުގެ ދަށުން އަނބުރާ ގެންދާ ކޮންމެ މީހަކު ވެސް ދެ ހަފްތާ ވަންދެން އެގައުމުގެ ރަށެއް ކަމަށްވާ ކްރިސްމަސް އައިލެންޑުގައި ކަރަންޓީނު ކުރާނެ އެވެ. އަދި ކްރިސްމަސް އައިލެންޑުގައި ކަރަންޓީނު ޒޯނު އޮންނާނީ މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން ކަމަށާއި ދެ ފަރާތަށް ވެސް ވަކިން ސިއްހީ އެހީ ފޯރުކޮށްދޭނެ ކަމަށް މޮރިސަން ވިދާޅުވި އެވެ.
ޗައިނާއިން ދާ މީހުންގެ ފަރާތުން ނޮވެލް ކޮރޯނާ ވައިރަހުގެ އަލާމާތްތައް ނުފެނު ނަމަވެސް އެމީހުން ދެ ހަފްތާ ވަންދެން ކަރަންޓީނު ކުރަނީ، އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އަލާމާތްތައް ފެންނަން ދެ ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެފައި އޮތުމުންނެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ހޫބެއިގައި އެގައުމުގެ 600 މީހުން ތިބި ކަމަށް ރެޖިސްޓާކޮށްފައިވެ އެވެ. އަދި ވައިރަސް ފުރަތަމަ ފެނުނު ވޫހާންގައި ނިއު ޒީލޭންޑުގެ 50 ވަރަކަށް މީހުން ތިބި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ބޮޑުވަޒީރު މޮރިސަން ވަނީ ހޫބެއި އިން ބޭރު ގައުމުތަކުގެ މީހުން ނެރުމަކީ ގޮންޖެހުންތައް ބޮޑު ކަމެއް ކަމަށާއި އޮސްޓްރޭލިއާ އާއި ނިއު ޒީލޭންޑުގެ ރައްޔިތުން އަނބުރާ ގެންދިޔުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ގެރެންޓީއެއް ދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރެއާއިން ވަނީ ހޫބެއިގައި ތިބި އެގައުމުތަކުގެ މީހުން އަނބުރާ ގެންދަން ފަށާފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ވޫހާންގައި ނޮވެލް ކޮރޯނާ ވައިރަސް ހަލުވި ކަމާ އެކު ފެތުރެން ފެށި ފަހުން، އެ ސިޓީ ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ. އަދި އެސިޓީއާ ކައިރީ އޮންނަ ގިނަ ސަރަހައްދުތަކުގައި ދަތުރުފަތުރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.
އެ ވައިރަހުގެ ސަބަބުން މިހާތަނަށް ޗައިނާގެ 132 މީހަކު މަރުވެފައިވާ އިރު، ދުނިޔޭގެ އެކި ގައުމުތަކުގައި 6000އާ ގާތް ކުރާ ވަރަށް މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.