ކޮރޯނާ ވައިރަސްއަށް ފިޔަވަޅުތައް ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފި

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ ފަރާތްތަކާ އެއްކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާ ވައިރަސް" އިން ދިވެހީން ރައްކާތެރި ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފި އެވެ.

ރައީސް ސޯލިހު ވަނީ ކޮރޯނާ ވައިރަސް ފެތުރުމާ ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގައި ވަޒީރުންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ރައީސް ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން މަސައްކަތް ކުރުމަށް އެކުލަވައިލައްވާފައިވާ ހާއްސަ ޓާސްކްފޯސްގެ މަސައްކަތްތަކާއި، މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވައިފަ އެވެ.

އަދި، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅައި، އެ ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ރައީސް ވަނީ ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފަ އެވެ.

އޭގެ އިތުރުން، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތުވެސް ރައީސް ސާފު ކުރެއްވި އެވެ. އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތުގައި އަމަލު ކުރައްވާނެ ގޮތްތަކާއި ބެހޭ މައުލޫމާތުވެސް އެމަނިކުފާނު އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެނިފައިވާ ޗައިނާގެ ވޫހާން ޕްރޮވިންސުގައި މިވަގުތު ދިރިއުޅެމުންދާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށެވެ.

comment ކޮމެންޓް