ޗައިނާ ފަތުރުވެރިން އައުން ނުހުއްޓުވާތީ ކަންބޮޑުވުން!

ޓޫރިސްޓަކު މާސްކު އަޅައިގެން ހުޅުމާލޭގައި-- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޗައިނާއިން ފެނުނު ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާއިރުވެސް، ރާއްޖެއަށް ޗައިނާއިން ފަތުރުވެރިން އައުން މަނާ ނުކުރާތީ ގިނަ އަދަދެއްގެ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިދިޔަ މަހުގެ ތެރޭގައި، ޗައިނާގެ ހޫބެއިގައި އޮންނަ ވޫހާންގައި ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން މިހާތަނަށް އެގައުމުގެ 106 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 4،515 އަށް އަރާފަ އެވެ.

މިހާތަނަށް 18 ގައުމަކުން ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާއިން ވެސް މި ބައްޔަށް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

އެއާއެކު ލަންކާއިން ވަނީ ޗައިނާގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފަ އެވެ. ޗައިނާގެ މީހުންނަށް ދެން ލަންކާއިން ވިސާ ދޭނީ ވިސާއަށް އެދުނު ސަބަބާއި އެމީހުން ދަތުރު ކުރަނީ ޗައިނާގެ ކޮން ސަރަހައްދަކުންތޯ ވަރަށް ގާތުން ބެލުމަށް ފަހު އެވެ.

ލަންކާގެ އިތުރުން، މެލޭޝިޔާއިން ވެސް ވަނީ ޗައިނާގައި ބަލި ފެތުރިފައިވާ ސަރަހައްދުތަކުން ދަތުރުކުރާ މީހުންނަށް ވިސާ ދިނުން ހުއްޓާލައިފަ އެވެ.

އެކި ގައުމުތަކުން މިފަދަ ފިޔަވަޅުތައް އަޅަމުން އަންނަ އިރު، ރާއްޖެއަށް ޗައިނާ ފަތުރުވެރިން އައުން މަނާކުރުމަށް ގޮވާލާ އަޑުތައް މިވަނީ ގަދަވެފަ އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ އެވެ. އެހެންކަމުން ބަލި ޖެހިފައިވާ މީހަކު ރާއްޖެ އެތެރެވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ބުނެ، ގިނަ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މެލޭޝިޔާ އަދި ސްރީލަންކާ އިން އެ އަޅަނީ ފިޔަވަޅަކީ. މެލޭޝިޔާ އާ ލަންކާއަށް ވުރެ މަދީތަ ޗައިނާއިން ރާއްޖެއަށް މީހުން ދަތުރުކުރާ ވަރު؟ އެގައުމުތަކުން އެފިޔަވަޅުތައް އަޅާއިރު، ރާއްޖޭގެ އެފިޔަވަޅުތައް ނޭޅުމުގެ މާނައަކީ ކޮބާ؟" ޓުވިޓާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.

ޗައިނާ ފަތުރުވެރިން އައުން މަނާ ނުކުރަނީ، ފަތުރުވެރިކަން ދަށްވެ، ރާއްޖޭގެ އިގްތިސާދަށް އަސަރުކޮށްފާނެތީ ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކަށް އަންނަނީ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

"ފަތުރުވެރިކަމުން ލިބޭ ފައިސާއަށް ވުރެ މުހިންމު ކަންނޭނގެ ގައުމުގެ ސަލާމަތް. އަދިވެސް އައިނު އައިނަށް ޗައިނާ މީހުން އެތެރެވޭ އެބަ. ސަރުކާރުން ކީއްތަ މި ކުރަނީ؟ ރާއްޖޭގައި އެވަރުގެ ކެޕޭސިޓީއެއް ނެތް. ވީއައިއޭގައި ބަހައްޓާފައި ހުރި ކެމެރާއަކުން އެކަންޏެއް މިކަމެއް ނުވާނެ. ލަންކާއިން ވެސް ފެނިއްޖެ. މިއީ މިހާރު ގޮވަން ތައްޔާރުވެފަ އޮތް ބޮމެއް،" އެކަކު ބުނެފައިވެ އެވެ.

"ކުރިއަށް އޮތް ތިން މަހަށް ޗައިނާގެ ފްލައިޓްތައް އައުން ހުއްޓާލަން ޖެހޭ ކަމަށް ނުފެނޭތަ؟ އޭރުން ހަމައެކަނި ސަލާމަތްވާނީ މި ގައުމެއް ނޫން، އެކަމުން މުޅި ދުނިޔެއަށް ވެސް ފައިދާ ކުރާނެ،"

ޗައިނާއިން ފަތުރުވެރިން ރާއްޖެ އައުން މަނާކުރުން ފަދަ ފިޔަވަޅެއް ސަރުކާރުން އަޅާފައި ނުވި ނަމަވެސް، ޗައިނާ ސަރުކާރުން ވެސް އަންނަނީ އެ ގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސް ކުރަން އިލްތިމާސްކުރަމުންނެވެ.

"އިގްތިސޯފު ފުނޑި، ކިތަންމެ ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހުނަސް، މިވަގުތަށް ޗައިނާ ޓޫރިސްޓުން ރާއްޖެ އެތެރެވުން ހުއްޓުވަންޖެހޭ. ފައިސާއަށް ވުރެ ފުރާނަ މުހިންމު،" މީހަކު ބުނެފައިވެ އެވެ.

ޗައިނާ ނޫން ގައުމުތަކުން ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެންނަކީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހުން ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ހާމަކޮށްފަ އެވެ. އަދި އޭގެތެރެއިން ގިނަ މީހުން ވަނީ ވޫހާން އަށް ދަތުރުކޮށްފަ އެވެ.

ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު އަދި ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވީ ނަމަވެސް، ބަލި ފެތުރުމުގެ ފުރުސަތު މުޅި ދުނިޔޭގެ ނިސްބަތުން މަތިކަމަށް ޑަބްލިއުއެޗްއޯއިން އަންދާޒާކުރެ އެވެ.

ޗައިނާގެ އިތުރުން ކޮރޯނާވައިރަސް މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ލަންކާ، ތައިލޭންޑް، އެމެރިކާ، އޮސްޓްރޭލިއާ، ސިންގަޕޫރު، ޓައިވާން، މެލޭޝިއާ، ދެކުނު ކޮރެއާ، ޖަޕާން، ފްރާންސް، ވިއެޓްނާމް، ނޭޕާލް، ކެނެޑާ، ކެމްބޯޑިއާ އަދި ޖަރުމަނު ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ބަލިން ރައްކާތެރިވުމަށް ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ދެނެގަތުމަށް ތާމަލް ކެމެރާ އަންނަނީ ބޭނުންކުރަމުންނެވެ.

އެއާޕޯޓުތަކުގެ ޓާމިނަލްގައި ތާމަލް ކެމެރާއިން ހުން ހުރިކަމަށް ދައްކާ ފަސިންޖަރުން ސްކްރީންކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ޝައްކުކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

ސްކްރީން ކުރެވޭ ފަސިންޖަރުންގެ ތެރެއިން މިބަލީގެ ސަވައިލަންސް ކްރައިޓީރިއާއަށް ފެތޭ ފަސިންޖަރުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ހުޅުމާލޭ އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ ގާއިމުކޮށްފަ އެވެ.

comment ކޮމެންޓް