ދިވެހި އަދީބުންގެ ޒިކުރާ

ދިވެހި ބަހުގެ ދުވަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަޅުގަނޑުމެން މަދަރުސާގައި ކިޔެވި އިރު، ދިވެހި މާއްދާގެ ފިލާވަޅުތަކުން ދިވެހި އަދީބުންނާ ބެހޭ ބައެއް މައުލޫމާތު ލިބުނެވެ. ދިވެހި އަދަބިއްޔާތުގެ ޅަފަތުގެ ދައުރަކާއި، ފިރުކޭން ފެށި ދައުރަކާއި ހިނގައިގަނެވުނު ދައުރެއްގެ ވާހަކަ ވެސް ދިވެހި ބޮޑުފޮތުގައި އޮވެއެވެ. އެ ދައުރުތަކާއި، އެ ދައުރުތަކުގައި ފާހަގަ ކޮށްލެވުނު އެކިއެކި އަދީބުންގެ ޝަޚްސީ މައުލޫމާތަކީ އެއީ އާއްމު ގޮތެއްގައި ދިވެހި އިމްތިހާނުގައި ސުވާލު ކުރެވޭ ބައިތަކެވެ. އެ ބެއިބެއިފުޅުންގެ އުފަން ތާރީޚާއި، ގަލަމީ ނަންފުޅުތައް ފަދަ ބައެއް މައުލޫމާތުތަކަކީ ހިތުދަސް ކޮށްފައި ހުންނާން ޖެހޭ ބައިތަކެވެ. އެއިރަކު ވެސް އަޅުގަނޑަކަށް އެ މައުލޫމާތުތައް ދަސް ކުރުމުގެ މާ ބޮޑު ބޭނުމެއް އޮތް ކަމަކަށް ނުވިސްނުނެވެ. އަޅުގަނޑު މަދަރުސީ ދައުރު ނިންމީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން ވިހި އަހަރު ވެގެން ދިޔައީއެވެ. މިހާރަކު ވެސް އަޅުގަނޑަކަށް އެއިރު ދިވެހި މާއްދާގައި ދަސް ކުރާން ޖެހުނު މި ދެންނެވި ފަދަ ބައެއް މައުލޫމާތުތަކުގެ މާބޮޑު ބޭނުމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

އަޅުގަނޑުގެ ހިތަށް އަރައެވެ. ދިވެހި އަދީބުންގެ އުފަން ތާރީޚުތަކާއި، އަވަހާރަވި ތާރީޚުތަކާއި، އެ ބެއިފުޅުން ބޭނުންފުޅު ކުރެއްވި ގަލަމީ ނަންތަކާއި، ސަރުކާރުގައި އެ ބެއިފުޅުން އަދާ ކުރެއްވި މަގާމުތަކުގެ ލިސްޓު ކުދީން ލައްވައި ދަސް ކުރުވުމަށް ވުރެ އެތައް ގޮތަކުން މުހިއްމުކަން ބޮޑީ އެ ބެއިފުޅުން ލިޔުއްވި ލިޔުއްވުންތައް ދަރިވަރުން ލައްވައި ކިޔުއްވުން ނޫން ބާވައެވެ!

ރީތި ދިވެހި ބަހުން ވާހަކަޔާއި ޅެމާއި ތަމްސީލު ލިޔުއްވި އަދީބުންގެ ލިސްޓަކީ ކުރު ލިސްޓެއް ނޫނެވެ. ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނާއި، ސުމުއްވުލް އަމީރު މުޙައްމަދު އަމީނާއި، ފަޟީލަތުއް ޝައިޚް ޢަބްދުﷲ ޖަލާލުއްދީނާއި، ޞާޙިބުއް ސަޢާދާ އަލްއުސްތާޛު އިބްރާހީމް ޝިހާބާއި، އައްޝައިޚް ޢުމަރު ޢީސާ އާއި، ފަޟީލަތުއް ޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލު ދީދީ އާއި، އައްނަބީލް އަޙްމަދު ކާމިލު ދީދީ އާއި، އަލްފާޟިލް އިބްރާހީމް ޙިލްމީ ދީދީ އާއި، އައްޝައިޚް މަލިންގޭ ޙުސައިން ދީދީ އާއި، އަލްފާޟިލް މީރުބަހުރުގޭ އިސްމާޢީލް ދީދީ އާއި، މަލިމް މޫސާ މާފަތް ކިލެގެފާނާއި، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އާއި، އައްނަބީލް މުޙައްމަދު މޫސާ ދީދީ އާއި، ފަޟީލަތުއް ޝައިޚް އިބްރާހީމް ރުޝްދިލް އަޒްހަރީ އާއި، އަލްފާޟިލް ޢަލީ ޙުސައިން ނައިފަރީ އާއި، އައްނަބީލް މަލިން މުޙައްމަދު ދީދީ އާއި، އަލްފާޟިލް އިބްރާހީމް ޙުސައިން މަނިކާއި، އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމާއި، އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަނާއި، އަލްފާޟިލް ޢައްބާސް އިބްރާހީމް ފަދަ ބެއިބެއިފުޅުންނަކީ އިހާއި ފަހުގެ ބޮޑެތި އަދީބުންނެވެ. ނަމަވެސް މީގެ ތެރެއިން ދާދި މަދު ބެއިފުޅެއްގެ މައުލޫމާތު ނޫނީ އަޅުގަނޑުމެންނަކަށް މަދަރުސީ ދައުރުގައި ނުލިބެއެވެ. ޚާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަ ކުރާނީ ބައެއް އަދީބުންގެ ނަންފުޅުތައް، ތައައްސުބީ ސަބަބުތަކަކާ ހުރެ މުޅީން އެއް ފަރާތް ކޮށްލެވިފައި އޮތް އޮތުމެވެ. މިސާލަކީ އައްޝައިޚް ޢުމަރު ޢީސާއެވެ. ލިޔުއްވި ލިޔުއްވުންތަކުގެ އަދަދަށް ބެލިޔަސް، އެ ލިޔުންތަކުގެ އިލްމީ، ފިކުރީ އަދި ބަހަވީ ފެންވަރަށް ބެލިޔަސް، އައް ޝައިޚް ޢުމަރު ޢީސާ އަކީ ރާއްޖެ ދުށް އެންމެ ކުޅަދާނަ އަދީބުންގެ އެންމެ ކުރީ ސަފުގެ އެންމެ މެދުން ޖާގަ ލިބިވަޑައިގަންނަވާން ޖެހޭ ބެއިފުޅެކެވެ. ނަމަވެސް އަޅުގަނޑުމެން ކިޔެވި ދިވެހި ފޮތަކުން އޭނާގެ ނަންފުޅު ދުށް ހަނދާނެއް އަޅުގަނޑު ނުވެއެވެ.

ދެން އޮތީ އެޔަށް ވުރެ ވެސް ހިތާމަވެރި ވާހަކައެކެވެ. މި ދެންނެވި އަދީބުންގެ ތެރެއިން ގިނަ ބެއިފުޅުންގެ މުހިއްމު ހުރިހައި ލިޔުއްވުންތަކެއް ރައްކައުތެރި ކުރެވިފައެއް ނެތެވެ. ފެންނާން ހުރި ލިޔުންތައް ވެސް އެކަށޭނަ ފެންވަރެއްގައި ދައުލަތުގެ ފަރާތުން ޗާޕުކޮށެއް ނުހަދައެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟ ކޮންފަދަ ބޮޑު އިހުމާލެއްތޯއެވެ؟ ގައުމީ ނިސްބަތުގައި ކޮންފަދަ ބޮޑު ޖަރީމާއެއްތޯއެވެ؟ ކޮންފަދަ ބޮޑު އަޖާއިބެއްތޯއެވެ؟ ރަސްރަސްކަލުންނާއި ރައީސުންނާއި ވަޒީރުން ތިއްބަވައިގެން، ދިވެހި ބަހާއި ތާރީޚާ ބެހޭ ކޮމިޓީ އާއި މަޖިލިހާއި މަރުކަޒު ހުރެގެން، ބޮޑުސިންގާ "ގައުމީ ކުތުބުޚާނާ" އެއް ވެސް ހުރެގެން، މިއޮތް ފަދަ ޒަމާނުގައި ދިވެހި ބަހުގެ ބޮޑެތި އަދީބުންގެ ލިޔުއްވުންތައް ފުރިހަމަޔަށް ރައްކައުތެރި ނުކުރެވުނު ނުކުރެވުމަށް ބަހާނާއެއް އުޒުރެއް ދެއްކޭނޭ ގޮތަކީ ކޮބައިތޯއެވެ؟

މީގެ އަހަރުތަކެއް ކުރީން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒުން، ދިވެހި އަދީބުންނާ ބެހޭ ލުއި ފޮތްތަކެއް ނެރުއްވިއެވެ. ކުރެއްވި މަސައްކަތަކަށް ހައްގު ތައުރީފު ނުކުރާކަށެއް، ހައްގު ޝުކުރު އަދާ ނުކުރާކަށެއް އަޅުގަނޑު ނުއުޅެމެވެ. އެހެންކަމުން އެ ފޮތްތައް ނެރުއްވީތީ އެކަމަށް ޓަކައި ހަމަ ހަގީގަތުގައި ވެސް ޝުކުރުވެރި ވަމެވެ. ނަމަވެސް އެ ފޮތްތަކުގެ ފެންވަރާ މެދުގައި ރަނގަޅީ ވާހަކަ ނުދެއްކިއްޔާއެވެ. ކުރުކޮށް ދަންނަވާ ނަމަ، ދަންނަވާން ޖެހެނީ އެއީ ވެސް ދިވެހީންގެ އާއްމު އުސޫލުން ކަންފަސޭހަކަމުގެ ކޮޅުނެތްކޮޅަށް ކަންފަސޭހަކޮށް ކޮށްފައި އޮތް މަސައްކަތެއް ކަމުގައެވެ. އެންމެ ކުޑަމިނުން، ގިނަ ބެއިފުޅުންގެ ލިޔުއްވުންތަކުގެ "ބިބްލިޔޮގްރަފީ" ގަނޑެއް ވެސް އެ ފޮތްތަކުގައެއް ނުހުރެއެވެ. ހުންނަނީ މިސާލުތަކެއްގެ ގޮތުގައި ބައެއް ފޮތްތަކުގެ ނަންތައް ލިޔެލައިފައެވެ.

މިފަދަ އިހުމާލުތަކެއްގެ ތެރެއިން، ދައުލަތުގެ ކަމާބެހޭ ރަސްމީ ފަރާތްތަކުގެ އަތްމަތީން މުޅީން ބީ ވެފައި ހުރި އެތައް އަދަބީ ތަރިކަތަކުގެ ތެރޭގައި ޝައިޚް ޢުމަރު ޢީސާގެ އަމީރު ޙަމްޒާ ވާހަކައިގެ އަސްލާއި، ހަނގުރާމައިގެ ރަންހާރާއި، ޙަލަބުގެ ރާނީ އާއި، ހިތްތަކުގެ ބާރު ނުވަތަ ނޯރަސްކޯޓް އާއި، އައްނަބީލް އަޙްމަދު ކާމިލު ދީދީގެ ޝަމީމް ވާހަކަޔާއި، މަލިންގޭ ޙުސައިން ދީދީގެ ޤުރްއާން ތަފްސީރާއި، ޞަޙީޙު ބުޚާރީ އާއި ޞަޙީޙު މުސްލިމުގެ ތަރުޖަމާ އާއި، އަލްފާޟިލް ބާޑީގޭ މުޙައްމަދު އަޙްމަދު ދީދީގެ އީރަޖް ވާހަކަޔާއި، ތިން ބެއިފުޅަކު ވެގެން ތަރުޖަމާ ކުރެއްވި ސައިފް ރަސްގެފާނު ވާހަކަޔާއި، މައުލަވީ މުޙައްމަދު ޙަސަން ނަދުވީގެ ހަތަރު ޚަލީފާއިންގެ ސިޔަރަތާއި، ޝާހުނާމާގެ ދިވެހި ތަރުޖަމާ ޚުސްރުވާން ޢަޖަމް ފަދަ އެތައް ފޮތްތަކެއް ހިމެނެއެވެ. މީގެ ތެރެއިން ބައެއް އެއްޗެތި އަމިއްލަ ބައެއް ބެއިފުޅުންގެ ޚިދުމަތްތެރި މަސައްކަތްތަކުގެ ސަބަބުން މިއަދު ފެންނާން އެބަހުއްޓެވެ. ދައުލަތުން ކުރި މަސައްކަތަކުން ވީ ކަމެއް ނޫނެވެ.

ދިވެހި އަދީބުންގެ ޒިކުރާ ހެޔޮ ގޮތުގައި އައު ކުރާން ޖެހެއެވެ. ގައުމީ ޓީވީން ސިޔާސީ ޕާޓީތަކޭ ކިޔައިފައި މިހިރަ ނުބައިނުލަފާ ގޭންގުތަކާއި، ގައުމު ހަލާކު ކުރަމުންދާ ސިޔާސީ ރޭޕިސްޓުން "ގްލޮރިފައި" ކުރުމުގެ ބަދަލުގައި، ދިވެހި އަދީބުންނާއި އެ ބެއިފުޅުންގެ ލިޔުއްވުންތަކުގެ ޒިކުރާ އައު ކުރުން ފަދަ މުހިއްމު ކަންކަމަށް ވަގުތާއި ހަކަތަ ހޭދަ ކުރާން ޖެހެއެވެ. މީޑިޔާއިން ވެސް މީޑިޔާގެ ދައުރު އަދާ ކުރާން ޖެހެއެވެ. ހަމައެޔާއެކު، ތައުލީމީ މަންހަޖު އިސްލާހު ކޮށް، ދިވެހި އަދީބުންގެ އުފެއްދުންތައް ބަލައި، ކިޔައި، ދިރާސާ ކޮށް ހެދުމަކީ ކުދީންނަށް ކޮންމެހެން ކުރާން ޖެހޭ މަސައްކަތެއް ކަމުގައި ހަދާން ޖެހެއެވެ. މިގޮތުން މި ވަގުތު ކުރާން ޖެހިފައި އޮތް އެންމެ ބޮޑު އެއް މަސައްކަތަކީ ދިވެހި އަދީބުންގެ މަސައްކަތްޕުޅުތައް ރަނގަޅު ފެންވަރެއްގައި ޗާޕު ކޮށްގެން ނެރުމެވެ. ރަނގަޅު ފެންވަރެއްގައޭ މި ދަންނަވަނީ، އެންމެ މޮޅު ކަރުދާހުގައި، ބޯ ކަރުދާހު ބަނޑޭރިގަނޑު ލައިފައި، އެ ފޮތް ބަލައިލުމުން ވެސް މީހުންގެ ހިތުގައި ހައިބަތާއި ގަދަރު އުފެދޭނޭ ފަދަ ފެންވަރެއްގައި ފޮތް އޮންނާން ޖެހޭ ވާހަކައެވެ. އަދި ލިޔުންގަނޑުގައި އެއްވެސް ކުށެއް ނެތި، އަސްލާ މުޅީން އެއްގޮތަށް އޮންނާން ޖެހޭ ވާހަކައެވެ. މިފަދަ މަސައްކަތަކަށް ހަގީގަތުގައި މާކަ ބޮޑު ޚަރަދެއް ވެސް ނުދާނެއެވެ. ސިޔާސީ ޕާޓީތަކޭ ކިޔުނު ގޭންގުތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ އެ ދެނީ ނޫންތޯއެވެ؟ މި ބޮޑުވެގެންވީ އިސްރާފުގައި އަހަރަކު އެ އުކައިލާ ފައިސާގެ ތިރީސް ބައި ކުޅަ އެއްބައި ހޭދަ ކުރިޔަސް، މި މަސައްކަތް ނިންމައިލެވޭނެއެވެ. ދިވެހި ގައުމަށް މުހިއްމީ ސިޔާސީ ޑިމެގޯގުންނާއި ރަންޑީން ކެންޕޭނު ދަތުރުތަކާއި ޖަލްސާތަކަށް ޚަރަދު ކުރާނޭ ފައިސާ ދިނުމެއް ނޫނެވެ. ގައުމަށް މުހިއްމީ ގައުމުގައި ދިއްލުނު އަލިގަދަ ދަންމަރުތަކެއް ކަމުގައި ހިމެނިވަޑައިގަތް ބެއިބެއިފުޅުންގެ އިލްމީ އަދި ފިކުރީ އުފެއްދުންތައް ގައުމުގެ ދަރީންނަށް ކިޔޭނޭ، ބެލޭނޭ ގޮތް މެދުވެރި ވުމެވެ.

ދިވެހި ބަހުގެ އެކަޑަމީއަށް އަޅުގަނޑު ކުރާ އިލްތިމާސަކީ ދިވެހި އަދީބުންގެ ލިޔުއްވުންތައް މި ދެންނެވި ގޮތުގެ މަތީން ސިލްސިލާ ގޮތެއްގައި ޝާއިއު ކުރައްވާން ފެއްޓެވުން އެދި ކުރާ އިލްތިމާސެވެ. މި މުހިއްމު މަސައްކަތް ހެޔޮ ގޮތުގައި ކުރުމުގެ އިޚްލާސްތެރި ނިޔަތާއި ގާބިލިއްޔަތު އެކަޑަމީގައި އިސްކޮށް ތިއްބެވި ބެއިފުޅުންގެ ކިބައިގައި އެބަހުރިކަން އަޅުގަނޑަށް ޔަގީނެވެ. އޮތް ހަމައެކަނި ހުރަހަކީ އިސްލާހު ކުރަނިއްޔޭ ކިޔައިގެން ގައުމު ފަސާދަ ކޮށް، ގައުމަށް ފައިދާ ހުރި އެއްވެސް ކަމަކަށް ބަޖެޓުން ފައިސާއެއް ނުދޭ ސިޔާސީންނެވެ. މި ހުރަސް ނައްތައިލެވިއްޖެ ނަމަ، ދިވެހި އަދީބުންގެ މުހިއްމު މަސައްކަތްޕުޅުތައް ވަކިވަކި ފޮތްތަކެއްގެ ސިފައިގައި، އަދި "ކަލެކްޓެޑް ވޯރކްސް" ފަދަ ގޮތްގޮތަށް ޝާއިއު ކުރެވިގެން ދާ ދުވަހެއް އަޅުގަނޑުމެންނަށް ފެނިދާނެއެވެ. އެ ދުވަހަކުން މި ގައުމު ހިތްހަމަޖެހުމުގެ ނޭވައެއް ލާނެއެވެ. ރަނގަޅަށް އެއް ކަމެއް ވެސް ނުހިނގާ މި ގައުމުގައި، ރަނގަޅަށް ކޮންމެވެސް ކަމެއް ހިނގީތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް