ސިފައިންގެއިން ވަކިކުރި މީހަކަށް އަލުން ވަޒީފާދޭން ހުކުމް ކޮށްފި

ނުވެމްބަރު 3، 2019: 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ހިލާފު ވެފައިވާ ކަމަށް ބުނެ ވަޒީފާއިން ވަކިކުރި ގއ. ދާންދޫ، ހިތަށްފިނިވާގެ އިބްރާހިމް އަލީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އިބްރާހިމް އަލީ ވަޒީފާއިން ވަކިކުރީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު އޭނާ ހުރީ ސްޓާފް ސާޖަންޓުގެ ވަޒީފާގަ އެވެ.

ވަޒީފާއިން ވަކިކުރުމުގެ ކުރިން ސިފައިންގެ ތެރޭގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އުފެދި ކަމުގެ ތުހުމަތުގައި އޭނާ ސަސްޕެންޑު ވެސް ކުރި އެވެ.

ނޮވެމްބަރު 2013ގައި އިބްރާހިމް އަލީ ވަޒީފާއިން ވަކިކުރުމުން، އޭނާގެ ފަރާތުން ވަނީ ޑިފެންސް މިނިސްޓްރީއަށް ރައްދުވާ ގޮތަށް ދައުލަތާ ދެކޮޅަށް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އޭނާ ކޯޓަށް މައްސަލަ ހުށަހެޅީ އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި، އެއް އަހަރު ދުވަހުގެ މުއްދަތަށް މުސާރައާއި އިނާޔަތްތައް ލިބިދިނުމަށެވެ.

އެ މައްސަލަ ނިންމައި ސިވިލް ކޯޓުނުގެ ގާޒީ އަލީ އަބްދުﷲ މި މަހުގެ 13 ވަނަ ދުވަހު ކުރެއްވި ހުކުމްގައި ބުނެފައި ވަނީ ޝަރީއަތަށް ހުށަހެޅުނު ބަޔާންތަކާއި ލިޔުންތަކާއި އަދި ކަމާގުޅޭ ގާނޫނުތަކަށް ރިއާޔަތްކޮށް ބަލާއިރު، އިބްރާހިމް އަލީ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށްކަން އެނގޭ ކަމަށެވެ.

އެހެންކަމުން ގާނޫނާ ހިލާފަށް، އިބްރާހިމް އަލީ ވަޒީފާ އިން ވަކިކުރުމުގެ ސަބަބުން އަދުލުވެރި ބަދަލެއްގެ ގޮތުގައި 25 ނޮވެމްބަރު 2013 އިން ފެށިގެން، އެއް އަހަރު ދުވަހުގެ މުއްދަތުގެ މުސާރައާއި އިނާޔަތަށްވާ 198،465.6 ރުފިޔާ އާއި އެ މުއްދަތުގައި ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ހައްގުވާ ފައިސާ އޭނާއަށް ލިބިދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އަދި އެ ފައިސާ އިބްރާހިމް އަލީއަށް ލިބިދިނުމުގެ ގޮތުން 13 ޖެނުއަރީ އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކާ ހަލާސްކުރުމަށް ވަނީ އަންގައިފަ އެވެ.

ހަމައެއާ އެކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އިބްރާހިމް އަލީ އަދާކުރަމުން ދިޔަ ސްޓާފް ސާޖަންޓުގެ ވަޒީފާ، ޖެނުއަރީ 13 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އަނބުރާ އިޔާދަކޮށްދިނުމަށާއި، 25 ނޮވެމްބަރު 2013 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތު، އިބްރާހިމް އަލީގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި ގުޅުވައިދިނުމަށް، ޑިފެންސް މިނިސްޓްރީ އާއި ދައުލަތަށް އަންގައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް