ލަންކާއިން ޗައިނާގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި

ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަސިންޖަރުންގެ ޓެމްޕަރޭޗާ ބަލަނީ -- ފޮޓޯ: އީޕީއޭ

ކޮލަމްބޯ (ޖެނުއަރީ 28): ސްރީލަންކާއިން ކޮރޯނާވައިރަސް ފެނުމާ ގުޅިގެން އެގައުމުން ޗައިނާގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި ކަމަށް ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރަ ވަނިއަރާޗީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުން ޗައިނާގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލީ، އެކަމާ ބެހޭ ގޮތުން ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އާއި ކަމާ ބެހޭ މާހިރުންގެ ކޮމިޓީއަކާއި ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ބޭއްވި ބައްދަލުވުމަކަށް ފަހުގަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާގެ މީހުންނަށް ދެން ލަންކާއިން ވިސާ ދޭނީ ވިސާއަށް އެދުނު ސަބަބާއި އެމީހުން ދަތުރު ކުރަނީ ޗައިނާގެ ކޮން ސަރަހައްދަކުންތޯ ވަރަށް ގާތުން ބެލުމަށް ފަހުގަ އެވެ.

ލަންކާއިން މިހާރު ދަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ)ގައި ތާމަލް ސްކޭނާއެއް ބޭނުންކޮށް، އެ އެއާޕޯޓަށް ދާ މީހުންގެ ހުން ހުރިތޯ ބަލަމުންނެވެ. އަދި ޗައިނާއިން އެ ގައުމަށް އެތެރެވާ މީހުން ހާއްސަ ޓާމިނަލްއަކަށް ގެންގޮސް، އެމީހުން ވަކިން ސްކްރީން ކުރަމުންނެވެ.

ލަންކާގައި އިއްޔެ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ޗައިނާގެ ހޫބެއި ޕްރޮވިންސުން އެގައުމަށް ދިޔަ 47 އަހަރުގެ އަންހެނެކެވެ. އޭނާ ވައިރަސްއަށް ޕޮޒިޓިވްވީ އޭނާގެ ހުން ހުރި ކަމަށް ބީއައިއޭއިން ފާހަގަ ކުރެވިގެން ކޮލަމްބޯގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލުގައި އެޑްމިޓު ކޮށް ޓެސްޓު ހެދުމުންނެވެ.

ލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އެގައުމުން ފެނުނު ނަމަވެސް، އެ ވައިރަސް އެ ގައުމުގައި އިތުރަށް ފެތުރިގެން ދިޔުމުގެ ފުރުސަތެއް އަދި ނެތެވެ. އެހެންވެ، އާންމުން ކަންބޮޑުނުވުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފަ އެވެ. އަދި އެ ރޯގާ އިތުރަށް ފެތުރިގެން ނުދިޔުމަށް އަޅަން ޖެހޭ އެންމެ ފިޔަވަޅު އަޅާފައިވާ ކަމުގެ ޔަގީންކަން ވެސް އެ އިދާރާއިން ދިނެވެ.

ލަންކާގެ އިތުރުން ފިލިޕީންސްއިންވެސް ވަނީ ޗައިނާގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފަ އެވެ. އަދި އެމެރިކާ އާއި ކެނެޑާ ފަދަ ބައެއް ގައުމުތަކުން ވަނީ ޗައިނާގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ނުކުރުމަށް އެދިފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި، ޗައިނާގެ ހޫބެއިގައި އޮންނަ ވޫހާންގައި ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން މިހާތަނަށް އެގައުމުގެ 106 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4،515އަށް އަރާފަ އެވެ.

ޗައިނާ އާއި ލަންކާގެ އިތުރުން ކޮރޯނާވައިރަސް މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ތައިލޭންޑް، އެމެރިކާ، އޮސްޓްރޭލިއާ، ސިންގަޕޫރު، ޓައިވާން، މެލޭޝިއާ، ދެކުނު ކޮރެއާ، ޖަޕާން، ފްރާންސް، ވިއެޓްނާމް، ނޭޕާލް، ކެނެޑާ، ކެމްބޯޑިއާ، ޖަރުމަނު އަދި ލަންކާ ހިމެނެ އެވެ.

comment ކޮމެންޓް