މިދިޔަ އަހަރު ކައިވެނި މަދުވެ، 3000 ވަރި

ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުސްވި 2019 ވަނަ އަހަރު ރާއްޖޭގައި 3000 އަށް ވުރެ ގިނަ ވަރިކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑީޖޭއޭއިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު 3432 ވަރި ކޮށްފައިވެ އެވެ. އެއީ ނިސްބަތުން ދުވާލަކު ނުވަ ވަރި އެވެ.

އޭގެ ކުރީ އަހަރު ރާއްޖޭގައި ކޮށްފައި ވަނީ 3166 ވަރި އެވެ. އެހެންކަމުން 2018 ވަނަ އަހަރާ އަޅާބަލާއިރު 2019 ވަނަ އަހަރު ކުރި ވަރީގެ އަދަދު ވަނީ 8.4 ޕަސެންޓު އިތުރުވެފަ އެވެ.

ކައިވެނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 5035 ކައިވެނި ކޮށްފައިވެ އެވެ. އެހެންކަމުން އެއީ ނިސްބަތުން ދުވާލެއްގެ މައްޗަށް 13 ކައިވެންޏެވެ.

މިދިޔަ އަހަރު ކައިވެނި ކުރި އަދަދު ވަނީ 2018 ވަނަ އަހަރަށް ވުރެ ދަށްވެފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ކޮށްފައި ވަނީ 5290 ކައިވެންޏެވެ. އެހެންކަމުން 2019 ވަނަ އަހަރު ކައިވެނި ކުރި އަދަދު ވަނީ 4.8 ޕަސެންޓު ދަށްވެފަ އެވެ.

ރާއްޖެއަކީ އާބާދީ އާއި ބަލާއިރު މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ. ރާއްޖޭގެ ވަރީގެ ނިސްބަތް ހުރީ 10.97 ރޭޝިއޯ ގަ އެވެ.

ޑީޖޭއޭއިން ފުރަތަމަ އާންމުކުރި ތަފާސް ހިސާބު ---

---

ނޯޓު: އިއްޔެގެ ހަބަރުގައި މިދިޔަ އަހަރުގެ ވަރި އަދި ކައިވެނީގެ ތަފާސްހިސާބު ގޯސްކޮށް ގެނެސްދެވިފައި ވަނީ ޑީޖޭއޭއިން އާންމު ކުރި ތަފާސްހިސާބު ގޯސްވުމުގެ ސަބަބުންނެވެ. ޑީޖޭއޭއިން މިހާރު ވަނީ އެ ކުށް ރަނގަޅުކޮށްފަ އެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

comment ކޮމެންޓް