އުރީދޫގެ ބްރޭންޑް އެންބަސަޑަރަކަށް މާޒިޔާ ހަމަޖައްސައިފި

މާޒިޔާއާއި އުރީދޫގެ ޕާޓްނާޝިޕް އެެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ// މާޒިޔާ

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ، އުރީދޫގެ ބްރޭންޑް އެންބަސަޑަރަކަށްވެ، އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ލީގުގައި ބާކީ ތިން މެޗު އޮއްވާ ލީގުގެ އެއްވަނަ މާޒިޔާއިން ހޯދީ ގްރީންސްޓްރީޓްސް ބޮޑު ތަފާތަކުން ބަލިކުރި މެޗުގަ އެވެ. މިހާތަނަށް ލީގުގައި 19 މެޗު ކުޅުނު އިރު މާޒިޔާ ބަލިވީ އެންމެ މެޗަކުންނެވެ. އަދި އެންމެ ފަހު މެޗުގައި ދަ ގްރާންޑޭ ބަލިކޮށް ލީގުގައި ޖެހިޖެހިގެން ހޯދި ނުވަ ވަނަ މޮޅާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ 19 މެޗުން 50 ޕޮއިންޓާ އެކު އެވެ. އެ ޓީމާއި އެންމެ ގާތުން ދެން ވާދަކުރާ އީގަލްސް އޮތީ 11 ޕޮއިންޓް ފަހަތުގަ އެވެ.

މާޒިޔާއިން މި ފެށުނު އަހަރާ އެކު ޓީމު ވަރުގަދަކޮށް ބޮޑެތި އަމާޒުތަކެއް ހާސިލް ކުރުމަށް އުންމީދުކުރަމުންދާ އިރު. މިއަދު އެ ކުލަބުން ވަނީ ކުލަބުގެ ބްރޭންޑް އެމްބަސަޑަރެއްގެ ގޮތުގައި އުރީދޫއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެއް އަހަރުގެ އެއްބަސްވުމަކާ އެކު މާޒިޔާއާއި އުރީދޫއިން ޕާޓްނާޝިޕް ހަދާފައިވާ އިރު އުރީދޫ އަކީ މާޒިޔާގެ ސީނިއާ ޓީމާއި އެ ކުލަބުން ހިންގާ އެކަޑަމީގެ މެއިން ސްޕޮންސަރަކަށް ވާނެ އެވެ.

މިއަދުގެ އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ނަޖީބް ޙާން އެވެ. މާޒިޔާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ އެކުލަބުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

މި އެއްބަސްވުމަށްފަހު މާޒިޔާއިން ބުނީ ދެ ފަރާތުގެ ގުޅުމާ އެކު އެކުލަބުިގެ ޒުވާން ޖީލު ކުރިއެރުވުމަށްޓަކައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމާ އެކު ދެފަރާތަށް ވެސް ފައިދާ ކުރުވަނިވި ކަންތައްތަކެއް މަގުފަހިވެގެންދާނެ ކަމަށް މާޒިޔާއިން ވަނީ ބުނެފަ އެވެ.

މާޒިޔާ އިން ޕްރިމިއާ ލީގު އެންމެ ފަހުން ކާމިޔާބުކުރީ 2016 ވަަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ މިހާރުގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި 2017 ވަނަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ޗެންނާއީގައި ބޭއްވި އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމުން މިދިޔަ އަހަރު ހޯދި އިރު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށް ގެން ބާއްވާ ދިރާގު ޔޫތް ލީގުގެ ޗެމްޕިއަންކަން ވެސް އެކުލަބުން ވަނީ މިދިޔަ އަހަރު ހޯދައިފަ އެވެ.

comment ކޮމެންޓް