ސްރީލަންކާއިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ

އިންތިހާބެއްގައި ލަންކާގައި ވޯޓުލުމަށް ކިއޫގައި: ލަންކާ އަށް ކޮރޯނާ ވައިރަސް ވަނީ އައިސްފައި -- ފޮޓޯ: ސްކައި ނިއުސް

ޗައިނާގައި ފެތުރި ބޮޑު ބަލިމަޑު ކަމަކަށް މިހާރު ބަދަލުވެފައިވާ "ކޮރޯނާ ވައިރަސް" ޖެހިފައިވާ މީހަކު ސްރީލަންކާއިން ފެނިފައިވާކަން އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

ސްރީލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ސްރީލަންކާއިން ފެނުނު ނަމަވެސް، އެ ވައިރަސް އެ ގައުމުގައި އިތުރަށް ފެތުރިގެން ދިޔުމުގެ ފުރުސަތެއް އަދި ނެތެވެ. އެހެންވެ، އާންމުން ކަންބޮޑުނުވުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފަ އެވެ. އަދި އެ ރޯގާ އިތުރަށް ފެތުރިގެން ނުދިޔުމަށް އަޅަން ޖެހޭ އެންމެ ފިޔަވަޅު އަޅާފައިވާ ކަމުގެ ޔަގީންކަން ވެސް އެ އިދާރާއިން ދިނެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި، ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ، ޗައިނާގެ ހުބޭ ޕްރޮވިންސުން ލަންކާއަށް އެތެރެވި 43 އަހަރުގެ ޗައިނާގެ އަންހެނެކެވެ. އަދި އެމީހާއަށް މިހާރު ދަނީ ލަންކާގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ސްރީލަންކާގެ ނޫސްތަކުން އަދި ބުނީ އެ ރޯގާގެ އަލާމާތްތަކެއް ހުރުމުން އެންމެ ފުރަތަމަ ހެދި ޓެސްޓްތަކުން އެ މީހާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ. އެހެން ނަމަވެސް އިތުރު ޓެސްޓްތަކުން ވަނީ އޭނާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ޔަގީން ކުރެވިފައި ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ބުންޏެވެ.

ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮރޯނާވައިރަސްއަށް މިހާރު 2000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު އޭގެ ސަބަބުން 81 މީހަކު ވަނީ މަރުވެފަ އެވެ.

ސްރީލަންކާގެ މައި އެއާޕޯޓްކަމަށްވާ، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވާ މީހުން ކޮރޯނާ ވައިރަސްއަށް އަންނަނީ ސްކްރީން ކުރަމުންނެވެ. އަދި ޗައިނާއިން އެ ގައުމަށް އެތެރެވާ މީހުން ހާއްސަ ޓާމިނަލްއަކަށް ގެންގޮސް، އެ ބައްޔަށް އަންނަނީ ވަކިން ސްކްރީން ކުރަމުންނެވެ.

އެގޮތުން ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމުގެ އަލާމާތްތައް ފެނިގެން މިދިޔަ ހަފްތާ ވެސް ވަނީ ހަތަރު މީހަކު އެކަހެރިކޮށް ޓެސްޓްތައް ހަދައިފަ އެވެ. އެހެން ނަމަވެސް، އެ މީހުން ވަނީ ކޮރޯނާ ވައިރަސްއަށް ނެގެޓިވްވެފަ އެވެ.

ނަމަވެސް، ސްރީލަންކާގެ ހެލްތް މިނިސްޓްރީއިން މިއަދު ބުނި ގޮތުގައި، އެ ގައުމަށް އެތެރެވި ޗައިނާގެ ދެ މީހަކާއި ލަންކާގެ ރައްޔިތަކު ވެސް ވަނީ ކޮރޯނާ ހުރިކަމަށް ޝައްކު ވެގެން އެކަހެރިކޮށްފަ އެވެ. އަދި އެ ގައުމަށް އައި ޕާކިސްތާނާއި އިންޑިއާގެ ރައްޔިތެއްގެގައިން ހުމުގެ އަސަރު ފެނިގެން އެ މީހުން ވެސް އެކަހެރިކޮށްފައިވާ ކަމަށް ވެސް އެ ގައުމުން ހާމަކޮށްފައިވެ އެވެ.

ޗައިނާ އާއި ލަންކާގެ އިތުރުން މެލޭޝިއާ، ޓައިވާން، ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ، އެމެރިކާ، އޮސްޓްރޭލިއާ، ފްރާންސް، ސިންގަޕޫރު، ނޭޕާލް އަދި ވިއެޓްނާމް އިންވެސް ކޮރޯނާވައިރަސް ވަނީ ފެނިފަ އެވެ.

ޗައިނާއިން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވޫހާންއާއި އެތައް މިލިއަން މީހުން ދިރިއުޅޭ އިތުރު ސިޓީތަކުގައި ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފަ އެވެ. އަދި ވައިރަސް ފުރަތަމަ ފެތުރެން ފެށިކަމަށް ބެލެވޭ ހުއަނަން ސީފުޑް މާކެޓް ބަންދުކޮށް، އެގައުމުގައި ވަލު ޖަނަވާރު ވިއްކުން ވަގުތީ ގޮތުން ވަނީ، މަނާކޮށްފަ އެވެ. އެ ބާޒާރުން ކަނޑުމަހުގެ އިތުރުން ދިރޭ ވަލު ޖަނަވާރާއި އޭގެ ބައިތައް ކެއުމަށްޓަކައި ވިއްކަމުން ދިޔަ އެވެ. އޭގެ ތެރޭގައި ހިޔަޅާއި ނަގުލަންދާށްޓާއި ކިނބުލާއި އެފަދަ ޖަނަވާރުގެ ނިގުލާއި ދުލާއި ގޮހޮރު ހިމެނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެ ވައިރަހުގެ ސަބަބުން ޗައިނާގައި ސިއްހީ ކުއްލި ހާލަތެއް އިއުލާނުކުރަން ޖެހުނު ނަމަވެސް، އަދި ބައިނަލްއަގުވާމީ ގޮތުން ސިއްހީ ކުއްލި ހާލަތެއް އިއުލާން ކުރަން ނުޖެހޭކަމަށް ބުނެފަ އެވެ.

comment ކޮމެންޓް