ޓެކްސީއެއް ހުއްޓުވައި ބަނގުރާ ފުޅިތަކެއް އަތުލައިގަނެފި

ހުޅުމާލެ އިން މިއަދު ހުއްޓުވި ކާރަކުން ފުލުހުން ރާފުޅިތައް ނަގަނީ --- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ހުޅުމާލެ އިން ޓެކްސީއެއް ހުއްޓުވައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު އެވެ. އެނގިފައިވާ ގޮތުގައި ޓެކްސީއަށް ރާފުޅުތައް އެރުވީ ހުޅުމާލޭ ބޭރުމަގު އެމްޕީއެލް ސަރަހައްދުންނެވެ. ނަމަވެސް ފުޅިތައް ހުރީ ދެ ބެކްޕެކަށް އަޅައިފަ އެވެ. އެހެން ކަމުން ޓެކްސީ ޑްރައިވަރަށް އެއީ ކޯއްޗެއް ކަން އެނގިފައެއް ނުވެއެވެ.

ޓެކްސީ ޑްރައިވަރު 'ސަން' އަށް ބުނީ، ބަންދުކޮށްފައިވާ ފޮށިގަނޑަކާ އެކު ހުޅުމާލެ އިން ނެގި ދެ މީހުން އެދުނީ މާލޭގެ މަޖީދީ މަގާއި ކާސިލީމަގު ގުޅޭ ހިސާބަށް ގެންދިއުމަށް ކަމަށެވެ.

ހުޅުމާލެ އިން މިއަދު ހުއްޓުވި ކާރަކުން ފުލުހުން ރާފުޅިތައް ނަގަނީ --- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ނަމަވެސް ފުލުހުން ވަނީ އެ ޓެކްސީ ހުޅުމާލެ ޓްރީ ޓޮޕް ސަރަހައްދުން ހުއްޓުވައި އޭގެ ޑިކީ ތެރެއިން ދެ ބެކް ޕެކް ނަގައި އޭގައި ހުރި ރާފުޅިތައް ވެސް ނަގާފަ އެވެ.

ފުލުހުން ބުނީ އެ ޓްކެސީން 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 23 އަހަރާއި 24 އަހަރުގެ ބަންގުލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ޓެކްސީއަށް ރާފުޅިތައް އެރުވި ދެ މީހުނެވެ.

comment ކޮމެންޓް