ވަރީގެ އަދަދު 60 ޕަސެންޓު މައްޗަށް، މިދިޔަ އަހަރު 5000 އަށްވުރެ ގިނަ ވަރި!

ރަށެއްގެ މަގުމަތިން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހުސްވި 2019 ވަނަ އަހަރު ރާއްޖޭގައި 5000 އަށް ވުރެ ގިނަ ވަރިކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑީޖޭއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު ކޮށްފައި ވަނީ 5117 ވަރިއެވެ. އެއީ ނިސްބަތުން ދުވާލަކު 14 ވަރިއެވެ.

އޭގެ ކުރީ އަހަރު ރާއްޖޭގައި ކޮށްފައި ވަނީ 3166 ވަރިއެވެ. އެހެންކަމުން 2018 ވަނަ އަހަރާ އަޅާބަލާއިރު 2019 ވަނަ އަހަރު ކުރި ވަރީގެ އަދަދު ވަނީ 61.6 ޕަސެންޓު އިތުރުވެފަ އެވެ.

ކައިވެނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 6509 ކައިވެންޏެއް ކޮށްފައިވެ އެވެ. އެހެންކަމުން އެއީ ނިސްބަތުން ދުވާލެއްގެ މައްޗަށް 17 ކައިވެންޏެވެ.

މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓު އިތުރު އަދަދެކެވެ. ދެހާސް އަށާރަ ވަނަ އަހަރު ކޮށްފައި ވަނީ 5290 ކައިވެންޏެވެ.

ރާއްޖެއަކީ އާބާދީ އާއި ބަލާއިރު މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ. ރާއްޖޭގެ ވަރީގެ ނިސްބަތް ހުރީ 10.97 ރޭޝިއޯ ގަ އެވެ.

comment ކޮމެންޓް