ބީއެމްއެލްއިން 10 ސްކޫލެއްގެ ސެން ކުލާހަށް އެހީ ފޯރުކޮށްދީފި

ބީއެމްއެލް އިން ޝަރަފުއްދީން ސްކޫލުގެ ސެން ކުލާހަށް ހަދިޔާކުރި ތަކެތި. ބީއެމްއެލްއިން ވަނީ 10 ސްކޫލެއްގެ ސެން ކްލާހަށް އެހީތެރިކަން ފޯރުކޮށްދީފައި-- ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކެލާ ސްކޫލް، އިހަވަންދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް، ނ.އަތޮޅު ސްކޫލް، މާފުށި ސްކޫލް، ތޮއްޑޫ ސްކޫލް، ތ.އަތޮޅު ސްކޫލް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލް އަދި ސ. ހިތަދޫ ޝަރަފުއްދީން ސްކޫލަށެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ ޖުމުލަ 300 ވަރަކަށް ކުދިންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ބީއެމްއެލް އިން ހަދިޔާކުރި ތަކެއްޗާ އެކު ސެން ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ހިމެނޭ ހާއްސަ ތެރަޕީތައް ދިނުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

"ސެން ކްލާސްތަކުގެ ކުދިންނަށް ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް 300 އެއްހާ ކުދިންނަށް ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ވަސީލަތްތަކަކީ މި ކުދިންގެ ގާބިލިއްޔަތުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއްކަން ފާހަގަކޮށްލަން. މިކަމުގައި ސްކޫލްތަކުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރަން." ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއެސްއާރު ޕްރޮގްރާމު، "އަހަރެންގެ ބޭންކް"ގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 140 އަށް ވުރެ ގިނަ ހަރަކާތްތައް ވަނީ ހިންގައިފަ އެވެ.

އެ ހަރަކާތްތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މޮޓޮރައިޒްޑް-ވީލްޗެއާ ހަދިޔާ ކުރުމާއި ކުޅިވަރުގެ ހުނަރު ތަރައްގީކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން އަހުލުވެރިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން ހިންގި ހަރަކާތްތައް ހިމެނެ އެވެ.

މީގެ އިތުރުން ބީއެމްއެލް 'ކޮމިއުނިޓީ ފަންޑު'ގެ ދަށުން އެއް މިލިއަން ރުފިޔާގެ ފަންޑަކާއެކު 20 ރަށެއްގައި މުޖުތަމައަށް ފައިދާކުރާނެ ހަރަކާތްތައް ހިންގަން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

comment ކޮމެންޓް