ކޮރޯނާއަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފި، މީހުން އެކަހެރި ކުރަނީ ކ. ފުނަދޫގައި

ހެލްތް މިނިސްޓަރު އަމީން: ކޮރޯނާ ވައިރަސްއަށް ތައްޔާރީ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހާ ގުޅިހެން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށާއި އެބަލި ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އެކަހެރިކުރާނީ ކ. ފުނަދޫގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހަލުވި ކަމާއެކު ޗައިނާއާއި އަދި ބައެއް އެހެން ގައުމުތަކުގައިވެސް ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން މައުލޫމަތު ދިނުމަށް ހެލްތް މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގައި މިހާތަނަަށް އެ ބަލި ފެނިފައި ނުވާކަމަށާއި އަދި އެ ބައްޔަށް ޝައްކު ކުރެވޭ މީހެއްވެސް ފެނިފައި ނުވާ ކަމަަށެވެ. ނަމަވެސް ބަލި ރާއްޖެއިން ފެނިއްޖެ ނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަަމަށް އަމީން ވިދާޅުވިއެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ، މާލެ ކުރިމަތީގައި އޮތް ފުނަދުއަކީވެސް މި ބަލި ފުޅާވެއްޖެ ހިނދެއްގައި އައިސޮލޭޝަން ރަށެއްގެ ގޮތުގައި އެރަށުގެ ޖާގަ ބޭނުންކުރުމަށް. އަދި މި ނޫނަސް ސަރުކާރުން ވިސްނަމުން މިދަނީ، އެނޫން ހާލަތުގައިވެސް ކަންކަން ގޮއްސިނަމަ، ވިސްނާ ފިޔަވަޅުތައް އަޅަމުން މިދަނީ،" އަމީން ވިދާޅުވިއެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިޓިލިޓީގައި ކޮރޯނާ ވައިރަހަށް ފަރުވާ ދިނުމަށް ގާއިމުކުރަން ޖެހޭ ވަސީލަތްވެސް މިހާރު ގާއިމުކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއވެެ. ނަމަވެސް ބަލީގެ ނުރައްކާތެރިކަމާއި މި ބަލި ދުނިޔޭގެ އެހެން ގައުމުތަކުގައި ފެތުރެމުންދާ މިންވަރަށް ބަލާފައި ސަރުކާރުން އިތުރު ފިވަޔަޅުތައް އަޅަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

"މިވަގުތު ރާއްޖޭގައި މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ނުފެނޭ. މިކަމަށް މީހަކަށް ފަރުވާ ދޭން ޖެހޭ ހާލަތެއް ނާދޭ. ކްލިނިކަލީ ހޮސްޕިޓަލް މެދުވެރިކޮށް ދޭން ޖެހޭ ފަރުވާއަކަށް ހޮސްޕިޓަލް ތައްޔާރުވެފައި މިވަނީ. އައިސޯލޭޝަން [ނުވަތަ] ވަކިން ފަރުވާ ދޭން ޖެހޭ ނަމަ، އެ އިންތިޒާމްވެސް ފުރިހަމަވެފައި މިވަނީ،" އަމީން ވިދާޅުވިއެެވެ.

މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަމީން ވިދާޅުވީ، މިހާރު އެއާޕޯޓުގައި ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަކޮށް، ބަލި ފެތުރިއްޖެ ނަމަ އަމަލު ކުރާނެ ގޮތްތަކެއްވެސް ކަނޑައެޅި މިހާރު އަކަންކަމަށް އަމަލު ތައްޔާރުވަމުންދާ ކަމަށެވެ. އަދި ސްކްރީން ކުރުުމުގެ ކަންކަން ކުރަމުންދާ ވަރަކަށް މީހުންނާ ސުވާލުކުރުމުގެ ކަންކަންވެސް އިތުރުވާނެ ކަން އަމީން ފާހަގަކުރެއްވިއެވެ.

"މީހަކާ ސުވާލުކޮށްލާ ކޮންމެ ސުވާލުކޮށްލުމަކީ އެއީ މި ބައްޔަށް ތުހުމަތުކުރެވިގެން ސުވާލުކޮށްލުމެއް ނޫން. އެއީ ސްކްރީން ކުރުމުގެ ކަންކަން ރަނގަޅުކުރުމަށް މި ވިސްނަނީ. ހާއްސަކޮށް އެއާޕޯޓުގައި ބެހެއްޓިފައި ހުރި ކެމެރާއިން ދެނެގަންނަނީ މީހާގެ ބޮޑީ ޓެމްޕަރޭޗަރ. އެއަށް ބަލާފައި މީހުންނާ ފުރަތަމަ ސުވާލު ކުރުނީ. ފުރަތަމަ އިންވެސްޓިގޭޝަން އިން އަޅުގަނޑުމެން ބަލާނީ ޓެސްޓް ކުރަން ޖެހޭ ތޯ،،" އަމީން ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހަށް ރާއްޖެއިން ޓެސްޓް ނުކުރެވެއެވެ. ދުނިޔެއިން އެ ބައްޔަށް ޓެސްޓް ކުރެވެނީ ހަމައެކަނި ހޮންކޮގް އަދި ނެދަލޭޑްސް އިންނެވެ.

އަމީން ވިދާޅުވި ގޮތުގައި މިހާތަނަށް އެއްވެސް މީހެއްގެ ސާމްޕަލް ޓެސްޓް ކުރުމަށަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ކަމަށެވެ. ރާއްޖޭގައި އެއްވެސް މީހަކު ޓެސްޓް ކޮށްފި ނަމަ އެކަން ވަގުތުން ވަގުތަށް އާންމު ކުރައްވާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

"މީހަކަށް ޝައްކު ކުރެވިއްޖެ ކަމަށް ވާ ނަމަ ނުވަތަ މީގެ ކޭސްއެއް ފެނިއްޖެ ކަމަށް ވާ ނަމަ، މިއިން ކޭސް އަކަށް ޓެސްޓް ކުރެވިއްޖެ ކަމަށް ވާ ނަމަ އަޅުގަނޑުމެން ވަގުތުން ވަގުތަށް އެ މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާ ކުރާނަން،" އަމީން ވިދާޅުވިއވެެ.

ޖެނުއަރީ 26، 2020: މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، މި ބައްޔަށް ސްކްރީން ކުރުމުގައި ޗައިނާ ފަތުރުވެރިންނަށް ހާއްސަ ސަމާލުކަމެއް ދީގެން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލެއަށާއި އައްޑޫ ސިޓީ އަދި ކޮލަމްބޯ މެދުވެރިކޮށް، ޗައިނާގެ ފަތުރުވެރިން ގިނަ އަދަދަކަށް ރާއްޖެ އަންނަމުންދާ ކަމަށާއި އެ ސަރަހައްދުތަކަށް ވަކި ސަމާލުކަމެއް ދީގެން އަދި ޕޯޓުތަކުންވެސް ސްކްރީން ކުރުމުގެ ކަންކަން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ބަލީގެ އަލާމަތްތައް ހުރި މީހަކު ދެނެގަންނާނަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑައިބްލިއުއެޗްއޯޯ) އިން އެކަމަށް ކަނޑައަޅާފައި ހުރި ގައިޑްލައިންތަކާއި އަދި އެހެން ގައުމުތަކުގައިވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުުގަނޑު ރައްޔިންތުންނަށް ދަންނަވަން އޮތީ، މިވަގުތު އަދި [ރާއްޖެ] އޮތީ ޕެނިކް ވާން ޖެހޭ ހާލަތެއްގައި ނޫން. ނަމަވެސް މި ބައްޔަކީ، ވަރަށް ނުރައްކާތެރި ބައްޔަކަށް ވެފައި، ހަލުވިކޮށް ފެތުރޭ ބައްޔަކަށްވެފައި، މިއިން ރައްކާތެރިވުމަށްޓަކައި ސަރުކާރު ލެވެލްގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ. އަދި އަޅުގަނޑުމެން ފަރުދީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" އަމީން ވިދާޅުވިއެވެ.

ބަލީގެ އަލާމަތްތައް ދެނެގަތުމާއި، ފަންނީ މީހުންގެ ފަރާތުން މައުލޫމަތުތައް އެނގި، ބަލިން ރައްކާތެރިވެ ތިބުމަށް މިނިސްޓަރު އަމީން އިލްތިމާސްކުރެއްވިއެވެ.

އެ ބަލީގެ އަލާމަތަކީ އާންމު ބަލިތަކުގެ ސިފަތަކެވެ. އެގޮތުން ކެއްސުމާއި ކިބިހި އެޅުމާއި ހުން އައުން ފަދަ އާންމު ރޯގާގެ އަލާމްތަކަކީ މި ބަލީގެވެސް އަލާމާތްތަކެވެ.

މިހާރު މިނިސްޓްރީން ވަނީ އެ ބައްޔަށް ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފައެވެ.

comment ކޮމެންޓް