ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިފައެއް ނުވޭ: ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލް: ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން އެއްވެސް މީހަކު ނުފެންނަ ކަމަށް އެ ހޮސްޕިޓަލުން ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފަށާފައިވާ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު އަދި މިހާތަނަށް ހުޅުމާލޭ ހޮޮސްޕޮޓަލުން ފެނިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ކޮރޯނާ ވައިރަސް ފެނިފައިވާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

އެކަން ދޮގުކޮށް، ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އަދި މިހާތަނަށް އެ ބައްޔަށް ޝައްކު ކުރެވެ މީހަކު ފެނިފައި ނުވާ ކަމަށެވެ.

"އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހަޤީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް" ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ކޮރޮނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވާކަމަށް އިއްޔެ އެޗްޕީއޭ އިން ވެސް ވަނީ ބުނެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި ވައިރަސް ޖެހިފައިވާ މީހަކު ބެލުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ދަނީ ސްކޭން ކުރުމަށްޓަކައި ތާމަލް ކެމެރާ ބަހައްޓާފައެވެ.

ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާންއިން ފުރަތަމަ ފެނުނު އެ ވައިރަސް މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުން ފެނިފައިވާ ކަމަށް އެގައުމުން ބުންޏެވެ. އަދި އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 41އަށް އަރާފައިވާ ކަމަށް ވެސް އެގައުމުން ބުންޏެވެ.

comment ކޮމެންޓް