ގައުމީ ޓީމުގެ އައު ކޯޗަކަށް ހޮލެންޑުގެ މާޓިން ކޫޕްމަން

ގައުމީ ޓީމުގެ ކޯޗަކަށް އަލަށް ހަމަޖެއްސި މާޓިން ކޫޕްމަން --

ހުސްވެފައިވާ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ހޮލެންޑުގެ ތަޖުރިބާކާރު ކޯޗު މާޓިން ކޫޕްމަން ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގައި ލިބުނު ބޮޑު ނާކާމީޔާބީއާ އެކު އޭރު ކޯޗަކަށް ހުރި ޕީޓާ ސެގަޓް މަގާމުން ވަކިކުރިފަހުން މަހެއް ވުރެން ގިނަ ދުވަސްވެފައިވާ އިރު އެ މަގާމަށް މިއަދު ވަނީ އައު ކޯޗަކާއި ކޯޗަށް އެހީތެރިވާނެ އެސިސްޓެންޓް މެނޭޖަރެއް ހަމަޖައްސައިފަ އެވެ.

މިއަދު އެފްއޭއެމް ހައުސްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ގައުމީ ސީނިއާ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފައި ވަނީ ނެދަލެންޑުގެ ތަޖުރިބާކާރު ކޯޗު މާޓިން ކޫޕްމަން އެވެ. އަދި އޭނަގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ 2002 ވަނަ އަހަރު ކޮރެއާ އެކު ކާމިޔާބު ވޯލްޑް ކަޕް ކެމްޕެއިނެއް ހޭދަކުރި މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ، ރެނޭ ހިޑިންކް އެވެ.

ކޫޕްމަން އާއި ރެނޭ ހިޑިންކް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ގައުމީ ޓީމުގެ އާ ކޯޗު މާޓިން ކުޕްމޭނަކީ ކުރިން ނެދަލޭންޑްސްގެ އެކި އެކި ޑިވިޝަންތަކުގެ ކްލަބުތަކަށް ކުޅުނު ކުޅުންތެރިއެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅުނު ކްލަބްތަކުގެ ތެރޭގައި ގޯ އަހެޑް އީގަލްސް އާއި އެފްސީ ޓްވެންޓީގެ އިތުރުން ކެމްބާލީ ވާޑެން ހިމެނެ އެވެ.

އޭގެ ފަހުން މެނެޖީރިއަލް ކެރިއަރު އޭނާ ފެށީ 1989 ވަނަ އަހަރު ކެމްބާގެ ޔޫތު ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. ދެ އަހަރު ދުވަހު ޔޫތު ޓީމަށް އިރުޝާދު ދިނުމަށްފަހު އޭނާ އެ ކްލަބުގެ ސީނިއާ ޓީމުގެ އެސިސްޓަންޓަކަށް ބަދަލުވެ އެ މަގާމުގައި ތިން އަހަރު ހޭދަކުރި އެވެ.

ރާއްޖޭގެ ގައުމީ ކޯޗަކަށް ހަމަޖެއްސި ކޫޕްމަންއަކީ މީގެ ކުރިން ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމުގައި ހުރި ކޯޗެކެވެ. އޭގެ އިތުރުން އޭނާ ވަނީ ސައުދީގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އެގައުމުގެ މަޝްހޫރު ކްލަބު އަލް ނަސްރުގެ ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކޫޕަމަން ބުނީ ރާއްޖޭގެ ކޯޗުކަމާ ހަވާލުވީ ހާލަތު ރަނގަޅަށް އިނގިގެން ކަމަށެވެ. އަދި ކުޅުންތެރިންގެ ޑިސިޕްލިނަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށާއި ކުޅުންތެރިޔާގެ ވަކި އުމުރަކަށް ބެލުމެއް ނެތި ޕަފޯމްކުރާ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ.

ތަފްސީލް އަންނަނީ....

comment ކޮމެންޓް