ނައިފަރު ހައުސިން ޔުނިޓުތަކުގެ މަަސައްކަތް އަލުން ހަވާލުކޮށްފި

ނައިފަރު ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ހައުސިން

ޅ. ނައިފަރުގައި އިމާރާތްކުރަން ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުންފުންޏާ ހަވާލުކޮށްފިއެވެ.

ނައިފަރު ހައުސިން ޔުނިޓުތަކަކީ ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޚާލިސް ޝަރީފެވެ. އަދި ރަޝީދު ކާޕެންޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ރަޝީދެވެ.

އެ މަޝްރޫއު ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ 72،274،661.71 ރުފިޔާއެވެ.

މި ހައުސިންގ ޔުނިޓްގައި ހިމެނެނީ ތިން ބުރީގެ ތިން ބްލޮކްއާއި ހަތަރުބުރީގެ އެއް ބްލޮކްއެވެ. ތިންބުރީގެ ތިން ބްލޮކްގައި ހިމެނެނީ 24 އެޕާޓްމަންޓް ޔުނިޓެވެ. އަދި ހަތަރުބުރީގެ ބްލޮކުގައި ހިމެނެނީ 28 އެޕާޓްމަންޓް ޔުނިޓެވެ.

މިއިން ކޮންމެ ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ސިޓިންގ/ޑައިނިންގ ރޫމެއް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން 1000 އަކަފޫޓުގެ އަމިއްލަ ގޯއްޗެއްގައި އެއް ބުރީގެ ހައުސިން ޔުނިޓު އިމާރާތްކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި ހައުސިން ޔުނިޓުގައި ހިމެނޭނީ ތިން ކޮޓަރިއާއި ތިން ފާހާނާ، ސިޓިންގ/ޑައިނިންގ ރޫމެއްގެ އިތުރުން ސްޓޯރޭޖް އޭރިއާއެކެވެ.

ނައިފަރު ހައުސިން ޔުނިޓުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ، ބިޑު ކާމިޔާބު ކުރި ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއެވެ.

ނަމަވެސް މިނިސްޓްރީއާއެކު އެކުންފުނިން 10 ޖުލައި 2019ގައި ވި އެއްބަސްވުން ބާތިލުކުރީ، އެއީ ޣައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއްކަމަށްވާތީ އެ އެއްބަސްވުން ބާތިލުކޮށް މަޝްރޫއުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ބީލަމަށް ހުޅުވާލުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހައުސިން މިނިސްޓްރީއަށް ލަފާދިނުމުންނެވެ.

comment ކޮމެންޓް