މި ކުއާޓަރުގައި އެސްޓީއޯގެ އަމާޒު ޝިޕިންގް ލައިނެއް ފެށުމަށް

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ--- ސަން ފައިލް ފޮޓޯ

ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެސްޓީއޯއިން ޝިޕިންގް ލައިނެއް ފަށަން ތައްޔާރުވެފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު. ފިއުލް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން އަބްދުލް ވާހިދު މޫސާ "ސަން"އަށް މިއަދު ވިދާޅުވީ އެސްޓީއޯއިން ޝިޕިންގް ލައިނެއްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"މިކަމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށްފަހު މިހާރު ވެސެލް ރެޑީ ކުރަމުން މިދަނީ. ގާތްގަނޑަކަށް 1000 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެއް މިބަލަނީ. ފަށައިގަންނައިރު މަހަކު ދެ ދަތުރު ކުރާ ގޮތަށް." ވާހިދު ވިދާޅުވި އެވެ.

ވާހިދު ވިދާޅުވީ އެސްޓީއޯއިން މި ހިދުމަތް ފަށައި، ޝިޕިންގް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމި މައިގަނޑު ސަބަބަކީ އެސްޓީއޯއަކީ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏަށް ވުމާއެކު އެހެން ވިޔަފާރިތަކަށް ވެސް އެކަން ކުރުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.

ޝިޕިންގް ލައިނެއް ފެށުމަށްޓަކައި ކުރީގެ ސަރުކާރު އޮތްއިރު ވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކި ސަބަބުތަކާހުރެ އޭރު އެކަން ކާމިޔާބު ނުވީ ކަމަށް ވާހިދު ވިދާޅުވި އެވެ.

އެސްޓީއޯއިން ޝިޕިންގް ލައިނެއް ފަށަން ތައްޔާރުވަމުން އަންނައިރު، ރާއްޖެއަށް މުދާ އެތެރެކުރާ، ފޯވަޑިންގް އޭޖެންޓުން ނުގަވާއިދުން ފީތަކެއް ނަގާ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.

https://sun.mv/130280

މިކަމާ ގުޅޭ މައްސަލައެއް ކޯޓަށް ވެސް ވައްދާފައިވާއިރު، މި މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ވިޔަފާރިވެރިން ވަނީ ގެނެސްފަ އެވެ.

comment ކޮމެންޓް